އިގްތިސާދު 85 ބިލިއަނަށް ގެންދެވޭނީ ދަރަންޏަށް ފައިސާ ނަގައި، ހަރަދުކޮށްގެން: އަމީރު

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު--

ރާއްޖޭގެ އިގްތިސާދު ކޮވިޑް19 ޕެންޑެމިކް ކުރިމަތިވުމުގެ ކުރިން އޮތް ހާލަތަށް ގެންދެވޭނީ ދަރަންޏަށް ފައިސާ ނަގައި، ހަރަދުކޮށްގެން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާޙިމް އަމީރު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓަރު އަމީރު ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ހުށަހެޅިއިރު އެންމެ ބޮޑު އިސްކަމެއް ދީފައިވާނީ މިހާރު ކުރިމަތިވެފައި މިއޮތް އިގްތިސާދީ ތަދުމަޑުކަމުން ވީހާވެސް އަރައިގަނެ، ކުރިން އޮތް ހާލަތަށް ގެންދިއުމަށް ކަމަށެވެ.

"ޑިސެމްބަރު 2019ގައި އަޅުގަނޑުމެންގެ އިގްތިސާދު އޮތީ ގާތްގަނޑަކަށް 85 ބިލިއަން ރުފިޔާގައި. ނޮވެމްބަރު 2020ގައ އަޅުގަނޑުމެން މިދެކޭ ހަގީގަތަކީ އަޅުގަނޑުމެންގެ އިގްތިސާދު މިއޮތީ ގާތްގަނޑަކަށް 54 ބިލިއަން ރުފިޔާގައި." މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގައި ލިބޭނެކަމަށް ލަފާކުރާ އާމްދަނީއަށްވުރެ ދެގުނަ އިތުރަށް ހަރަދުކުރަން ހިމަނާފައިވާތީ، އާމްދަނީއާ އެކަށީގެންވާ މިންވަރަކަށް ހަރަދުކުރަން ބަޖެޓް ބަހުސްގައި ބައެއް މެމްބަރުން ވެސް ވަނީ ގޮވާލައްވާފަ އެވެ. މިނިސްޓަރު އަމީރު ވިދާޅުވީ އެގޮތަށް ބަޖެޓު ކުޑަކޮށްފިނަމަ ދެން ތިބެން ޖެހޭނީ މިހާރު މިއޮތް އިގްތިސާދުގައި ކަމަށެވެ.

ބަޖެޓުގައި ހިމަނާފައިވާ ކަންކަމަކީ މި ހާލަތުން އަރައިގަތުމަށްޓަކައި ކޮންމެހެންވެސް ކުރަން ޖެހޭ ކަންކަން ކަމަށާއި މިއީ ދަރަންޏަށް ފައިސާ ނަގައިގެންވެސް އިގްތިސާދު ފުޅާކުރަންވީ ވަގުތު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ޕްރިއޮރަޓައިޒް ކޮށްގެން ލިބޭ މިންވަރަކުން ހޯދައިގެން، ދަރަންޏަށް ފައިސާ ނަގައިގެންވެސް މި އިގްތިސާދު ފުޅާކުރަން، ކުރިން އޮތް އިގްތިސާދަށް ދާން މަސައްކަތް ކުރަން މި ޖެހެނީ. މި އިގްތިސާދު ފުޅާކޮށްގެން ނޫނީ އިތުރަށް މުސްތަގްބަލަށް ލިބޭނެ އިތުރު އާމްދަނީއެއް ނެތް." މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި 34.7 ބިލިއަން ރުފިޔާގެ ބަޖެޓުގައި އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 17.7 ބިލިއަން ރުފިޔާ އެވެ. އަދި ހަރަދުގެ ގޮތުގައި އަންނަ އަހަރު 33.2 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ. ބަޖެޓު ޑެފިސިޓަކީ 15.50 ބިލިއަން ރުފިޔާ އެވެ.

comment ކޮމެންޓް