ޓީޓީއެމް މޯލްޑިވްސް ވާޗުއަލްގެ މެއިން ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް

މިއަހަރުގެ ޓީޓީއެމް މޯލްޑިވްސް ވާޗުއަލްގެ މެއިން ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސައިފިއެވެ.

މިމަހުގެ 24 އިން 26އަށް ކުރިއަށްގެންދާ ޓީޓީއެމް މޯލްޑިވްސް ވާޗުއަލްއަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ބައިނަލްއަގްވާމީ ޓްރެވެލް ޓްރޭޑް ފެއާއެވެ.

މިކަމާ ގުޅޭ އެއްބަސްވުމުގައި އުރީދޫގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެކްޓިން ޗީފް އެކްޒެކެޓިވް އޮފިސަރު ހުސައިން ނިޔާޒްއެވެ. އަދި އޯކާ މީޑިއާ ގުރޫޕްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޑރ. ހުސައިން ސަނީ އުމަރެވެ.

މި އެއްބަސްވުމާއިއެކު އުރީދޫ މޯލްޑިވްސްއިން ރާއްޖޭގެ ފަތުރުވެރިކަމަށް އެހީތެރިވެދޭނެއެވެ. އުރީދޫ މޯލްޑިވްސްއިން ވަނީ މިއަހަރުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް ޑެސްޓިނޭޝަން މާކެޓިން ކެންޕޭނެއްވެސް ލޯންޗްކޮށްފައެވެ.

މި ކެންޕެއިންގެ ތެރެއިން އުރީދޫގެ އަމާޒަކީ ދުނިޔޭގެ 10 ގައުމަކުން 117 މިލިއަން މީހުންނާއި ހަމައަށް ވާސިލްވެ ރާއްޖެ ޕްރޮމޯޓްކުރުމެވެ.

މިއަހަރުގެ ޓީޓީއެމް ފެއާގައި 150 ރިސޯޓް އަދި ހޮޓެލްއާ 200 އޮޕަރޭޓަރުން ބައިވެރިވާނެއެވެ. މިއީ ޓީޓީއެމް މޯލްޑިވްސް ބާއްވާ ހަތަރުވަނަ ފަހަރެވެ.

ޓީޓީއެމްގައި ބައިވެރިވާ ފަރާތްތަކަށް ޓީޓީއެމް ޓްރެވެލް ސަމިޓްގައި ބައިވެރިވުމުގެ ފުރުސަތު ލިބި، ޓީޓީއެމްގެ މެގަޒިންގައި ހިމެނުމުގެ ފުރުސަތު ވެސް ލިބިގެންދާނެއެވެ. އިނގިރޭސި ބަހުން ނެރޭ މި މެގަޒިންއަކީ ބައިނަލްއަގްވާމީ އެކި ފެއާތަކުގައިވެސް ރާއްޖެ ޕްރޮމޯޓް ކުރަން ބަހާ މެގަޒިންއެކެވެ.

ޓީޓީއެމްގައި ބައިވެރިވާ އެގްޒިބިޓަރުންނަށް ގިނަ ފައިދާތަކެއް ލިބެ އެވެ. އޭގެ ތެރޭގައި ކުރިއާލާ ބައްދަލުވުންތައް ހަމަޖައްސައި ބޭއްވުމުގެ މަގު ފަހިވެގެންދާ "ކަނެކްޓް" ސޮފްޓްވެއާ ބޭނުންކުރުމުގެ ފުރުސަތު ލިބުމާއި އިވެންޓްގެ ތެރެއިން ލިބޭ ކޮފީ، ސައި އަދި އެކި ބާވަތުގެ ބުއިންތައް ހިމެނެ އެވެ. އަދި ޓީޓީއެމް ހަރަކާތްތައް ނިންމާލާ ގާލާ އިވެންޓަށްވެސް ދައުވަތު ލިބިގެންދާނެއެވެ.

މިއަހަރުގެ ޓީޓީއެމް ޓްރެވެލް ސަމިޓް އޮންނާނީ މި މަހުގެ 24ވަނަ ދުވަހުގައެވެ. އަދި ޓީޓީއެމް މޯލްޑިވްސް އޮންނާނީ މިމަހުގެ 25 އިން 26 އަށެވެ. ޓްރެވެލް ޓްރޭޑް މޯލްޑިވްސްއަކީ އޯކާ މީޑިއާ ގްރޫޕުން ކުރިއަށްގެންދާ ހަރަކާތެކެވެ. އޯކާ މީޑިއާ ގުރޫޕަކީ ރާއްޖޭގެ މީޑިއާ އަދި މާކެޓިންގެ މަސައްކަތްތަކުގައި ހަރަކާތްތެރިވާ ދިވެހި ކުންފުންޏެކެވެ.

comment ކޮމެންޓް