ހަކުރުބަލީގެ ދުވަސް ފާހަގަކުރަން ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދަނީ

އައްޑޫގައި ކުރިއަށް ދިޔަ ހަކުރުބައްޔަށް ސްކްރީން ކުރުމުގެ ހަރަކާތުގެ ތެރެއިން -- ފޮޓޯ/ އޭއީއެޗް

ދުނިޔޭގެ ހަކުރުބަލީގެ ދުވަސް ފާހަގަކުރުމަށް ރާއްޖޭގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފިއެވެ.

ހަކުރުބަލިން ރައްކާތެރިވެ ތިބުމަށް އާންމުން ހޭލުންތެރި ކުރުމުގެ ގޮތުން ދުނިޔޭގެ ހަކުރުބަލީގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހެވެ.

އިންޓަނޭޝަނަލް ޑައިބެޓީސް ފެޑެރޭޝަންއިން (އައިޑީއެފް) އިން އަހަރުގެ ހަކުރުބަލީގެ ދުވަހުގެ ޝިއާރުގެ ގޮތުގައި ކަނޑައަޅާފައި ވަނީ "ހަކުރުބައްޔަށް ތަފާތު ދެއްކުމުގައި ނަރުހުން" އެވެ.

އެ ޝިއާރަކީ 2020 އަދި 2021 ގައިވެސް ބޭނުންކުރުމަށް އާއްމު ކޮށްފައިވާ ޝިއާރެވެ. އެ ޝިއާރުގެ މަގުސަދަކީ ހަކުރުބަލި ޖެހިފައިވާ މީހުންނާއި އާއިލާތަކައް އެހީތެރިވެ އެއްބާރުލުން ދިނުމުގައި ނަރުހުން އަދާކުރާ އިސް ދައުރު ފާހަގަކުރުމެވެ.

އެޗްޕީއޭ އިން ބުނީ މި އަހަރުގެ ހަކުރުބަލީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެކިދުވަސް ތަކަށް ބަހާލައިގެން ޓީވީ އަދި ރޭޑިއޯ ޕްރޮގްރާމު ތަކުގައި ތަޖުރިބާކާރުން ހަކުރުބައްޔާ ބެހޭގޮތުން މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަދި ހަކުރުބައްޔަށް އަހުލުވެރި ކުރުމުގެ ގޮތުން މިރޭ އައިޖީއެމްއެޗް އާއި، ޑައިބެޓިސް ސޮސައިޓީ އަދި އެޗްޕީއޭ ގުޅިގެން ވެބިނާ އެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ ވެބިނާގައި މައުލޫމާތު ދެއްވާނެ ބޭފުޅުންގެ ތެރޭގައި ޑައިޓިޝިއަނުން، ނިއުޓިރިޝަނިސްޓުން، ފިޒީޝިއަނުން، އަދި ޕަބްލިކް ހެލްތު އެކްސްޕާޓުން ހިމެނެއެވެ.

އަދި ވެބިނާގައި ސުވާލުކުރުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލާފައިވާ ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.

ހަމައެއާއެކު ހަކުރުބަލީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އޮފީސް މާހައުލުގައި "މޫވް ފޯ ޑައިބެޓިސް" ގެ ނަމުގައި ކަސްރަތު ކުރުމުގެ ހަރާކާތްތަކެއް ދުވަސް ފެށުމުގެ ކުރިން ކުރުން އެދެވިގެންވާ ކަމަށާއި އޮފީސްތަކުން ހަރަކާތްތަކުގައި ނަގާ ފޮޓޯ އެޗްޕީއޭ އަދި ޑައިބެޓިސް ސޮސައިޓީ އޮފް މޯލްޑިވްސް އަށް ޓެގްކޮށް ސޯޝަލް މީޑިއާގައި "#movefordiabetes, #WWD2020, #unitedfordiabetes" ހޭޝްޓެގް ބޭނުންކޮށްގެން ހިއްސާކުރުމަށް ވެސް ވަނީ އެދިފައެވެ.

ކޮންމެ މީހަކަށްވެސް އެ ހަރަކާތުގައި ބައިވެރިވެވިދާނެ ކަމަށާއި އެގޮތުން ކުރެވިދާނެ ބައެއް ހަރަކާތްތަކުގެ ތެރޭގައި ދުވުން، ހިނގުން، ޔޯގާ، ފެތުން އަދި ކުޅިވަރުގެ އެކިއެކި ހަރަކާތްތައް ހިމެނޭ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ހަކުރު ބައްޔަކީ ދުނިޔޭގެ ގިނަ ބަޔަކު ތަހައްމަލު ކުރަން ޖެހިފައިވާ ސިއްހީ މައްސަލައެކެވެ. ހަކުރުބަލި ހުރިކަމަށް ބެލެވެނީ މީހެއްގެ ލޭގައި ހަކުރު ހުންނަންވީ ވަރަށްވުރެ އިތުރުވެފައި ހުރުމުންނެވެ.

ހަކުރު ބަލީގެ ދެ ވައްތަރެއް ހުރެއެވެ. އެއީ " ޓައިޕް1 ޑައިބެޓީސް އަދި ޓައިޕް2 ޑައިބެޓީސް އެވެ. ޓައިޕް1 ޑައިބެޓީސް އަކީ ހަށިގަނޑުގައި އިންސިއުލިން ބޭނުންވާ ވަރަށް ނުއުފެއްދުމުގެ ސަބަބުން ޖެހޭ ހަކުރުބައްޔެވެ. އަދި ޓައިޕް2 ޑައިބެޓީސް އަކީ ހަށިގަނޑުގައި އިންސިއުލިން އުފެއްދި ނަމަވެސް ހަށިގަނޑު މާ ބޮޑަށް ފަލަވެ، ބަރުދަން ހުންނަން ޖެހޭ ވުރެ އިތުރުވެ، ހެލިފެލިވެ އުޅުން މަދުވުމާ ގުޅިގެން، ހަށިގަނޑުން އުފައްދާ އިންސިއުލިން ބޭނުން ނުކުރެވޭތީ ޖެހޭ ހަކުރު ބައްޔެވެ.

އޭގެ އިތުރުން ވެސް އާއިލާގައި ހަކުރުބަލީގެ މީހުން ތިބުމާއި، ދުންފަތުގެ އިސްތިއުމާލު ކުރުމާއި މާބަނޑު ދުވަސްވަރު ހަކުރު މަތިވުމުން މިބަލި ޖެހުމަށް މަގުފަހިވެއެވެ.

އިންޓަނޭޝަނަލް ޑައިބެޓީސް ފެޑަރޭޝަންގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ދުނިޔޭގެ 463 މިލިޔަން މީހުންނަކީ ހަކުރުބަލީގެ މީހުންނެވެ. މީގެ ތެރެއިން ގިނަ މީހުން ތަހައްމަލު ކުރަމުންދަނީ "ޓައިޕް2 ޑައިބެޓީސް" އެވެ.

މިދިޔަ އަހަރު 4.2 މިލިޔަން މީހުން ހަކުރުބަލީގެ ސަބަބުން ވަނީ މަރުވެފައެވެ. ރާއްޖޭގެ ޑިމޮގްރަފިކް ހެލްތް ސާވޭ 2016-2017 އިން ދެއްކި ގޮތުގައި ރާއްޖޭގެ ހަތަރު ޕަސެންޓު އަންހެނުން އަދި ދެ ޕަސެންޓު ފިރިހެނުން ހަކުރުބަލި ޖެހިފައިވާކަމަށް ރިޕޯޓް ކޮށްފައިވެއެވެ.

އޭގެ ތެރެއިން 50 ޕަސެންޓު އަންހެނުން އަދި 40 ޕަސެންޓު ފިރިހެނުން ހަކުރުބައްޔަށް ބޭސްފަރުވާ ކުރާކަމަށް ރިޕޯޓްކޮށްފައިވެއެވެ.

ދެހާސް އަށާރަ ވަނަ އަހަރުގައި ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާއިން ނެރެފައިވާ ރިޕޯޓުން ދައްކާ ގޮތުގައި ރާއްޖޭގައި 3.7 ޕަސެންޓު މީހުން މަރު ވަނީ ހަކުރުބަލީގެ ސަބަބުންނެވެ.

ހަކުރުބަލީގެ ބައެއް އަލާމާތް ތަކުގެ ތެރޭގައި އަވަސް އަވަހަށް ކުޑަކަމުދާން ޖެހުން، ކަރުހިއްކާ ފެންބޮވުން، އާދަޔާހިލާފަށް ބަޑުހައިވުން، ބަރުދަނަށް ބަދަލު އައުން އަދި ވަރުބަލިވުން ހިމެނެވެ.

އެހެންކަމުން ކަސްރަތު ކުރުމާއި ސިއްހަތަށް ފައިދާ ހުރި ރަނގަޅުކާނާ ކެއުމާއި ދުޅަހެޔޮ މާހައުލެއް ގާއިމު ކުރުމަކީ ހަކުރުބަލީން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކެއް ކަމަށް އެޗްޕީއޭއިން ބުންޏެވެ.

comment ކޮމެންޓް