ފަގީރު ގައުމުތަކުގެ ދަރަންޏާ ބެހޭ ޖޮއިންޓް އޮނިގަނޑެއް ޖީ20 ގައުމުތަކުން އެކުލަވާލައިފި

ފަގީރު ގައުމުތަކުގެ ދަރަންޏާ ބެހޭ ޖޮއިންޓް އޮނިގަނޑެއް ޖީ20 ގައުމުތަކުން ވަނީ އެކުލަވާލާފަ -- ފޮޓޯ: ރޮއިޓާސް

ޕެރިސް (ނޮވެމްބަރު 13): ކޮވިޑް ބަލިމަޑުކަމުގެ ސަބަބުން މާލީ ދަތިތަކާ ކުރިމަތިވެފައިވާ ފަގީރު ގައުމުތަކުން ދަރަނި ދައްކާނެ ގޮތާ ބެހޭ ގޮތުން ޖީ20 ގައުމުތަކުން ޖޮއިންޓް އޮނިގަނޑެއް އެކުލަވާލައިފި އެވެ.

ޖީ20 ގައުމުތަކުގެ ފިނޭންސް މިނިސްޓަރުން އިއްޔެ ބޭއްވެވި އޮންލައިން ބައްދަލުވުމެއްގައި ހާމަކުރި އޮނިގަނޑުގެ ދަށުން އެކި ގައުމުތަކުގެ ހާލަތަށް ބަލައި، ދަރަނި ލުއި ކުރަން ނުވަތަ ދަރަނި ދެއްކުމުގެ މުއްދަތަކަށް ބަދަލު ގެންނަން ނިންމާނެ އެވެ. އަދި އެ އޮނިގަނޑުގައި ޕްރައިވެޓް ކްރެޑިޓަރުން ވެސް ހިމެނޭނެ އެވެ.

"މި ޖޮއިންޓް ފްރޭމްވޯކްގައި ހިމެނޭ ފަރާތްތަކުން މިހާރުން ފެށިގެން މި ފްރޭމްވޯކު ތަސްދީގު ކުރަން ޖެހޭ. ދަރަންޏާ ބެހޭ ގޮތުން ދެފުށް ފެންނަ ގޮތަކަށް އަމަލު ކުރުމަކީ ވަރަށް މުހިއްމު ކަމެއް،" ޖަޕާނުގެ ފިނޭންސް މިނިސްޓަރު ޓަރޯ އަސޯ ވިދާޅުވި އެވެ.

މިދިޔަ މަހު ވޯލްޑް ބޭންކުން ބުނި ގޮތުގައި ދުނިޔޭގެ އެންމެ ފަގީރު 73 ގައުމުގެ ދަރަނި ވަނީ މިދިޔަ އަހަރު 744 ބިލިއަން ޑޮލަރަށް އަރާފަ އެވެ. އެއީ އޭގެ ކުރީ އަަހަރާ އަޅާ ބަލާ އިރު 9.5 ޕަސެންޓު އިތުރު އަދަދެކެވެ. އޭގެ ތެރެއިން އެގައުމުތަކުން ސަރުކާރު ކްރެޑިޓަރުންނަށް ދައްކަން ޖެހޭ ދަރަނީގެ އަދަދު 178 ބިލިއަން ޑޮލަރަށް އަރަ އެވެ. އަދި އޭގެ ތެރެއިން 63 ޕަސެންޓަކީ އެގައުމުތަކުން ޗައިނާއަށް ދައްކަން ޖެހޭ މިންވަރެވެ.

ޖީ20ގެ އޮނިގަނޑުގެ ދަށުން ދުނިޔޭގެ އެހެން ބޮޑެތި އިގުތިސާދުތަކާ އެއްގޮތަށް ޗައިނާއިން ވެސް ދަރަނީގެ ލުއިތައް ދޭން ޖެހޭނެ އެވެ.

ދުނިޔޭގެ އެންމެ ފަގީރު 73 ގައުމުން ދަރަނި ދެއްކުން ލަސް ކުރުމަށް ޖީ20އިން މިދިޔަ އޭޕްރިލް މަހު ފާސް ކުރި ޑެޓް ސާވިސް ސަސްޕެންޝަން އިނިޝިއޭޓިވް (ޑީއެސްއެސްއައި) މިދިޔަ އޮކްޓޯބަރު މަހު ވަނީ އަންނަ އަހަރުގެ ޖޫން މަހާ ހަމަޔަށް އިތުރުކޮށްފަ އެވެ.

comment ކޮމެންޓް