ދައުލަތުގެ ދަރަނި ބޮޑުވެ، ކްރެޑިޓް ރޭޓިން ދަށަށް ދިއުމާއެކު ފިޗް ރޭޓިންސްއިން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ރޭޓިން "ބީ"އިން "ސީސީސީ"އަށް ދަށްކޮށްފި އެވެ.
ރާއްޖޭގެ އިގްތިސާދު ދަށަށް ދިއުމާއެކު ފިޗުން ވަނީ މިމަހުގެ ފަސްވަނަ ދުވަހު ރާއްޖޭގެ ކްރެޑިޓް ރޭޓިން ސީސީސީއަށް ދަށްކޮށްފަ އެވެ.
އެޗްޑީސީގެ ކްރެޑިޓް ރޭޓިންގް މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައި އޮތީ "ބީ ޕްލަސް" ރޭޓިންގްގައެވެ. އެއީ 2019 ގެ މާޗު މަހުގައެވެ. އެއަށްފަހު އެ ރޭޓިންގް "ބީ" އަށް ދަށްކުރީ މި އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައެވެ.
އެޗްޑީސީގެ ރޭޓިން ދަށްކުރި މައިގަނޑު ސަބަބެއް ކަމަށް ފިޗްއިން ބުނީ، އެޗްޑީސީއަކީ ސަރުކާރުން މާލީ އެހީތެރިކަން ލިބޭ ކުންފުންޏަކަށް ވެފައި، ރާއްޖޭގެ ރޭޓިން ދަށްވުމުން ކަމަށެވެ.
އެގޮތުން މިދިޔަ އަހަރު ނިމުނުއިރު، ފިނޭންސް މިނިސްޓްރީން އެޗްޑީސީގެ ދަރަނީގެ 22 ޕަސެންޓު ފަންޑުކޮށްދީ، 73 ޕަސެންޓަށް ގެރެންޓީދީފައިވާ ކަމަށް ފިޗްއިން ބުނެ އެވެ.
އެހެންކަމުން ސަރުކާރަށް ފައިސާ ހޯދުމުގައި ކުރިމަތިވަމުންދާ ދަތިތަކުގެ ސަބަބުން އެޗްޑީސީއަށް ފައިނޭންސިން ހޯދުމުގައި ވެސް ދަތިތަކާ ކުރިމަތިވެދާނެ ކަމަށް ފިޗްއިން ބުނެ އެވެ.
ރާއްޖޭގެ ކްރެޑިޓް ރޭޓިންއަށްފަހު އެޗްޑީސީގެ ރޭޓިންވެސް ދަށްކޮށްފައިވާއިރު، ކުރިން ލަފާކުރި ވަރަށްވުރެ ރާއްޖޭގެ އިގްތިސާދަށް ކޮށްފައިވާ ނޭދެވޭ އަސަރު ބޮޑު ކަމަށް ފިޗްއިން ވަނީ ބުނެފަ އެވެ.
ރާއްޖޭގެ ރޭޓިން ދަށްކުރި ސަބަބު ބަޔާންކޮށް ފިޗްއިން ބުނީ ކޮވިޑުގެ ސަބަބުންނާއި ދަރަނި ނަގައިގެން ހިންގާ މަޝްރޫއުތަކުގެ ސަބަބުން ރާއްޖޭގެ ދަރަނި އިތުރުވެފައިވާ ކަމަށެވެ. އަދި ބޭރުން ފައިސާ ހޯދާނެ އިންތިޒާމު ހަމަޖެހުނު ނަމަވެސް، ބޭރު ފައިސާ ހޯދަން ދަތިވެފައިވާ ކަމަށާއި ފަތުރުވެރިކަން ހަމައަކަށް ނޭޅެނީސް ރާއްޖެއަށް ބޭރުފައިސާ ހޯދަން ދަތިވާނެ ކަމަށް ވެސް ފިޗްއިން ބުނެ އެވެ.