ރާއްޖޭގެ ފިޗް ރޭޓިން ހައްތާހާ ދަށަށް، ދަރަނި ނުދެއްކި ދާނެ ކަމުގެ ބިރު

އެމްއެމްއޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ލަފާކުރި ވަރަށްވުރެ ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށްވެފައިވާތީ، ރާއްޖޭޭގެ ކްރެޓިޑް ރޭޓިން "ބީ މައިނަސް" އިން "ސީސީސީ" އަށް ދަށްކޮށްފި އެވެ.

ފިޗް ރޭޓިންގްސް އިން ރާއްޖެއަށް ދިން ބީ ރޭޓިން ދަށްކުރި ސަބަބު ބަޔާންކޮށް އެ އެޖެންސީއިން ބުނީ ކުރިން ލަފާކުރި ވަރަށްވުރެ ރާއްޖޭގެ އިގްތިސާދަށް ކޮށްފައިވާ ނޭދެވޭ އަސަރު ބޮޑު ކަމަށެވެ. ކޮވިޑުގެ ސަބަބުންނާއި ދަރަނި ނަގައިގެން ހިންގާ މަޝްރޫއުތަކުގެ ސަބަބުން ދަރަނި އިތުރުވެފައިވާ ކަމަށްވެސް ފިޗުން ބުންޏެވެ.

ބޭރުން ފައިސާ ހޯދާނެ އިންތިޒާމު ހަމަޖެހުނު ނަމަވެސް، ބޭރު ފައިސާ ހޯދަން ދަތިވެފައިވާ ކަމަށާއި ފަތުރުވެރިކަން ހަމައަކަށް ނޭޅެނީސް ރާއްޖެއަށް ބޭރުފައިސާ ހޯދަން ދަތިވާނެ ކަމަށް ފިޗުން ބުންޏެވެ.

ރާއްޖެ އޮތީ އިންޓަނޭޝަނަލް ކޮމިޔުނިޓީގެ އެއްބާރުލުމަށް ވަރަށް ބޭނުންވެފައި ކަމަށާއި، ބައިލެޓްރަލް އަދި މަލްޓިލެޓްރަލް ފައިނޭންސިން ރާއްޖެއަށް ބޭނުންވާކަމަށް އެ ބަޔާނުގައި ބުންޏެވެ. ރާއްޖޭގެ ދަރަނި އަދާކުރުމުގައި ގޮންޖެހުންތައް ގިނަކަމަށް ފިޗުން ގަބޫލުކުރާ ކަމަށްވެސް ބުނެފައިވެ އެވެ.

ފާއިތުވި މަސްތަކުގައި ރާއްޖޭގެ އިގްތިސޯދާ ބޮޑުތަނުން ދަށަށް ގޮސްފައިވާ ކަމަށާއި ދުނިޔޭގެ ނިސްބަތުންވެސް އިގްތިސާދަށް އެންމެ ބޮޑު އަސަރެއް ކުރާނެ ކަމަށް ބެލެވޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށް ފިޗުން ބުނެފައިވެ އެވެ. އެގޮތުން ރާއްޖޭގެ އިގްތިސާދު 30 ޕަސެންޓް ދަށަށް ދާނެ ކަމަށާއި މިއީ 2009 ވަނަ އަހަރުގެ ގްލޯބަލް ފައިނޭންޝަލް ކްރައިސިސް އާއި 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާ ގެ ސަބަބުން ލިބުނު ގެއްލުމަށްވުރެ އެތައް ގުނައެއް ބޮޑު ގެއްލުމެއް ކަމަށްވެސް ބުނެފައިވެ އެވެ.

ފިޗުން ލަފާކޮށްފައިވާގޮތުން 2021 ވަނަ އަހަރު 16 ޕަސެންޓު އަދި 2022 ވަނަ އަހަރު 20 ޕަސެންޓުގެ ކުރިއެރުމެއް ރާއްޖޭގެ ޓޫރިޒަމަށް އަންނާނެ އެވެ. ނަމަވެސް މިއީ ލަފާކުރިވަރަށްވުރެ ލަސް ކުރިއެރުމެއް ކަމަށް ފިޗުން ބުންޏެވެ.

ސަރުކާރުގެ ދަރަނި ޖީޑީޕީގެ ނިސްބަތުން 110.7 ޕަސެންޓަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި ފިސްކަލް ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން 21.7 އަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ފިޗުން ބުންޏެވެ. ފިޗުން ލަފާކޮށްފައިވާގޮތުން ރާއްޖޭގެ ދަރަނި އަދާނުކުރެވިދާނެ ކަމުގެ ބިރު ހީވާ ހިސާބަށް އިގްތިސާދީ ހާލަތު މިހާރު ވަނީ ގޮސްފަ އެވެ.

ހާލަތުގެ ސަބަބުން މުޅި ދުނިޔޭގެ އިގްތިސާދަށް އަސަރުކޮށްފައިވާއިރު ބޭރުން އެހީ ހޯދުމުގައި ދަތިތައް ހުރިކަން ފާހަގަ ކޮށްފައިވެ އެވެ. މިއަހަރުގެ ހަތަރުވަނަ ކުއާޓަރުން 2022 ވަނަ އަހަރުގެ ދެވަނަ ކުއާޓަރާއި ހަމައަށް ދައުލަތުން ދައްކަންޖެހޭ 494 މިލިއަން ޑޮލަރުގެ ދަރަނި އެބައޮތް ކަމަށާއި އޭގެ ތެރެއިން 142 މިލިއަން ޑޮލަރު އަންނަ އަހަރާއި ހަމައަށް ދައްކަން ޖެހޭ ކަމަށް ފިޗުން ފާހަގަކުރެ އެވެ. މީގެ އިތުރުން ސަރުކާރުން ގެރެންޓީ ދީފައިވާ ލޯނުގެ އަދަދުވެސް ބޮޑު ކަމަށާއި 2022 ވަނަ އަހަރާއި ހަމައަށް ދައްކަންޖެހޭ 568 މިލިއަން ޑޮލަރު އޮތްއިރު 277 ޑޮލަރު ދައްކަން ޖެހެނީ އަންނަ އަހަރުގެ ނިޔަލަށް ކަމަށް ފާހަގަ ކޮށްފައިވެ އެވެ.

މި ހާލަތުގައިވެސް ބޭރުގެ ފައިނޭންޝަލް އިންސްޓިޓޓިއުޝަންތަކުން ރާއްޖެއަށް އެީތެރިކަން ދީފައިވާކަން ފިޗުން ފާހަގަކޮށްފައިވެ އެވެ. ކުރިއަށް އޮތް ތަނުގައިވެސް ލޯނު ފަސްކޮށްދިނުން ފަދަ އެހީތެރިނަކް ރާއްޖެ އަށް ލިބޭނެ ކަމަށް ފިޗުން ލަފާކުރެ އެވެ.

comment ކޮމެންޓް