ސަރުކާރުގެ ފުރަތަމަ ދެ އަހަރަށް އިދިކޮޅުން ދިނީ "އެފް" ރިޕޯޓެއް

ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް -- ސަން ފައިލް ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ދެ އަހަރު ފުރެން ދާއިރު ރައްޔިތުންނަށް ވައުދުވި ކަންކަން ކޮށްދެވިފައި ނުވާކަމަށް ބުނެ އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވަނީ އެމްޑީޕީ ލީޑުކުރާ ކޯލިޝަން ސަރުކާރުގެ ފުރަތަމަ ދެ އަހަރަކީ ރައްޔިތުންނަށް ގެއްލުނު ދެ އަހަރުގެ ގޮތުގައި ސިފަކުރައްވައިފައެވެ.

އެގޮތުން ގޭންގް މާރާމާރީއާއި މުޖުރިމުންގެ ފަރާތުން ފާހަގަ ކުރެވޭ ހަރުކަށި ފިކުރާއި ހައްދުފަހަނައެޅުމުގެ ފިކުރާ، އިސްލާމް ދީނާ ގުޅުވަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާއި އަދި ރާއްޖޭގައި އިސްލާމް ދީނަށް ތަފާތު ގޮންޖެހުންތައް ކުރިމަތިވާ ހާލަތްތަކުގައި، ދިވެހިންގެ އަގީދާ ބަލިކަށިވާގޮތަށް ސަރުކާރުން އަމަލުކުރާ ކަމަށް ވިދާޅުވިއެވެ.

ހަމައެއާއެކު ރާއްޖޭގައި ބޮޑެތި މުންކަރާތްތައް އިތުރުވެ، ރޭޕް ކުރުމާއި ޖިންސީ ފުރައްސާރަކުރުން އާންމުވަމުން އަންނަ ކަމަށް ޝަރީފް ވިދާޅުވިއެވެ.

"މީހުން ކިޑްނެޕް ކުރަން ފަށައިފި. ގޮތް ނޭނގޭ މަރުތައް އިތުރުވެއްޖެ. ރޭޕް ކުރުމާއި ޖިންސީ ފުރައްސާރަކުރުން ފަދަ މުންކަރާތްތަކަކީ ވަރަށް އާދައިގެ ކަންކަން ކަމުގައި ސަރުކާރުން ބުނަން ފަށައިފި. ރާއްޖޭގެ އިސްލާމީ ވަހުދަތު ރައްކާތެރިކުރުމުގައި ސަރުކާރުންދަނީ އިހުމާލުވަމުން،" ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ގެއްލެމުން އަންނަ ކަމަށް ވެސް އިދިކޮޅުން ވަނީ ބުނެފައެވެ.

އެގޮތުން މި ސަރުކާރުގެ ފުރަތަމަ ދެ އަހަރުގައި އިންޑިއާ ކަނޑުގައި ރާއްޖެ އޮންނަ ސްޓްރެޓީޖިކް ލޮކޭޝަންގެ ސިޔާދަތީ ބާރުތައް، ދިވެހިންގެ އަތުން ގެއްލި، ބޭރު ސިފައިން ރާއްޖޭގައި ތިބުމަށް ސަރުކާރުން ހިތްވަރު ދިނުމަކީ ގައުމުގެ ސިޔާދަތު ވިއްކާލާފައިވާކަމަށް ތުހުމަތު ކުރެވޭ ކަމެއް ކަމަށް އިދިކޮޅުން ބުނެއެވެ.

އަދި ދިވެހި ސަރުކާރުން ބޭރު ބައެއް ގައުމުތަކާއެކު "ގޮތްނޭނގޭ"، ސިއްރު އެގްރީމަންޓްތައް ހަދަމުން އަންނަ ކަމަށް ވެސް ތުހުމަތުކުރިއެވެ.

"ވަންހަނާގޮތެއްގައި ބޭރު ޤައުމުތަކާއެކު އަސްކަރީ ޕްލޭންތައް ހަދައި، ރާއްޖޭގެ ވަތުބަތާނަ އެހެން ޤައުމުތަކަށް އެނގޭފަދަ އެއްބަސްވުންތަކުގައި ސޮއި ކުރުމަކީ ޤައުމުގެ ސިޔާދަތާއި މިނިވަންކަމަށް ނުރައްކާވާނެ ކަންކަން. އެ އެގްރީމަންޓްތަކުގެ ތަފުޞީލުތައް ހާމަކުރުމަށް ސަރުކާރުން ދެކޮޅުހެދުމަކީ ނުހަނު ކަންބޮޑުވާ، އަދި އަޑި ނޭނގޭ ކަންތައްތަކެއް ހިނގަމުންދާކަން ދޭހަކޮށްދޭ ކަމެއް،" އާދަމް ޝަރީފް ވިދާޅުވިއެވެ.

ރާއްޖޭގައި އަދުލު އިންސާފު ގާއިމުކޮށް، ޝަރުއީ ދާއިރާ އިސްލާހުކުރާނެ ކަމުގެ ވާހަކައަކީ އެމްޑީޕީގެ އެންމެ ބޮޑު އެއް ރިޔާސީ ވައުދުކަމުގައި ފާހަގަކޮށް އިދިކޮޅުން ބުނީ، މި ސަރުކާރުން ރާއްޖޭގެ ޝަރުއީ ނިޒާމު ޕެރަލައިޒްކޮށްލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ވެރިކަމުގެ ތިންބާރު އޮތީ ރައީސްގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށާއި، ސަރުކާރުން ވެރިކަމަށް އައުމަށް ވި ވައުދުތައް ފުއްދުމަށް ބޭނުންވާނެ ހުރިހާ މަގެއް ތަނަވަސްވެފައި އޮތްކަން ވެސް އިދިކޮޅުން ވަނީ ފާހަގަކޮށްފައެވެ.

ސަރުކާރުގެ ކޯލިޝަނުން ބޭނުންގޮތަކަށް ކަންކުރުމުގެ ބާރުވެރިކަން ރައީސްސޯލިހަށް އެއްވެސް ހުރަހެއްނެތި ލިބި މިލްކުވެފައި އޮތް އިރު، އެއްވެސް ވައުދެއް ނުފުއްދުމުގެ މުގާބިލުގައި އެއްވެސް ހުއްޖަތެއް ދެއްކުމުގެ ޖާގަ ނެތް ކަމަށް އިދިކޮޅުން ބުންޏެވެ.

"ވެރިކަމަށް ދެއަހަރު ފުރިގެންދާއިރު ސާފުކޮށް ފެންނަންއޮތީ އަދުލު އިންސާފު ގާއިމުކުރުމަށް ވީވައުދާއި އިދިކޮޅަށް ހުރިހާ ކަމެއްގައި ވެސް އަމަލު ކުރަމުންދާތަން. ކުރީން ގޯސްކަމަށް ބުނި ހުރިހާކަމެއް އެއީ ރަގަޅު ކަންކަމަށްވެއްޖެ،" އިދިކޮޅުން ބުންޏެވެ.

އެގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަންގެ ފޯމޭޝަން ބަދަލުނުކުރާނެ ކަމަށާއި، ފަނޑިޔާރުންގެ މައްޗަށް ސިޔާސީ ނުފޫޒު ފޯރުވަމުންދާ ކަމަށާއި، ޝަރީއަތްތަކަށް ސަރުކާރުން އަތް ބާނައި، ފަނޑިޔާރުކަމަށް ސިޔާސީ އެކްޓިވިސްޓުން އިސްކުރަމުންދާ ކަމަށް އިދިކޮޅުން ބުންޏެވެ. އަދި ޖިނާއީ އަދުލުގެ ނިޒާމު އޮތީ ސަރުކާރުގެ މޯހިރުގައި ކަމަށް ވެސް ބުންޏެވެ.

މީގެ އިތުރުން ސަރުކާރުން ކޮރަޕްޝަނާއި ބޮޑެތި ހިޔާނާތްތައް ހިންގާފައިވާ ކަމަށާއި، ނަމަވެސް އެ މައްސަލަތައް ނުބެލޭ ކަމަށް އިދިކޮޅުން ބުންޏެވެ.

މި ސަރުކާރު އައި ފަހުން ރާއްޖޭގެ އިގްތިސޯދު ދަށަށް ގޮސް، ި ނޮވެންބަރު މަހު ފިޗުން ރާއްޖޭގެ ރޭޓިންގ "CCC" އަށް ދަށްކޮށްފައި. ވަނީ ރާއްޖޭގެ ދަރަނީގެ ނިސްބަތް ޖީޑީޕީގެ ނިސްބަތުން އިތުރުވަމުންދާތީ ކަމަށާއި އަދި އެއީ ސަރުކާރުގެ އިގުތިސޯދީ ސިޔާސަތު ދޯހަޅިވުމުގެ ނަތީޖާ ކަމަށް ވެސް އިދިކޮޅުން ބުންޏެވެ.

"ރާއްޖޭގެ އިގްތިސޯދު ކުރިއަރާ ފަދަ ބޮޑު މަޝްރޫއެއް ބޭރު ގައުމަކުން މިވޭތުވި ދެ އަހަރުގެތެރޭގައި ސަރުކާރަކަށް ނުގެނެވޭ. މުޅިންވެސް ނަގަމުންދަނީ ލޯނު. މިކަމުގެ ސަބަބުން ގައުމުގެ ސިޔާދަތަށް އިންތިހާއަށް ނުރައްކާވޭ،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ރާއްޖޭގެ އިގްތިސޯދަށް އެންމެ ނޭދެވޭ އަސަރު ކުރަމުންދާ އެއްކަމަކީ ހިޔާ މަޝްރޫއުގެ ނަފާ ރައްޔިތުންނަށް ލިބުން ލަސްވާތީ ކަމަށެވެ.

ފްލެޓްތައް ނުނިމޭތީވެ، ސަރުކާރަށް ލިބެންޖެހޭ ކުލި ނުލިބޭ ކަމަށާއި އެހެންކަމުން ހިޔާ ފްލެޓްތަކުގެ މަސައްކަތް ގަސްދުގައި ނުފަށާ ލަސްކުރުމަކީ ސަރުކާރުން އިގުތިސޯދީގޮތުން އެޅި ޅައެއްޗެއް ކަމަށް އިދިކޮޅުން ސިފަކުރިއެވެ.

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ކުރިއަރުވަން މަސައްކަތް ނުކުރުމަކީ ރާއްޖޭގެ އިގްތިސޯދު އިތުރަށް ނާޒުކު ވާކަމެއް ކަމަށާއި، ދިވެހި ދަނޑުވެރިކަމުގެ ސިނާއަތު ކުރިއަރުވާނެ ހަރުދަނާ ޕްލޭނެއް ސަރުކާރުގެ ނެތް ކަމަށް ބުނެ ވެސް އިދިކޮޅުން ވަނީ ފާޑުކިޔައިފައެވެ.

"ދިވެހި ދަނޑުވެރިކަމަކީ ދުޅަހެޔޮ ސިއްހަތަކަށް ނުހަނު ބޭނުންތެރި، ރަނގަޅު ކާނާ ލިބޭ، އިގްތިސޯދީގޮތުން ނަފާ ހޯދިދާނެ ސިނާއަތެއް. ނަމަވެސް، ސަރުކާރުގެ ނޫ އިގްތިސޯދުގެ ސިޔާސަތު ބަދަލުވެފައިވަނީ ބަނބުކެޔޮ ތޮޅިއަކަށް،" އިދިކޮޅުން ބުންޏެވެ.

މަސައްކަތްތެރިންގެ ހައްގުތަކުގެ ވާހަކަ ކެންޕޭނުގައި ދެއްކިނަމަވެސް، ވަޒީފާގެ ފުރުސަތުތަކާއި ވަޒީފާ ނުގެއްލޭނެކަމުގެ އެއްވެސް ޔަގީންކަމެއް ސަރުކާރަށް ނުދެވުނު ކަމަށާއި ދިވެހި މަސައްކަތްތެރިންގެ ހުނަރުވެރިކަމާއި ގާބިލުކަން އިތުރުކުރުމަކަށް ސަރުކާރުން އިސްކަން ނުދޭ ކަމަށް ވެސް އިދިކޮޅުން ބުންޏެވެ.

"ކޯލިޝަން ސަރުކާރުގެ ހިންގުން އިންތިހާއަށް ލަސް. ރައްޔިތުންނަށް ވީ ވައުދުތަކެއް ނުފުއްދޭ! މިހާލަތުގައި އިސްވެ ދެންނެވި ހުރިހާ ސަބަބުތަކާހުރެ، މިސަރުކާރަށް ދޭނީ އެފް ރިޕޯޓެއް،" އިދިކޮޅުން ބުންޏެވެ.

އިދިކޮޅުން ބުނީ ރައްޔިތުންނަށާއި ދިވެހި ގައުމަށް ހެޔޮއެދޭނަމަ، ސަރުކާރަށް އޮތް އެންމެ ރަނގަޅުގޮތަކީ އަވަސް އިންތިހާބަކަށް ދިއުން ކަމަށެވެ.

އަދި ވޭތުވެ ދިޔަ ދެ އަހަރަކީ ރާއްޖެއަށް އެއްވެސް ކުރިއެރުމެއް ނުލިބި، ބޮޑެތި އަޑިގުޑަންތަކެއްގެ ތެރެއަށް ގައުމު ވެއްޓިގެންދިޔަ ދެ އަހަރު ކަމަށް ވެސް އިދިކޮޅުން ބުންޏެވެ.

"ރައްޔިތުންނަށް ގެއްލުނު ދެ އަހަރު. ރާއްޖޭގެ އިސްލާމީ ވަހުދަތަށް ސަރުކާރުން ވަނީ ވަރަށް ބޮޑަށް އިހުމާލުވެފައި. ރާއްޖޭގެ ސިޔާދަތު މިވަނީ ގެއްލިފައި. ކޮރަޕްޝަން ހިންގަނީ ސަރުކާރުން ދުރާލާ ރާވައިގެން، ވެރިންނަށް ބައި އަޅައިގެން. ޝަރުއީ ނިޒާމު މިވަނީ ސަރުކާރުން ހައިޖެކުކޮށް، އަދުލުއިންސާފުގެ މުގުރު ބިންދާލާފައި. ބޭރުގެ ފަރާތްތަކުން ރާއްޖޭގައި އިންވެސްޓް ކުރަން ބިރުގަންނަ މިންވަރަށް ރާއްޖޭގެ އިގުތިސޯދު ވަނީ ދަށަށް ގޮސްފައި. ރާއްޖޭގެ ކުރިމަގު ވަނީ ބަންދުވެފައި،" އިދިކޮޅުން ބުންޏެވެ.

އިދިކޮޅުން ބުނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވެރިކަމެއްގައި، ރާއްޖެ އާއި ދިވެހިންގެ ކުރިމަގު އުޖާލާކޮށްދޭނެ ކަމަށެވެ.

comment ކޮމެންޓް