250،000 ޑޮަލަރު އިންވެސްކުރާ ބިދޭސީންނަށް ރެސިޑެންޓް ވިސާ ދޭ ގޮތަށް ކޮމިޓީން ފާސްކޮށްފި

މަދުވެގެން 250،000 ޑޮލަރު އިންވެސްޓް ކުރާ ބޭރުގެ ފަރާތްތަކަށް ކޯޕަރޭޓް ރެސިންޓް ވިސާ ދޭ ގޮތަަށް އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ނިންމައިފި އެވެ.

މިހާރު އޮންނަ ގޮތުން ކޯޕަރޭޓް ރެސިޑެންޓް ވިސާ ދެނީ، މަދުވެގެން 50 މިލިއަން ޑޮލަރު އިންވެސް ކުރާ ފަރާތްތަކަށެވެ.

އިމިގްރޭޝަން ގާނޫނަށް ގެނަން ބޭނުވާ އިސްލާހުތައް ފާސްކޮށް، އެ ކޮމިޓީން ވަނީ ކޮމިޓީ ރިޕޯޓު މަޖިލީސް ތަޅުމަށް މިހާރު ފޮނުވާފައެވެ.

މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވާ އެ ކޮމިޓީ ރިޕޯޓުގައިވާ ގޮތުން، ބިދޭސީންނަށް ރާއްޖޭގައި ހުރެވޭނެ ހުއްދައެއްގެ ގޮތުގައި ކޯޕަރޭޓް ރެސިޑެންޓް ވިސާ ދެވޭނީ، މަދުވެގެން 250،000 ރުފިޔާ އިންވެސްޓް ކުރުމާއެކު، ރާއްޖޭގެ ބޭންކެއްގައި މަދުވެގެން 250،000 ޑޮލަރު ފަސް އަހަރުގެ މުއްދަކަށް ފިކްސްޑް ޑިޕޮސިޓް އެކައުންޓެއްގައި ބަހައްޓައިގެންނެވެ.

އިންވެސްޓް ކުރަންވާނީ، ސަރުކާރުން ކަނޑައަޅާ އުސޫލެއްގެ މަތިން ސަރުކާރުން ކަނޑައަޅާ ވިޔަފާރިތަކަށް ކަމަށްވެސް ކޮމިޓީން ފާސްކޮށްފައިވާ އިސްލާހުތަކުގައި ބުނެފައެވެ.

އޭގެ އިތުރުން އެ ހާލަތްތައް ދެމިއޮތްނަމަ، އެފަރާތަކަށް ދޫކުރާ ކޯޕަރޭޓް ރެސިޑެޓް ވިސާ ކޮންމެ ފަސް އަހަރަކުން އާ ކުރަން ޖެހޭނެ ކަމަށް ކޮމިޓީން ވަނީ ފާސްކޮށްފައެވެ. ފުރަތަމަ ހުށަހަޅާއިރު، ލިބޭނީ އެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ.

އިސްލާހުތަކުގައި ބުނާގޮތުން، ކޯޕަރޭޓް ރެސިޑެންޓް ވިސާއަކީ، ރަޖިސްޓްރާ އޮފް ބިޒްނަސް ކަނޑައަޅާ ގޮތެއްގެ މަތިން ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ފޮރިން އިންވެސްޓްމަންޓެއްގެ ހިއްސާދާރެއް ނުވަތަ ޑިރެކްޓަރެއް ނުވަތަ ޕާޓްނަރެއް ނުވަތަ އެނޫންވެސް އިސްފަރާތެއް، އަދި އެއިން ފަރާތެއްގެ އާއިލާ މެންމަބަރެއް، ރާއްޖޭގައި ވަޒީފާއަދާކުރާ މީހެއްގެ ގޮތުގައި ނޫން ގޮތަކަށް، އެ ފޮރިން އިންވެސްޓްމަންޓް ނުވަތަ އެ ވިޔަފާރި ހިންގުމުގެ ބޭނުމަށް ދިގު މުއްދަތަކަށް ރާއްޖޭގައި ހުރުމަށް އެދޭ ބިދޭސީނަށް ދެވޭ ހުއްދައެކެވެ.

ބިލު އިސްލާހުވާތާ 14 ދުވަސް ތެރޭ ކޯޕަރޭޓް ރެސިޑެންޓް ވިސާގެ ގަވާއިދު އިސްލާހު ކުރުމަށް އިސްލާހުތަކުގައި ވަނީ ހިމަނާފައެވެ.

ކޯޕަރޭޓް ރެސިޑެޓް ވިސާގެ ގަވާއިދު ބުނާ ގޮތުން، މިހާރު ކޯޕަރޭޓް ރެސިޑޭންޓް ވިސާ ދެނީ މަދުވެގެން 50 މިލިއަން ޑޮލަރު އިންވެސްޓް ކުރާ ފަރާތަކަށެވެ. އަދި ވިސާގެ މުއްދަތަކީ އެ އިންވެސްޓުމަންޓުގެ މުއްދަތެވެ. ނުވަތަ އެއް މިލިއަން ޑޯލަރު ރާއްޖޭގެ ބޭންކެއްގައި ދެއަހަރު ދުވަހުގެ މުއްދަތަކަށް ބަހައްޓާ ފަރާތްތަކަށް ފަސް އަހަރު ދުވަހަށް ވިސާ ދިނުމަށް އެ ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

ކޮމިޓީން ދެން ގެނެސްފައިވާ ބޮޑު އިސްލަހަކީ، ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންނަށް ދޭ ރެސިޓެންޓް ވިސާއާ ގުޅޭ ގޮތުން ގެނެސްފައިވާ އިސްލާހެއެވެ. އެގޮތުން، ފަސް އަހަރުގެ މުއްދަތަކަށް ދިވެހީންނާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންނަށް ރެސިޑެންޓް ވިސާ ދޫކުރުމަށް ހިމަނާފައިވެއެވެ. ފުރަތަމަ އެ ވިސާއަށް އެދި ހުށަހަޅާއިރު، ލިބޭނީ އެއް އަހަރު ދުވަހަށެވެ.

އެއަށްފަހު، ކޮންމެ ފަސް އަހަރަކުން ވިސާ އާކުރަން ޖެހޭއިރު، ކައިވެނި ރޫޅިއްޖެ ހާލަތެއްގައި ނުވަތަަ ކައިވެނިކޮށްގެން އުޅުނު މީހާ މަރުވެއްޖެ ހާލަތުގައި، އޭނާގެ ދަރިންނާއެކު ރާއްޖޭގައި ހުރުމަށް އެދޭ ނަމަ، ވިސާ ލިބޭނެ ކަމަށް ބަޔާންކޮށްފައިވެެެ. އެ ހާލަތްތަކަށް ނިމުމެއް އަތުވެއްޖެ ނަމަ، ވިސާ ކެންސަލްވާނެ ކަމަށް އިސްލާހުތަކުގައި ބުނެއެވެ.

comment ކޮމެންޓް