ޔޫޕީއާރްގައި ހުށަހަޅާ އިސްލާމް ދީނާ ހިލާފު އެއްވެސް ހުށަހެޅުމެއް ބަލައިނުގަންނާނެ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު --

ޔުނިވާސަލް ޕީރިއޮޑިކް ރިވިއު (ޔޫޕީއާރު) ގެ ތިންވަނަ ސައިކަލްގައި މިރޭ އޮންނަ ދިވެހިރާއްޖޭގެ ރިވިއު ސެޝަންގައި ރާއްޖޭގެ ގާނޫނު އަސާސީއާ އަދި އިސްލާމްދީނުގެ އަސްލަކާ ހިލާފުވާ އެއްވެސް ރިކޮމެންޑޭޝަންއެއް ބަލައިނުގަންނާނެ ކަމަށް ރާއްޖެއިން ބުނެފިއެވެ.

އދ. ގެ މެންބަރު ގައުމުތަކުން އިންސާނީ ހައްގުތައް ރައްކާތެރިކުރުމުގައި ކުރަމުންދާ މަސައްކަތްތަކާއި، އިންސާނީ ހައްގުތައް ކުރިއެރުވުމުގެ ޒިންމާ އަދާކުރަމުންދާ މިންވަރު ދެނެގަތުމަށް ބާއްވާ ޔޫޕީއާރް ސެޝަން އޮންނާނީ މިއަދު ރާއްޖެ ގަޑިން 18:30 ގައި، ޖެނީވާގައި ހުންނަ އދ. ގެ މަރުކަޒުގައެވެ.

މިއަދުގެ ސެޝަންގައި، ރާއްޖޭން ވޭތުވެދިޔަ ހަތަރު އަހަރާއި ބައިގެ ތެރޭގައި އިންސާނީ ހައްގުތައް ރައްކާތެރި ކުރުމަށާއި ކުރިއެރުވުމަށް ކުރެވުނު މަސައްކަތްތައް ރިވިއުކުރާނެއެވެ.

ރާއްޖެއިން މިއަދުގެ ސެޝަންއަށް ތިނެއް ފެބުރުއަރީ 2020 ގައި ހުށަހަޅާފައިވާ ނޭޝަނަލް ރިޕޯޓުގައި ހިމަނާފައިވާ މައުލޫމާތާއި، މަދަނީ ޖަމާއަތްތަކާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް އިން ހުށަހަޅާފައިވާ ސްޓޭކްހޯލްޑާ ރިޕޯޓުތަކާއި، އދ. ގެ އެކި ފަރާތްތަކުން ދިވެހިރާއްޖެއާ ގުޅޭގޮތުން ހުށަހަޅާފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، ރާއްޖެއާ ގުޅޭގޮތުން ގައުމުތަކަށް ރިކޮމެންޑޭޝަން ހުށަހެޅުމަށް ފުރުސަތު ލިބިގެންދާނެ އެވެ.

އެގޮތުން، ރާއްޖެއަށް ރިކޮމެންޑޭޝަން ހުށަހެޅުމަށް 97 ގައުމަކުން އެދިފައިވެއެވެ.

ނަމަވެސް ގައުމުތަކުން ދިވެހިރާއްޖެއަށް ހުށަހަޅާ ރިކޮމެންޑޭޝަންތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާ އަދި އިސްލާމްދީނުގެ އަސްލަކާ ހިލާފުވާ އެއްވެސް ރިކޮމެންޑޭޝަންއެއް ދިވެހިރާއްޖެއިން ބަލައިނުގަންނާނެ ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފައެވެ.

ގައުމުތަކުން ރާއްޖެއަށް ހުށަހަޅާ ރިކޮމެންޑޭޝަންތައް ރާއްޖެއިން ބަލައިގަންނަކަން ނުވަތަ ނޫންކަން ޔޫޕީއާރުގެ ވޯކިން ގްރޫޕަށް އެންގުމަށް 14 ޑިސެންބަރު 2020 އާ ހަމައަށް ފުރުސަތު އޮންނާނެ އެވެ.

އޮންލައިންކޮށް ބާއްވާ ސެޝަންގައި ރާއްޖެ ތަމްސީލުކުރައްވާނީ، ރާއްޖޭގެ ވަފުދުގެ ހެޑް އޮފް ޑެލިގޭޝަންގެ ގޮތުގައި އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު، މިނިސްޓާ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސަސް އައިޝަތު މުހައްމަދު ދީދީ، މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒު އިސްމާޢީލް އަދި މިނިސްޓާއޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ އެވެ.

ރާއްޖޭގެ ރިވިއު ސެޝަންގައި، އިންސާނީ ހައްގުތައް ރައްކާތެރިކުރުމުގައި ރާއްޖެއިން ހާސިލްކޮށްފައިވާ ކާމިޔާބީ އާއި، މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކާއި، ސަރުކާރުގެ ސިޔާސަތުތައް ބަޔާންކުރުމަށްޓަކައި، މައިގަނޑު ހަތަރު ދާއިރާއަކުން އިންޓަވެންޝަންތައް ހުށަހެޅުމަށް ވަނީ ހަމަޖެހިފަ އެވެ.

އެގޮތުން، އަދުލު އިންސާފާއި، މުޖުތަމަޢުގެ ހާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ގާނޫނު ތަންފީޒުކުރާ އިދާރާތައް ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތްތަކާއި، ހިޔާލުފާޅުކުރުމާއި ޖަމްއިއްޔާ ޖަމާއަތްތައް ހެދުމުގެ މިނިވަންކަމާއި، ބިދޭސީ މަސައްކަތްތެރިންނާ ގުޅޭގޮތުން މިނިސްޓަރުން އިންޓަވެންޝަން ހުށަހަޅުއްވާނެ އެވެ

comment ކޮމެންޓް