ފެހެންދޫ ދަރިވަރުން ޑިންގީން ފައިބައި، ސްޕީޑް ލޯންޗަށް!

އިންޑިއާގެ ސަރުކާރުން ބ. ފެހެންދޫގެ ދަރިވަރުންނަށް ހަދިޔާކުރި ލޯންޗު ފެރީ ބޭނުންކުރަން ފަށައިފިއެވެ.

ފެހެންދޫއަކީ ވަަރަށް ކުޑަކުޑަ އާބާދީއެއް އޮންނަ ރަށެކެވެ. އާބާދީ މަދުވުމުން 2008 އިން ފެށިގެން ސްކޫލް ބަންދުކޮށްފައިވާތީ އެރަށުގެ ދަރިވަރުން ކިޔަވަންދަނީ އެ ރަށާ އެއް ފަޅެއްގައި އޮންނަ ބ. ގޮއިދޫގެ ސްކޫލަށެވެ.

ނަމަވެސް ގޮއިދޫއަށް ކުޑަކުޑަ ޑިންގީއެއްގައި ދާން ޖެހޭތީ ދަރިވަރުނަށް ވަރަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިވެއެވެ.

ސްކޫލަށް ދިއުމަށް ފެހެންދޫ ދަރިވަރުން ބޭނުންކުރި ޑިންގީ ---

ކުޑަ ޑިންގީއެއްގައި ކުރާ ދަތުރަށް ނިމުމެއް ގެނެސް، އެ ދަރިވަރުންނަށް ޖާގަ ތަނަވަސް ރަނގަޅު ފެރީއެއް ހަމަޖައްސައިދިނުމަށް މިދިޔަ އަހަރު މާޗް މަހު އިންޑިއާއިން ރާއްޖެއިން ފޯރުކޮށްދިން 6.9 މިލިއަން ޑޮލަރު (106 މިލިއަން ރުފިޔާ)ގެ ގްރާންޓް އެހީގެ ތެރެއިން އެހީ ހަމަޖެއްސިއެވެ.

ގްރާންޓުން 2.5 މިލިއަން ހަރަދުކޮށްގެން އިންޑިއާއިން ޑިޒައިންކޮށް އުފެއްދި، 30 ދަރިވަރުންގެ ޖާގައިގެ އެ ލޯންޗު ސަރުކާރާ ހަވާލުކުރީ މިދިޔަ ޖުލައި މަހުއެވެ. އަދި މިއަދު އެ ލޯންޗު ބޭނުންކުރަން ވަނީ ފަށައިފައެވެ.

އިންޑިއާއިން ހަދިޔާކުރި ފެރީ ލޯންޗް -- ސަން ފޮޓޯ/ ޝާވީ

ލޯންޗު ބޭނުންކުރަން ފެށުމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވަނީ އެކަން ފާހަގަކުރައްވައިފައެވެ. އަދި މިއަދަކީ ވަރަށް އުފާވެރި ދުވަހެއް ކަމަށް ވިދާޅުވިއެވެ.

ލޯންޗު ބޭނުންކުރަން ނުފެށި ލަސްވީ، ފެހެންދޫ ބަނދަރުގެ މަސައްކަތް ކުރިއަށް ދާތީއެވެ.

އިންޑިއާއިން ހަދިޔާ ކުރި ލޯންޗާއެކު ފެހެންދޫއާއި ގޮއިދޫގެ ދެމެދު ކުރެވޭ އެ ދަތުރު ފަސޭހަވެ ދަރިވަރުންނާއި ބެލެނިވެރިންގެ ރައްކާތެރިކަން އިތުރުވެގެން ދާނެއެވެ.

comment ކޮމެންޓް