ހުއްދަ ނުދިނުމުން، "ބަޑި ބުރާސްފަތި" ޖަލްސާ ޕީޕީއެމް އޮފީސް ދޮރުމަތީ ބާއްވަނީ

ޕީޕީއެމްއިން މީގެ ކުރިން ބޭއްވި ޖަލްސާގެ ތެރެއިން---

ނަސްރުގެ ދުވަސް ފާހަގަކުރުމަށްޓަކައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން "ބަޑި ބުރާސްފަތި"ގެ ނަމުގައި ބާއްވާ ޖަލްސާ ކުރިއަށް ދާނީ ޕީޕީއެމް އޮފީސް ދޮރުމަތީގައި ކަމަށް އެ ކޯލިޝަނުން ބުނެފިއެވެ.

އެ ޖަލްސާ ބާއްވަން ނިންމީ ކާނިވާ ސަރަހައްދުގަ އެވެ. ނަމަވެސް ކާނިވާ ސަރަހައްދުގައި ޖަލްސާ ކުރިއަށް ގެންދަން ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ހުއްދަ ނުލިބުނު ކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ.

ކޯލިޝަނުން ބުނީ ޖަލްސާ ބޭއްވުމުގެ ހުއްދައަށް އެދުމުން، އެޗްޕީއޭ އިން އެންގީ ވާޗުއަލްކޮށް ޖަލްސާ ކުރިއަށް ގެންދިއުމަށް ކަމަށެވެ.

"ކާނިވާ ސަރަހައްދުގައި [ޖަލްސާ] ބޭއްވުމަށް ހުއްދަ ނުލިބުމުން މިހާރު ބާއްވަން ހަމަޖެހިފައި ވަނީ ޕީޕީއެމް އޮފީސް ދޮރުމަތީ،" ޕީޕީއެމް އިން ބުންޏެވެ.

ކާނިވާ ސަރަހައްދުގައި ޖަލްސާ ބާއްވަން ހުއްދަ ދޭން ސަރުކާރަށް ނުކުރޭނެ ކަމަށް އިއްޔެ ޕީޕީއެމް އިން ވަނީ ބުނެފަ އެވެ.

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި އިދިކޮޅު ކޯލިޝަނުން ބާއްވަން މަސައްކަތް ކުރަމުންދާ ބަޑި ބުރާސްފަތި ޖަލްސާ ރާވާފައި ވަނީ ނޮވެމްބަރު ތިންވަނަ ދުވަހުގެ ރޭ 8:00ގައެވެ.

މިދިޔަ އަހަރު އިދިކޮޅު ކޯލިޝަނުން ރޭވި ބަޑިބުރާސްފަތި ޖަލްސާ ބޭއްވުމުގެ ހުއްދަ ނުދިނުމުން ފަހުން ޖަލްސާގެ ބަދަލުގައި ބޭއްވީ އާންމުންގެ އެއްވުމެކެވެ.

comment ކޮމެންޓް