ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލަށް އާންމުންގެ ހިޔާލު ހޯދަނީ

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލަށް އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލައިފިއެވެ.

ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ހުށަހަޅުއްވާފައިވާ އެ ބިލު މިހާރު އަންނަނީ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމެޓީއާއި، ލާމަރުކަޒީ ކޮމެޓީ އަދި އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖު ކޮމެޓީގެ ޖޮއިންޓް ކޮމެޓީގައި ދިރާސާކުރަމުންނެވެ.

ސަރުކާރުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، ރާއްޖޭގެ ބިން ހެޔޮގޮތުގައި ބޭނުންކުރުމަށް މަގުފަހިކުރުމަށްޓަކައި، އަދި ރާއްޖޭގައި ބިމުގެ ބޭނުން ދެމެހެއްޓެނިވި ގޮތެއްގައި ޕްލޭންކޮށް ތަރައްގީކުރުމުގައި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީކޮށް ތަރައްގީކުރުމަށް މަގުފަހިވާނެ ގޮތަކަށް، ސިޓީއާއި ރަށްރަށުގެ ބިނާވެށި ޕްލޭންކޮށް ހިންގުމާގުޅޭ އުސޫލުތަކާއި ހާއްސަ ސިނާއީ މަސައްކަތްތަކާއި ގުޅޭގޮތުން ބިނާވެށި ޕްލޭންކޮށް ހިންގުމާގުޅޭ އުސޫލުތައް ގާނޫނަކުން ކަނޑައެޅުމާއެކު، ބިނާވެށްޓާ ގުޅޭ ކަންކަން ހަރުދަނާ ގޮތެއްގައި ހިންގައި، ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭންތައް އެކުލަވާލުމާއި، ބިން ތަރައްގީކުރުމުގެ ހުއްދަ ދޫކުރުމާއި، އެފަދަ މަސައްކަތްތައް ހިނގާނުހިނގައި ގޮތް ބަލާ ، ބިން ތަރައްގީކުރާ ފަރާތްތައް ޖަވާބުދާރީކުރެވޭނެ ނިޒާމެއް ގާއިމުކުރުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު ގާއިމުކުރުމެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ބުނީ އެ ބިލަށް އާންމުންގެ ހިޔާލު ހޯދަން މިއަދުން ފެށިގެން، ނޮވެމްބަރު 12 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

ބިލަށް ހިޔާލު ހުށަހަޅާނީ އީމެއިލް މެދުވެރިކޮށް ނުވަތަ މަޖިލީހުގެ އިދާރާއަށް ލިޔުމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް