މި ސަރުކާރުގެ ފަސް އަހަރުގެ ދައުރު ނިމޭއިރު އެންމެ ބޮޑުވެގެން ވެސް އުފެދޭނީ 40 ބިލިއަން ރުފިޔާގެ ދަރަނި ކަމަށާއި، ލޮލަށް ފެންނަ ބޮޑެތި ތަރައްގީގެ މަޝްރޫއުތަކަށް ނޫން ގޮތަކަށް ދަރަނި ނަގާނަމަ އެއިން ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ބަޖެޓު ކޮމިޓީގެ މުގައްރިރު، އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް މިއަދު ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ 59.7 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓަށް ބަހުސް ކުރައްވަމުން ސަލީމް ވިދާޅުވީ، 2023 ވަނަ އަހަރު ނިމުނުއިރު ބަޖެޓު ދަރަނި ހުރީ ގާތްގަނޑަކަށް 24 ބިލިއަން ރުފިޔާގައި ކަމަށެވެ. އަދި މި ސަރުކާރުން ވެރިކަމާ ހަވާލުވެ، ކުރީގެ ދަރަނިތައް ދައްކަމުންދާއިރު، އަންނަ އަހަރު ނިމޭއިރު މި ސަރުކާރުން އުފެދޭ ދަރަނި އަރާނީ ގާތްގަނޑަކަށް 30 ބިލިއަން ރުފިޔާއަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އެހެންކަމުން ދައުރުގެ ފަސް އަހަރު ނިމޭއިރު މި ސަރުކާރުގެ ދަރަނި އެންމެ ބޮޑުވެގެން ވެސް ދާނީ 40 ބިލިއަނަށް ކަމަށާއި، މިއީ ފާއިތުވި ދެ ސަރުކާރާ އަޅާބަލާއިރު ކުޑަ އަދަދެއް ކަމަށް ސަލީމް ވިދާޅުވިއެވެ.
"ލަފާކުރާ ގޮތުން ނަމަ މި ސަރުކާރުން އުފެދިފައި މިއޮތީ ދަރަނި ދެއްކުމާއި ހުރިހާ ދަރަންޏެއް ދައްކައިގެން މިހާތަނަށް ހަގީގަތަށް ދަންނަވާނަމަ ގާތްގަނޑަކަށް 30 ބިލިއަނަށް ދައުލަތުގެ ދަރަނި މި އަންނަ އަހަރު ދާނެ. މާނަ އަކީ 4 އަހަރު ދުވަހުން މި ސަރުކާރަށް އުފެއްދުނީ އެންމެ 30 ބިލިއަން ރުފިޔާ އޭ. އޭގެ މާނައަކީ ފަސް ވަނަ އަހަރަކަށް ދިޔައީމާ އަންނާނީ އެންމެ ބޮޑުވެގެން ވެސް40 ބިލިއަނަށް." ސަލީމް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ ދައުލަތުން މުސާރަ ދިނުމަށާއި އެހެނިހެން ރިކަރަންޓް ހަރަދުތައް ހަމަޖެއްސުމަށް ދަރަނި ނެގުމަކީ ނުރައްކާތެރި ކަމެއް ކަމަށެވެ. ނަމަވެސް މި ސަރުކާރުގެ ދައުރުގައި ރިކަރަންޓް ހަރަދުތައް ދައުލަތުގެ އާމްދަނީގެ ތެރެއިން ހަމަޖެހިގެންދާ ގޮތަށް ބަޖެޓު ފަރުމާކޮށްފައި އޮތުމަކީ އުފާކުރަންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން ދަރަންޏަށް ފައިސާ ނަގަންވާނީ ރައްޔިތުންނަށް ލޮލަށް ފެންނަ، އިހުސާސްކުރެވޭ ފަދަ ބޮޑެތި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އެކަނި ކަމަށް ވެސް އޭނާ ތަކުރާރުކޮށް ވިދާޅުވިއެވެ.
ދައުލަތުގެ ބަޖެޓުން ދޭ ސަބްސިޑީތަކަށް އަލިއަޅުއްވާލައްވަމުން ސަލީމް ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓުގައި ސަބްސިޑީ އަދި ހިލޭ އެހީގެ ގޮތުގައި 13.9 ބިލިއަން ރުފިޔާ ހިމަނާފައިވާ ކަމަށެވެ.
މިއީ ދައުލަތަށް ލިބޭ ޖުމްލަ އާމްދަނީގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި ކަމަށްވާއިރު، ކަރަންޓާއި ފެނާއި ތެލާއި ކާޑުގެ އަގު ހެޔޮކުރުމަށް ސަރުކާރުން ބޮޑެތި ހޭދަތަކެއް ކުރާކަން ރައްޔިތުންނަށް އެންމެ އެކަށޭނަ ގޮތުގައި ސާފުކޮށްދެވިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންކަމުން ސަބްސިޑީ ދެވޭ ގޮތްތަކާއި އޭގެ ހަގީގީ ލުއި ރައްޔިތުންނަށް ލިބޭކަން ކަމާބެހޭ އިދާރާތަކުން ހާމަކޮށްދޭންޖެހޭ ކަމަށް ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން، އަންނަ އަހަރުގެ ބަޖެޓުގައި ސިއްހީ ދާއިރާއަށް 10 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާކަން ފާހަގަކުރައްވައި ސަލީމް ވިދާޅުވީ، އެއީ އާމްދަނީގެ ހަތަރުބައިކުޅަ އެއްބައި ކަމަށާއި، އެ ހޭދައިގެ ސަބަބުން ސިއްހީ ދާއިރާގައި ހުރި ގިނަ މައްސަލަތަކަށް އަންނަ އަހަރުގެ ތެރޭގައި އެދެވޭ ހައްލެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.