ސިޔާސީ މީހުން ޖޭއެސްސީގައި ނުހިމަނާ ބިލު ބޭރުކޮށްލައިފި

މަޖިލިސް: ޖޭއެސްސީގެ ބިލު ވަނީ ބޭރުކޮށްލާފައި -- ފޮޓޯ/ މަޖިލިސް

ސިޔާސީ މީހުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި ނުތިބެވޭ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލައިފި އެވެ.

ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަށް ގާނޫނު އަސާސީއަށް އިސްލާހު ހުށަހެޅުއްވީ މަހިބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހްމަދު ތޯރިގް (ޓޮމް) އެވެ.

އެ ބިލު ބަލައިގަތުމަށް ވޯޓު ދެއްވީ 13 މެމްބަރުންނެވެ. ބިލު ބަލައިނުގަތުމަށް ވޯޓު ދެއްވީ 50 މެމްބަރުންނެވެ. އެމްޑިޕީގެ ދެ މެމްބަރަކު ވަކި ކޮޅަށް ވޯޓު ނުދެއްވަ އެވެ. އެއީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އާއި މަރަދޫ ދާއިރާގެ އިބްރާޙިމް ޝަރީފު (މަވޯޓާ) އެވެ.

މިއަދު މަޖިލީހުގައި އެ ބިލުގެ އިބްތިދާއީ ބަހުސްގައި އެ ބިލަށް ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީގެ އެއްވެސް މެމްބަރަކު ވާހަކަދައްކާފައެއް ނުވެ އެވެ. ބިލަށް ވާހަކަ ދެއްކެވީ ހަމަ އެކަނި އިދިކޮޅު މެމްބަރުން އެކަންޏެވެ.

މިހާރު ޖޭއެސްސީ އެކުލެވިގެން ވަނީ ސިޔާސީ ފަރާތްތައް ވެސް ހިމެނޭ ގޮތަށެވެ. އެ ފޯމޭޝަނަށް އޭރަކު އިދިކޮޅުގައި އޮންނަ ފަރާތައް ފާޑު ކިޔަ އެވެ. އެހެން ނަމަވެސް ސަރުކާރު ލިބުމާ އެކު ފޯމޭޝަން ބަދަލު ކުރުމަށް އެފަރާތްތަކުން ބޭނުން ނުވެ އެވެ.

މިދިޔަ ސަރުކާރުގައި ވެސް ޕީޕިއެމްގެ ސުޕަ މެޖޯރިޓީ އޮތް އިރު ފޯމޭޝަން ބަދަލު ކުރުމަށް އެ ޕާޓީން ބޭނުމެއް ނުވި އެވެ. މި ސަރުކާރުގެ އިސްފަރާތްތަކުން އޭރު އިދިކޮޅުގައި ތިއްބެވި އިރު، ޖޭއެސްސީގެ ފޯމޭޝަނަށް ފާޑުކިޔައި، އެ ކަން ބަދަލު ކުރާނެ ކަމަށް ވައުދު ވެސް ވި އެވެ.

ޓޮމް ހުށަހެޅުއްވީ، މަޖިލިސް ރައީސް އާއި މަޖިލިސް މެމްބަރު، މަޖިލީހުން ކަނޑައަޅާ މީހާ، ރައީސުލް ޖުމްހޫރިއްޔާގެ މެމްބަރު، ބަންޑާރަނައިބު އަދި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ނުހިމެނޭ ގޮތަށް ޖޭއެސްސީ އެކުލެވުން ބަދަލުކުރާށެވެ.

މިހާރު އޮތް ޖޭއެސްސީއަކީ، ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ސިޔާސީ ގޮތްޕެއްގެ ގޮތުގައި އިދިކޮޅުން ސިފަކުރެ އެވެ.

https://sun.mv/144810

comment ކޮމެންޓް