ޖޭއެސްސީގައި ސިޔާސީ މީހުން ނުތިބޭ ގޮތަށް ހަދާ ބިލަށް އެމްޑީޕީން ވާހަކަ ނުދެއްކި

މަޖިލިސް: ޖޭއެސްސީގެ ބިލަށް އެމްޑީޕީގެ މެމްބަރުން ވާހަކަ ނުދެއްކި --- ފައިލް ފޮޓޯ/ މަޖިލިސް

ސިޔާސީ މީހުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި ނުތިބެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީން ވާހަކަ ނުދައްކައި، އެ ބިލުގެ ބަހުސް ނިންމާލައިފި އެވެ.

އިދިކޮޅު ކޯލިޝަންގެ ފަރާތުން ޖޭއެސްސީގެ ގާނޫނަށް، އެ ކޮމިޝަންގެ އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަށް އިސްލާހު ހުށަހެޅެއްވީ މަހިބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހްމަދު ތޯރިގް (ޓޮމް) އެވެ.

މިއަދު މަޖިލީހުގައި އެ ބިލުގެ އިބްތިދާއީ ބަހުސް ފެށި އިރު، އެ ބިލަށް ވާހަކަ ދެއްކެވީ ހަމަ އެކަނި އިދިކޮޅު މެމްބަރުން އެކަންޏެވެ.

އިދިކޮޅު މެމްބަރުންގެ ވާހަކަތައްކަށްފަހު، އިތުރު މެމްބަރަކު ބަހުސް ކުރަން ނެތުމުން ރިޔާސަތުން ވަނީ އެ ބިލުގެ އިބްތިދާއީ ބަހުސް ނިންމެވި ކަމަށް އިއުލާންކުރައްވާފަ އެވެ.

އެ ބިލުގެ އިބްތިދާއީ ބަހުސް ނިމުމުން، ދެން އެ ބިލު ބަލައިގަތުމާމެދު މަޖިލިސް ތަޅުމުގައި ވޯޓަށް އަހާނެ އެވެ. އަދި އެ ބިލު ބަލައިގަންނަން ފާސްވެއްޖެނަމަ، ދެން ބިލު ދިރާސާ ކުރުމަށް ފޮނުވާނީ ޖުޑީޝަރީ ކޮމިޓީއަށެވެ. ނަމަވެސް ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަށް އެމްޑީޕީގެ މެމްބަރުންގެ މާބޮޑު ޝައުގުވެރިކަމެއް ނެތް އިރު، އެ ބިލު މަޖިލީހުން ބަލައިގަތުމާމެދު އޮތީ ސުވާލު އުފެދިފަ އެވެ.

މިހާރު ޖޭއެސްސީ އެކުލެވިގެން ވަނީ ސިޔާސީ ފަރާތްތައް ވެސް ހިމެނޭ ގޮތަށެވެ. އެ ފޯމޭޝަނަށް އޭރަކު އިދިކޮޅުގައި އޮންނަ ފަރާތައް ފާޑު ކިޔަ އެވެ. އެހެން ނަމަވެސް ސަރުކާރު ލިބުމާ އެކު ފޯމޭޝަން ބަދަލު ކުރުމަށް އެފަރާތްތަކުން ބޭނުން ނުވެ އެވެ. މިދިޔަ ސަރުކާރުގައި ވެސް ޕީޕިއެމްގެ ސުޕަ މެޖޯރިޓީ އޮތް އިރު ފޯމޭޝަން ބަދަލު ކުރުމަށް އެ ޕާޓީން ބޭނުމެއް ނުވި އެވެ. މި ސަރުކާރުގެ އިސްފަރާތްތަކުން އޭރު އިދިކޮޅުގައި ތިއްބެވި އިރު، ޖޭއެސްސީގެ ފޯމޭޝަނަށް ފާޑުކިޔައި، އެ ކަން ބަދަލު ކުރާނެ ކަމަށް ވައުދު ވެސް ވި އެވެ.

ޓޮމް ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި ބިލުގައި ބުނެފައި ވަނީ، ގާނޫނު އަސާސީ މިހާރު އޮތް ގޮތަށް ޖޭއެސްސީއަށް މެމްބަރުން އައްޔަން ކުރުމުން އެކޮމިޝަނުން ބަލާ މައްސަލަތަކާއި ނިންމާ ނިންމުންތަކުގައި ވެރިކަން ހިންގުމުގެ ބާރާއި ގާނޫނު ހެދުމުގެ ބާރުގެ ނުފޫޒު ވަރަށް ބޮޑަށް ވަދެފައިވާކަން ފާއިތުވި 12 އަހަރު ތެރޭ ފާހަގަވެފައިވާ ކަމަށެވެ. އެއީ ގާނޫނު އަސާސީ އިން އަދުލު އިންސާފު ގާއިމްކުރުމުގެ ބާރަށް ލިބޭ މިނިވަންކަމާއި މުސްތަގިއްލުކަމަށް ހުރަސް އެޅޭ ކަމެއް ކަމަށް ބިލުގައި އޭނާ ވަނީ ފާހަގަކޮށްފަ އެވެ.

ޓޮމް ހުށަހެޅުއްވީ، މަޖިލިސް ރައީސްއާއި މަޖިލިސް މެމްބަރު، މަޖިލީހުން ކަނޑައަޅާ މީހާ، ރައީސުލް ޖުމްހޫރިއްޔާގެ މެމްބަރު، ބަންޑާރަނައިބު އަދި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ނުހިމަނާ ޖޭއެސްސީ އެކުލެވިގެންވާ ގޮތަށް ބަދަލު ގެނައުމަށެވެ.

މިހާރު އޮތް ޖޭއެސްސީއަކީ، ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ސިޔާސީ ގޮތްޕެއްގެ ގޮތުގައި އިދިކޮޅުން ސިފަކުރެ އެވެ.

https://sun.mv/141721

comment ކޮމެންޓް