ލޯނުތައް ނުދެއްކުނަސް ހަރުމުދާ ބަލައި ޗައިނާ ބޭންކުން ނާންނާނެ: ނަޝީދު

މަޖިލިސް ރައީސް މުހައްމަދު ނަޝީދު --- ފޮޓޯ/ މަޖިލިސް

ރާއްޖެއިން ބޭރުގެ ފަރާތްތަކުން ނަގާފައި ލޯނުތައް އަނބުރާ ދެއްކުން ފަސްކޮށްދިނުމަށް އެ ލޯނުތައް ދިން ފަރާތްތަކުގައި އެދެން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ ދަރަންޏާ ގުޅޭގޮތުން މުޅި މަޖިލީހުގެ ކޮމެޓީ އިން އެކުލަވާލި ރިޕޯޓަށް މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވަނީ ވާހަކަ ދައްކައިފަ އެވެ.

މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ އަންނަ އަހަރު ރާއްޖެއިން ދައްކަންޖެހޭ ބޭރުގެ ދަރަނި 7.23 ބިލިއަން ރުފިޔާ އަށް އަރާ ކަމަށެވެ.

"ގައުމުތަކުގައި، ބޭންކުތަކުގައި ދިވެހި ސަރުކާރުން ބުނުމަށް، މިއަންނަ އަހަރު އެ މުއްދަތު އަންނަ އިރުގައި އަޅުގަނޑުމެންނަކަށް ފައިސާއެއް ނުދެއްކޭނެޔޭ. އެހެންވިމާ އަޅުގަނޑުމެންނާ ވާހަކަ ދައްކަން އަޅުގަނުމެން ދަރާފައި ތިބި ހުރިހާ ފަރާތްތަކަކުން އަޅުގަނޑުމެންގެ ގާތަށް އައުމަށް. އެހެން އިއުލާނު ކުރެވުނީމާ، ބޭންކުތަކުން މި އަންނަނީ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ބޭންކުތަކަށް އޮންނާނީ ދެގޮތް ކަމަށާއި އެއްގޮތަކީ ހަރުމުދާ އަނބުރާ ދޭން އެދުން ކަމަށެވެ. އެހެން ނަމަވެސް، މިޒަމާނުގައި ހަރުމުދާ ބަލައި އެއްވެސް ފަރާތަކުން ނާންނާނެ ކަމަށް މަޖިލިސް ރައީސް ވިދާޅުވި އެވެ.

"ދެން އަޅުގަނޑު ދެކޭގޮތުގައި ހަރުމުދާ ބަލައެއް ޗައިނާގެ ކޮމާޝަލް ބޭންކުން އައުމަށް އޮތް ޖާގައެއް، ފުރުސަތެއް [ނެތް]. މިވަގުތު ެއީ އަދި ވެދާނެ ކަމެއްގެ ގޮތުގައެއް ނުފެނޭ. އަދި އެއީ ގައުމުތަކުން ދެކޭ ގޮތެއްވެސް ނޫން 20 ވަނަ ގަރުނުގައްޔާއި 21 ވަނަ ގަރުނުގައި،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ގައުމުތަކުން ކުރާނެ ކަމަކީ ލޯނުތަކާ ބެހޭގޮތުން މަޝްވަރާ ކުރުމުން ކަމަށެވެ.

"ހައުސިން ޑިވެލޮޕްމެންތް ކޯޕަރޭޝަނުގައި އެބައޮތް 1.4 ބިލިއަނުގެ ދަރަނި. އޭގެން ބޮޑު އެއްޗެއް އަންނަ އަހަރު ދައްކަން ޖެހޭ،" ނަޝީދު ވިދާޅުވި އެވެ.

މަޖިލިސް ރައީސް ވިދާޅުވީ ލޯނު ދެއްކުން ފަސްކުރުމަށް އެދެން ސަރުކާރަށް އިތުުރު ބަޔެއްގެ އިތުބާރު ބޭނުންވާ ކަމަށާއި އެއީ ކުރެވޭނެ ކަމެއް ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދިވެހި ސަރުކާރަށް އެ އިތުބާރު ހޯދޭނެ. އެއީ ދިވެހި ސަރުކާރަށް ނުހޯދެނެ އިުބާރެއް ނޫން. ހާއްސަކޮށް ދަރަނީގެ 15 ޕަސެންޓާ އެއްވަރަށް އިތުބާރެއް ހޯދައި ދިނުމަށް. އަޅުގަނޑުމެންގެ އެކުވެރި ބައިވަރު ގައުމުތައް އެބަހުރި، މާލީ އިދާރާތައްވެސް އެބަހުރި މިކަމުގައި ވާހަކަ ދެއްކެން އޮތް،" ނަޝީދު ވިދާޅުވި އެވެ.

މިނޫންގޮތަކަށް މިކަން ކުރަން އުޅެފިނަމަ ރިސްކު ބޮޑުވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

comment ކޮމެންޓް