ޓީޓީއެމް ޓްރެވެލް ސަމިޓް މިއަހަރު ވާޗުއަލްކޮށް

މިއަހަރުގެ "ޓީޓީއެމް ޓްރެވެލް ސަމިޓް 2020" ވާޗުއަލްކޮށް ބާއްވަން އެ ސަމިޓް އިންތިޒާމުކުރާ އޯކާ މީޑިއާ ގްރޫޕުން ނިންމައިފި އެވެ.

ޓީޓީއެމް ޓްރެވަލް ސަމީޓަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މެދުގައި ކުރިއަށްގެންދާ އެންމެ ބޮޑު ޓްރެވެލް ސަމިޓެވެ. މިއަހަރުގެ ސަމިޓްގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ ރާއްޖޭގެ ފަތުރުވެރިކަން އަލުން ކޮޅަށް ނެގުމާއި ގުޅޭގޮތުންނެވެ.

އެގޮތުން އެ ސަމިޓްގައި ފަތުރުވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރުން މި ދާއިރާ ކުރިއެރުވިދާނެ ގޮތްތަކާއި މާކެޓް ޓްރެންޑްސްއާއި ރާއްޖޭގެ ފަތުރުވެރިކަން ޖުމްލަކޮށް އެނަލައިޒް ކުރާނެ އެވެ.

މި ސަމިޓް ޓްރެވެލް ޓްރޭޑް މޯލްޑިވްސްގެ ވެބްސައިޓް އަދި ޓްރެވެލް ޓްރޭޑް މޯލްޑިވްސްގެ ސޯސަލް މީޑިއާގެ އެކި ފްލެޓްފޯމްތަކުން ވަގުތުން ދައްކާނެ އެވެ.

އަންނަ ނޮވެމްބަރު މަހުގެ 24 އިން 26 އަށް ބާއްވާ ޓީޓީއެމް ޓްރެވެލް ސަމިޓް 2020 ވާޗުއަލްގެ ތެރެއިން އެގްޒިބިޓަރުންނާއި ޓްރޭޑް ވިޒިޓަރުންނާއި ދެމެދު ޕްރީ ޝެޑިއުލްޑް ބައްދަލުވުންތައް އޮންނާނެ އެވެ. މި ބައްދަލުވުންތައް އޮންނާނީ ނޮވެމްބަރ މަހުގެ 25 އިން 26 އަށެވެ.

އެހެން އަހަރުތަކާ ހިލާފަށް މިއަހަރުގެ ޓީޓީއެމް ސަމިޓު އޮންލައިންކޮށް ބާއްވާއިރު، އެ ސަމިޓު ކުރިއަށްދާނީ ޓީޓީއެމް ކަނެކްޓް ސޮފްޓްވެއާ މެދުވެރިކޮށެވެ.

ޓީޓީއެމް ޓްރެވެލް ސަމިޓް ކުރިއަށްދަނީ ޓީޓީއެމްގެ ބައެއްގެ ގޮތުގައެވެ. ޓީޓީއެމްއަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ދުނިޔޭގެ ބޮޑެތި ޓްރެވެލް އޭޖެންޓުންނާއި ގުޅުވާލުމަށް ރާއްޖޭގައި މިހާތަނަށް ކުރިއަށްގެންދާ އެންމެ ބޮޑު ޓްރެވެލް ޓްރޭޑް ހަރަކާތެވެ.

ޓްރެވެލް ޓްރޭޑް މޯލްޑިވްސްއަކީ އޯކާ މީޑިއާގެ އުފެއްދުމެކެވެ. އޯކާ މީޑިއާ ގްރޫޕްއަކީ މީޑިއާ އަދި މާކެޓިންގ ގެ ދާއިރާގައި ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވާ ކުންފުންޏެކެވެ.

comment ކޮމެންޓް