އާސެނަލްގެ މި ސީޒަނުގެ ޔޫރޮޕާ ލީގާއި އިނގިރޭސި ޕްރިމިއާ ލީގުގެ ސްކޮޑުން މެސުޓް އޮޒިލް ބާކީ ކުރި ސަބަބު ހަގީގަތް އޮޅުވާލައިގެން އެ ޓީމުގެ ކޯޗު މިކެލް އާޓެޓާ ނުދެއްކުމަށް އޮޒިލްގެ އެޖެންޓް ޑރ. އާރްކުޓް ސެގަޓް ގޮވާލައިފި އެވެ.
އޮޒިލް، 32، އެންމެ ފަހުން އާސެނަލަށް މެޗެއް ކުޅެދިނީ މިދިޔަ މާރޗް މަހުގެ ތެރޭގަ އެވެ. އާސެނަލުގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާގެ ގޮތުގައި ހުރި އޮޒިލް މިދިޔަ މަހު ނެގި ޔޫރޮޕާ ލީގުގެ ސްކޮޑުން ވެސް ބާކީ ކޮށްފައިވާ އިރު އޭނާއާއި ކޯޗު މިކެލް އާޓެޓާއާ ދެމެދު މައްސަލަތަކެއް ހުރިކަން އިނގިރޭސި މީޑިއާތަކުން ވަނީ ބުނެފަ އެވެ. އަދި އެހެންމެ އިއްޔެ އޮޒިލް ވަނީ އާސެނަލުގެ ޕްރިމިއާ ލީގުގެ 25 ކުޅުންތެރިންގެ ސްކޮޑުން ވެސް ބާކީ ކޮށްފަ އެވެ.
އާސެނަލުގެ ސްކޮޑުން އޮޒިލް ބާކީކުރި ނަމަވެސް، އޮޒިލް އާސެނަލް ދޫކޮށްލާނީ އެއްބަސްވުން ހަމަވުމުން އަންނަ އަހަރުގެ ހޫނު މޫސުމުގައި ކަމަށް ރިޕޯޓުތައް ބުނެއެވެ. އޮޒިލް މި ސީޒަނުގެ ނިޔަލަށް އާސެނަލުގެ އެއްބަސްވުމުގައި ހުރީ ހަފުތާއަކު 350،000 ޕައުންޑް ލިބޭ ގޮތަށެވެ.
ލިސްޓުން ބޭރުކުރުމާ އެކު ސޯޝަލް މީޑިއާގައި ހިއްސާކުރި މެސެޖެއްގައި އޮޒިލް ބުނީ އާސެނަލުގެ އައު އެއްބަސްވުމުގައި 2018 ވަނަ އަހަރު ސޮއިކުރީ އެ ކުލަބަށް އޮތް ލޯތްބާއި ވަފާތެރިކަމުގެ ސަބަބުން ކަމަށެވެ. އެކަމަކު ކުލަބުން އޭގެ ބަދަލުގައި އޭނާއާ މެދު ކަންތައްތައް ކުރާ ގޮތުން މިހާރު އެކަމާ ހިތާމަކުރަން ޖެހިފައިވާ ކަމަށްވެސް ބުންޏެވެ.
އޮޒިލްގެ ވާހަކަތަކަށް ރައްދު ދެމުން އެ ޓީމުގެ ކޯޗު މިކެލް އާޓެޓާ ބުނީ، އޮޒިލްއަށް ޓީމުން ޖާގަ ނުދެވުމުގައި އެއްވެސް ޒާތީ ކަމެއް ނޫޅޭ ކަމަށެވެ. އަދި އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާގެ ގޮތުގައި އޮޒިލް ހުރެމެ، އޭނަގެ އަގު ވިސްނައިދޭން ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށާއި، މި ނިންމުމަކީ ފުޓުބޯޅައިގެ ނިންމުމެއް ކަމަށް އާޓެޓާ ވަނީ ބުނެފަ އެވެ.
އޮޒިލްގެ ވާހަކަތަކަށް ފިނި ރައްދެއް އާޓެޓާ ދިނުމުން އޮޒިލްގެ ސަޕޯޓަރުން އެކަމާ ނުރުހުން ފާޅުކޮށް ހަގީގަތް ހާމަކުރުމަށް ވަނީ ގޮވާލައިފަ އެވެ. އަދި އެ މައްސަލަ އިތުރަށް ގޯސްވަމުންދާ މިދަނޑިވަޅުގައި އޮޒިލް އާސެނަލުން ބޭރުވާން ޖެހުނީ ހަމައެކަނި ފުޓުބޯޅައިގެ ކަމެއްގައި ނޫންކަމަށާއި، އެކަމުގެ އަޑީގައި އެތައް ނުފޫޒުތަކެއް ހުރިކަމަށް ބާރު ލިބޭ ކަންތައްތަކެއް ވެސް ވަނީ ފެންމަތިވެފަ އެވެ.
ޗައިނާގެ ވީގޫރު ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ޗައިނާގެ ސަރުކާރުން ހިނގަމުންދާ އަނިޔާވެރި އަމަލުތަކާ ދެކޮޅަށް ޑިސެމްބަރު މަހު އޮޒިލް ވަނީ ވާހަކަ ދައްކާފަ އެވެ. އޮޒިލްގެ ވާހަކަތަކާ އާސެނަލްއިން ބަރީއާ ވާކަން ފަހުން އެ ކުލަބުން ހާމަ ކުރި އެވެ.
އާޓެޓާ ބުނީ، އޮޒިލް ސްކޮޑުގައި ނުހިމެނީ އެފަދަ އެއްވެސް ކަމަކާ ގުޅިގެން ނޫން ކަމަށެވެ. އާޓެޓާ ބުނީ އޮޒިލް ޓީމުން އުނި ކުރުމަކީ އޭނާ ނިންމި ނިންމުމެއް ކަމަށާއި އެކަމުގެ ފުރިހަމަ ޒިންމާ ނަގާ ކަމަށެވެ.
އާޓެޓާގެ ވާހަކަތަކަށް އޮޒިލްގެ އެޖެންޓް ޑރ. އާރްކުޓް ސެގަޓް ވަނީ ރައްދު ދީފަ އެވެ. ސެގަޓް ބުނީ، އާޓެޓާ ބުނާ ވާހަކަތަކަކީ ދެކޮޅު ނުޖެހޭ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި ސަޕޯޓަރުންނަށް މިކަމުގައި ކަންއޮތް، ނެތް ގޮތް ހާމަކުރަން ޖެހޭ ކަމަށާއި، ކުލަބުން ބޭރު އެންމެންނަށް ވެސް އޮޒިލްއާ ދޭތެރޭ އާސެނަލުން ކަންތައް ކުރި ގޮތް ހާމައަށް ފެންނަން އޮތް ކަމަށެވެ.
"އެންމެންނަށް ވެސް އެނގޭނެ އޮޒިލްއާ ދޭތެރޭ ކަންތައް ކުރީ ރަނގަޅަށް ނޫންކަން. އޭނާ މިއޮތްހާ ދުވަހު ކުލަބަށް ވަފާތެރިވެގެން ހުރީމަ އެކަމުގެ ބަދަލު މި ލިބުނީ ހިތިކޮށް. އޭގެން އިނގެނީ އޭނާއަށް އިހުތިރާމެއް ނުލިބުން ކަން. މިއީ ސިއްރު ކުރެވެން ޖެހޭނެ ކަންކަމެއް ނޫން،"
ސެގަޓް ބުނީ، އާޓެޓާ މި ސީޒަނުގެ އެންމެ މެޗެއްގައި ވެސް އޮޒިލްއަށް ފުރުސަތު ދީފައި ނުވާ ކަމަށާއި، އެހެން ކަމުން ކުޅުމުގެ ފެންވަރު ދެއްކޭނެ ގޮތެއް އޮޒިލްއަށް ނެތް ކަމަށެވެ.
"ކޮންޓްރެކްޓް ހަމަނުވާ ކުޅުންތެރިއެއް ވެއްޖެޔާ، ފުރުސަތު އޮންނަން ވާނެ ފެންވަރު ދެއްކޭނެ ގޮތެއް. އެކަމަކު އޮޒިލްއާ ދޭތެރޭ ކަންތައް ކުރި ގޮތުން އޭނާއަށް އެއްވެސް ކަހަލަ ފުރުސަތެއް ނުދޭ. ހުރިހާ އެންމެން ވެސް ބުނަނީ ޕްރެކްޓިސްތަކުގައި ބަރާބަރަށް ބައިވެރިވެ ރަނގަޅު ފޯމެއްގައި ހުރި ކަމަށް. އެހެން ވެއްޖެޔާ އެ ފުރުސަތު އޮންނަން ޖެހޭނެ ކަމަށް ގަބޫލު ކުރެވޭ."
ރެއާލް މެޑްރިޑް ދޫކޮށް 2013 ވަނަ އަހަރު އާސެނަލަށް ބަދަލުވި އޮޒިލް ވަނީ އާސެނަލަށް މިހާތަނަށް ކުޅެދިން 254 މެޗުގައި 44 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި ވަނީ އާސެނަލާއެކު އެފްއޭ ކަޕް ތިން ފަހަރު އަދި ކޮމިއުނިޓީ ޝީލްޑް އެއް ފަހަރު ކާމިޔާބުކޮށްފައެވެ.