މިދިޔަ އަހަރު ފުޓުބޯޅައިން ރިޓަޔާ ކުރިޗެކް ރިޕަބްލިކްގެ ތަޖުރިބާކާރު ގޯލްކީޕަރު ޕީޓާ ޗެކްގެ ނަން ޗެލްސީގެ 25 ކުޅުންތެރިންގެ ސްކޮޑުގައި ހިމަނައިފި އެވެ.
ޗެލްސީގެ ލެޖެންޑަރީ ކީޕަރު ޗެކް މިދިޔަ އަހަރު ރިޓަޔާ ކުރީ 2015 ވަނަ އަހަރު ޗެލްސީ ދޫކޮށްލުމަށްފަހު ވާދަވެރި އާސެނަލުގައި ހަތަރު އަހަރު ހޭދަކުރުމަށްފަހު އެވެ. އެކަމަކު ރިޓަޔާ ކުރުމަށްފަހު 11 އަހަރު ވަންދެން ކުޅުނު ޗެލްސީއަށް އެނބުރި ޗެކް އައިސްފައިވަނީ އެ ޓީމުގެ ޓެކްނިކަލް އަދި ސްޕޯޓިންގް އެޑްވައިޒަރުގެ މަގާމަށެވެ.
ޗެކް، 38، ފުޓުބޯޅަ ކުޅުން ހުއްޓާލިތާ އަހަރެއް ފަހުން އަނެއްކާވެސް ޗެލްސީގެ ސްކޮޑުގައި ހިމަނާފައިވަނީ އެކުލަބުގައި ކީޕަރުންގެ މައްސަލަ ބޮޑުވެފައިވަނިކޮށެވެ. ޗެލްސީގައި މި ވަގުތު ތިބީ މީގެ ދެ އަހަރު ކުރިން ދުނިޔޭގެ އެންމެ އަގުބޮޑު ކީޕަރުގެ ގޮތުގައި ގެނައި ސްޕެއިނުގެ ކެޕާ އަރިއްޒަބަލާގާ އާއި ތަޖުރިބާކާރު ކީޕަރު އާޖެންޓީނާގެ ވިލީ ކަބަލޭރޯ އަދި މި ފަހަރުގެ ޓްރާންސްފާ މާކެޓްގަައި ގެނައި ސެނެގޯލްގެ ކީޕަރު އެޑޮއާޑް މެންޑީ އެވެ.
އެހެން ނަމަވެސް އެއްވަނަ ކީޕަރު އަރިއްޒަބަލާގާގެ ފޯމު ގެއްލި ކޮންމެ މެޗެއްގައި ކަހަލަ ގޮތަކަށް ގޯސްތަކެއް ހަދަމުންދާ އިރު ކޯޗު ފްރޭންކް ލަމްޕާޑް ހުރީ ގޮތްހުސްވާ ހިސާބުގަ އެވެ. ލަމްޕާޑުގެ ބޮލުގެ ރިހުން އިތުރަށް ބޮޑުވަނީ ބާކީ ތިބި ދެ ކީޕަރުންގެ ފިޓްނަސް މައްސަލަތަކެއް ކުރިމަތިވެފައި، ސީޒަންގެ ބޮޑުބައިގައި އެ ދެކުޅުންތެރިންގެ އެވޭލެބިލިޓީއާ މެދު ޝައްކުވެފައިވާތީ އެވެ.
އެއާ އެކު އިތުރު ގޮތެއް ނެތް ހާލަތުގައި ބޭނުން ކުރުމަށް ޗެކް ސްކޮޑުގައި ވަނީ ހިމަނައިފަ އެވެ. ޗެކް ޓީމު ލިސްޓުގައި ޖެހި އަނެއް ސަބަބަކީ ކޮވިޑް-19ގެ ސަބަބުން ކީޕަރުންތަކަކަށް ނުކުޅެވޭ ހާލަތެއް އަތުވެއްޖެ ނަމަ ކުޅުވާށެވެ.
ފްރާންސްގެ ރެނޭސްއިން 2004 ވަނަ އަހަރު 8.7 މިލިއަން ޔޫރޯގެ އަގަކަށް ޗެލްސީއާ ގުޅުމަށް ފަހު، ޗެކް ވަނީ އެ ކްލަބަށް 494 މެޗު ކުޅެފަ އެވެ. އެ މުއްދަތުގެ ތެރޭގައި އޭނާ ވަނީ ޗެލްސީއާއެކު ޗެމްޕިއަންސް ލީގު ތައްޓަކާއި، ޔޫރޮޕާ ލީގު ތައްޓަކާއި، ޕްރިމިއާ ލީގުގެ ހަތަރު ތައްޓާއި، ހަތަރު އެފްއޭ ކަޕުގެ އިތުރުން ތިން ލީގު ކަޕް ހޯދައިފަ އެވެ.