ވެންޓިލޭޓަރު މައްސަލާގައި އަމީން އެކަނި އިސްތިއުފާ ދިނުމަކުން ނުފުދޭ: ފަޒުލް

ފެލިދޫ ދާއިރާގެ މެމްބަރު ފަޒުލް ރަޝީދު: ވެންޓިލޭޓަރު މައްސަލަ ރަނގަޅަށް ތަހުގީގު ކުރުމަށް އޭނާ ވަނީ ގޮވާލާފައި --

ވެންޓިލޭޓަރު މައްސަލާގައި ހެލްތު މިނިސްޓަރުގެ މަގާމުގައި ހުންނެވި އަބްދުﷲ އަމީން އެކަނި އިސްތިއުފާ ދިނުމުން ނުފުދޭ ކަމަށާއި މަގާމުތަކުގައި ތިބެ އެކަމުގައި އިހްމާލުވި ހުރިހާ ފަރާތްތަކަކުން އިސްތިއުފާ ދިނުމަށް ފެލިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވެއްޖެ އެވެ.

މަޖިލީހަށް ހުށަހަޅާފައިވާ ޕޭމަންޓް ސިސްޓަމާއި ޕޭމަންޓް ހިދުމަތްތަކުގެ ބިލަށް ބަހުސް ކުރައްވަމުން އިދިކޮޅު ޕީއެންސީގެ މެންބަރު ފަޒުލް ވިދާޅުވީ، އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންތައްތަކަށް ބަލާއިރު ވެންޓިލޭޓަރު މައްސަލަ އަކީ ވަރަށް ބޮޑަށް ރޭވުންތެރިކަމާއި އެކީގައި ކޮށްފައި އޮތް ކަމެއް ކަމަށާއި އެކަމުގައި ސާމިލްވާ އެންމެނަށް އަދަބު ދޭން ޖެހޭނެ ކަމަށެވެ.

"ވެންޓިލޭޓަރު ކަންތައްތަކުގައި އަމީން އިސްތިއުފާ ދީގެން މި މައްސަލައެއް ނުނިމޭ. ވެންޓިލޭޓަރު މައްސަލާގައި އަމީން އިސްތިއުފާދީގެން ނުނިމެއޭ އަޅުގަނޑު މި ދަންނަވަނީ އެގްރީމެންޓްގައި ސޮއި ނުކޮށް ފިނޭންސް މިނީސްޓްރީގެ ޕޭމަންޓް ސިސްޓަމުގެ ތެރެއިން މި ފައިސާގެ 90 އިންސްއްތަ ރާއްޖެ އިން ބޭރުވެގެން ދިއައީމަ މިކަމުގެ ޒިންމާ ވާން ޖެހޭ އިތުރު ފަރާތްތަކެއް އެބަތިބި. އެހެންވީމާ އަމީން އިސްތިއުފާ ދިން ފަދައިން އެހެން ބޭފުޅުނުން ވެސް އިސްތިއުފާ ދޭން އަޅުގަނޑު ގޮވާލަން،" ފަޒުލް ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓްރީގެ ތެރެއިން އެވަރުގެ ބޮޑު އަދަދެއްގެ ފައިސާ ބޭރުވެގެން ދާއިރު އެކަމުގެ މައުލޫމާތު ސެންޓްރަލް ބޭންކް، އެމްއެމްއޭ އަށް އެނގެން ޖެހޭނެ ކަން ފަޒުލް ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، އެކަންތައްތައް އިތުރަށް ކަށަވަރު ކުރުމަށް އެމްއެމްއޭ އިން މަސައްކަތްތަކެއް ކުރަން ޖެހޭނެ ކަމަށެވެ.

"ދިވެހިރާއްޖޭގެ ހާލަތު އެންމެ ނާޒުކުވި ދަނޑިވަޅުގައި ވެންޓިލޭޓަރުތައް ގެއްލިގެން ދިޔައީމަ ނުވަތަ ޕޭމަންޓް ފޮނުވާފައި އަޅުގަނޑުމެނަށް އެ އެއްޗެހި ނުލިބުނީމަ ހަގީގަތުގައި އެކަމުގެ އިހްސާސް އަޅުގަނޑުމެނަށް ކުރެވުނީސް އެވަރުގެ ހާލަތަކަށް ދިވެހިރާއްޖޭގެ ރައްޔިތުން ދިޔަ ނަމަ،" ފަޒުލް ވިދާޅުވި އެވެ.

ވެންޓިލޭޓަރުގެ މައްސަލާގައި ދައުވާ ނުކުށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން އެމައްސަލަ އަނބުރާ ފޮނުވާލުމުން އެކަމުގައި ވަރަށް ގިނަ ގޯސްތަކެއް ހުރިކަން ފަޒިލް ފާހަގަކުރި އެވެ. އަދި ވިދާޅުވީ، އެ މައްސަލަ ރަނގަޅަށް ތަހުގީގުކޮށް އިންސާފު ގާއުމް ކުރަން ޖެހޭނެ ކަމަށެވެ.

"އަދި އެންމެ މުގުލެއް އެ ދިޔައީ. އެންމެ ލައްޓިއެއް އެދިޔައީ. އަދި ބައިވަރި ތިން ހަތަރު ލައްޓި އެބައުޅޭ މީގެ ތެރޭގައި. އެ ލައްޓިތައް ވެސް ބޭނެން އެބަ ޖެހޭ. ހުސްއެކަނި އަމީނެއް ނޫން އިސްތިއުފާ ދޭން ޖެހޭނީއެއް،" ނިމިދިޔަ ސަރުކާރުގައި ފެން ކުންފުނީގެ ވެރިއަކަށް ހުންނެވި ފަޒުލް ވިދާޅުވި އެވެ.

އަމީންގެ މައްޗަށް އޭސީސީ އިން ތުހުމަތު ކުރަނީ ޑަބްލިއުއެޗްއޯއިން ލަފާ ހޯދައިގެން ކަމަށް ބުނެ އޮޅުވާލުމާއި ހީލަތުގެ ތެރެއިން 75 ވެންޓިލޭޓަރު ގެންނަން ދުބާއީގެ އެގްޒިކިއުޓާޒް ޓްރޭޑިންއަށް ދިނުމުގައި އޭނާ ބައިވެރިވެފައިވާ ކަމަށެވެ. އަދި ވެންޓިލޭޓަރުތައް ނުލިބެނީސް އެތަކެތީގެ އަގުގެ 90 ޕަސެންޓަށްވާ ފައިސާ ކަމަށްވާ 30 މިލިއަނެއްހާ ރުފިޔާ ގެރެންޓީއެއް ނެގުމަކާ ނުލާ އެ ކުންފުންޏަށް ދީ ދައުލަތަށް ގެއްލުމެއް ވެދާނެ ގޮތަށް ވަނީ އަމަލުކޮށްފައި ކަމަށް އޮޑިޓާ ޖެނެރަލްގެ ރިޕޯޓުންނާއި އޭސީސީގެ ތަހުގީގުން ވަނީ ހާމަވެފަ އެވެ. ނަމަވެސް، އަދި ލިބިފައި ވަނީ 10 ވެންޓިލޭޓަރެވެ. އަދި ބާކީ ހުރި ވެންޓިލޭޓަރުތައް ލިބޭނޭ ތާރީހެއް ވެސް އެ ކުންފުނިން ދީފައެއް ނުވެ އެވެ.

comment ކޮމެންޓް