ފަހަކަށް އައިސް އާސެނަލްގެ މެޗުތަކުގައި، ބެންޗާ ހަމައަށް ވެސް ފުރުސަތު ނުލިބި އެ ޓީމުގެ ފޮޓޯގަނޑުން ބޭރުކޮށްލާފައިވާ މެސުޓް އޮޒިލް އެންމެ ފަހުން ޕްރިމިއާ ލީގުގެ ސްކޮޑުން ވެސް ބާކީ ކޮށްފި އެވެ.
އޮޒިލް، 32، އެންމެ ފަހުން އާސެނަލަށް މެޗެއް ކުޅެދިނީ މިދިޔަ މާރޗް މަހުގެ ތެރޭގަ އެވެ. އާސެނަލުގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާގެ ގޮތުގައި ހުރި އޮޒިލް މިދިޔަ މަހު ނެގި ޔޫރޮޕާ ލީގުގެ ސްކޮޑުން ވެސް ބާކީ ކޮށްފައިވާ އިރު އޭނާއާއި ކޯޗު މިކެލް އާޓެޓާއާ ދެމެދު މައްސަލަތަކެއް ހުރިކަން އިނގިރޭސި މީޑިއާތަކުން ވަނީ ބުނެފަ އެވެ. އަދި އެހެންމެ އިއްޔެ އޮޒިލް ވަނީ އާސެނަލުގެ ޕްރިމިއާ ލީގުގެ 25 ކުޅުންތެރިންގެ ސްކޮޑުން ވެސް ބާކީ ކޮށްފަ އެވެ.
އާސެނަލުގެ ސްކޮޑުން އޮޒިލް ބާކީކުރި ނަމަވެސް، އޮޒިލް އާސެނަލް ދޫކޮށްލާނީ އެއްބަސްވުން ހަމަވުމުން އަންނަ އަހަރުގެ ހޫނު މޫސުމުގައި ކަމަށް ރިޕޯޓުތައް ބުނެއެވެ. އޮޒިލް މި ސީޒަނުގެ ނިޔަލަށް އާސެނަލުގެ އެއްބަސްވުމުގައި ހުރީ ހަފުތާއަކު 350،000 (ތިން ލައްކަ ފަންސާސް ހާސް) ޕައުންޑް ލިބޭ ގޮތަށެވެ.
އިނގިރޭސި މީޑިއާ ތަކުން ބުނާ ގޮތުގައި އޮޒިލްއާއި އާސެނަލާ ދެމެދު މައްސަލަ ގޯސްވީ ކޮވިޑްގެ ސަބަބުން ލީގުތައް މެދުކެނޑިފައި އޮތް ވަގުތު އާސެނަލުގެ މާލީ ހާލަތު ދަށަށް ދިއުމުން ކުޅުންތެރިންގެ މުސާރަ ކުޑަ ކުރަން ނިންމި ނިންމުމާ ގުޅިގެންނެވެ. އެ ނިންމުމަށް އޮޒިލް ދެކޮޅަށް ވަކާލާތު ކުރި އިރު އެހެން ކުޅުންތެރިންގެ މުސާރައިން ބައެއް ވަނީ އުނިކޮށްފަ އެވެ.
އެއަށްފަހު އޮޒިލް ދެން މީޑިއާގެ ބޮޑު ސުރުހީން ޖާގަ ހޯދީ މިފަހުން އާސެނަލުން ހަރަދުތައް ކުޑަކުރުމުގެ ގޮތުން އެ ޓީމުގެ މެސްކޮޓް، ގަނާރަސޯރަސް ވަކިކުރަން އުޅުމުންނެވެ. އޮޒިލް އޭރު މެސްކޮޓުގެ މުސާރައާއި ހަވާލުވެފައިވަނީ އޭނާ ކުލަބުގައި މަޑުކުރާހާ ދުވަހެއް ވަންދެން ކަމަށް އޭނާ ބުނެފައިވެ އެވެ.
އޮޒިލް، އާސެނަލާ އެކު 2018 ވަނަ އަހަރު ސޮއިކުރި އެއްބަސްވުމުގައިވާ ގޮތުން ކޮންޓްރެކްޓްގެ ފަހު އަހަރުގެ ސީޒަން ފެށޭތާ ވަކި މުއްދަތެއް ފާއިތުވާއިރު އޭނާ އެ ކްލަބްގައި ހުރެފިނަމަ ލޯޔަލްޓީ ބޯނަހެއްގެ ގޮތުގައި 9.3 މިިލިއަން ޑޮލަރު ދެން ޖެހޭ ގޮތަށް މާއްދާއެއް އޮވެ އެވެ. ރިޕޯޓްތައް ބުނާގޮތުން އާސެނަލުން ވަނީ މިދިޔަ މަހު އެ ފައިސާ ދައްކައިފަ އެވެ.
ރެއާލް މެޑްރިޑް ދޫކޮށް 2013 ވަނަ އަހަރު އާސެނަލަށް ބަދަލުވި އޮޒިލް ވަނީ އާސެނަލަށް މިހާތަނަށް ކުޅެދިން 254 މެޗުގައި 44 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި ވަނީ އާސެނަލާއެކު އެފްއޭ ކަޕް ތިން ފަހަރު އަދި ކޮމިއުނިޓީ ޝީލްޑް އެއް ފަހަރު ކާމިޔާބުކޮށްފަ އެވެ.