ހެލްތް މިނިސްޓަރުގެ މަގާމުން ވަކިކުރުމަށް އެމްޑީޕީގެ ބައެއް މެމްބަރުން މަސައްކަތް ކުރުމަކީ އެއީ އޭނާއަށް އަމާޒުކޮށްގެން ކުރި ކަމެއް ނޫންކަމަށް، އެ މާގަމުން އިސްތިއުފާ ދެއްވި އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.
ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ 24 މެމްބަރަކު ސޮއިކޮށް އަމީން މަގާމުން ވަކިކުރުމަށް އިއްޔެ މަޖިލީހަށް އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅި އެވެ. އެއާއެކު އޭނާ ވަނީ ރޭގެ ވަގުތުގައި، އަމިއްލަފުޅަށް އިސްތިއުފާ ދެއްވާފަ އެވެ.
އަމީން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިޔުއްވި އިސްތިއުފާގެ ސިޓީގައި އޭނާ އެކަން ސިފަ ކުރެއްވީ އެއީ "އޭނާއަށް އަމާޒުވި އެތިފަހަރެއް ނޫން" ކަމުގަ އެވެ. އެކަން ރައީސްއާއެކު ކުރުވުނު މަޝްވަރާތަކުން ވަރަށް ރަނގަޅަށް ސާފުވާކަމަށްވެސް އެ ސިޓީގައި އޭނާ ވިދާޅުވެފައިވެ އެވެ.
"އަޅުގަނޑު މަގާމުން ދުރުކުރުމަށް، ވާންކުރުމަކީ، ކޮންމެހެން އަޅުގަނޑަށް އަމާޒުވާ އެތިފަހަރެއް ކަމަށް ނުދެކެމެވެ. އަދި މި ހާލަތާ ގުޅިގެން މަނިކުފާނާ [ރައީސް ސޯލިހާ] ކުރެެވުނު މަޝަވަރާއިން ހާލަތު އަޅުގަނޑަށް ވަޒަން ކުރެވުނެވެ. އެހެން ކަމުން މި ހާލަތުގައި މަސްލަހަތު އެންމެ ރަނގަޅު ގޮތަކީ އަޅުގަނޑު މަގާމުން އިސްތިއުފާ ދިނުން،" އަމީންގެ އިސްތިއުފާގެ ސިޓީގައި ލިޔުއްވާފައިވެ އެވެ.
އަމީން މަގާމުން ވަކިކުރަން މަސައްކަތް ކުރި އެމްޑީޕީ މެމްބަރުންނަށް ނުސީދާކޮށް ނިސްބަތްކކުރައްވާ އޭނާ ވިދާޅުވީ، މި ސަރުކާރުން ބަލިކޮށްލަން ރައީސް ސޯލިހާ ވާދަވެރި ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެހެން ނަމަވެސް އެއީ ކޮން ބައެއް ކަމެއް އޭނާގެ ސިޓީގައި ވިދާޅެއްނުވެ އެވެ.
"މަނިކުފާނުގެ ވެރިކަމުގެ އުއްމިދު ގުޅިފައިވަނީ އަންނަ އޮތް ޖީލަކާ އެވެ. އެހެނަސް މިކަމަށް ހުރަސް އެޅުމަށް، އުއްމީދު ނެތިކޮށްލުމަށް އަދި މަނިކުފާނު ބަލިކޮށްލުމަށް ރޭވުންތެރި މަސައްކަތްތައް އަމާޒުވެ އެވެ. ހަގީގަތް އަދި އަސާސެއް ނެތް ކަންކަމުގެ ވަސްވާހުގައި ސަރުކާރު ބަލިކޮށްލުމަށް މަސައްކަތް ހިނގައެވެ،" އަމީން ވިދާޅުވި އެވެ.
އަމީން ވިދާޅުވި ގޮތުގައި ރާއްޖެއަކީ ސިޔާސީގޮތުން ހަލަބޮލި، ވާދަވެރިކަން ބޮޑު ގައުމެކެވެ. އެކަމުގެ ސަބަބުން ގައުމަށް ލިބެންޖެހޭ ހަގީގީ ކުރިއެރުންތަކަށް އެތަށް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް އަމީން ވިދާޅުވި އެވެ.
އަމީންގެ ސިޓީގައި އޭނާގެ ވަޒީރުކަމުގައި ސިއްހީ ދާއިރާއަށް ކުރެއްވި ހިދުމަތްތަކައްވެސް އަލިއަޅުވާލި އެވެ. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ލާމަރުކަޒީ ކުރުމަށް ކުރެވެމުންދާ މަސައްކަތުގައި ކުރިއެރުން ލިބެމުން އަންނަ ކަން އޭނާ ފާހަގަ ކުރެއްވި އެވެ. އޭގެ އިތުރުން ކޮވިޑްގެ ބަލިމަޑުކަމުގައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަކީ ޝުކުރު ހައްގު މަސައްކަތްތަކެއްގެ ގޮތުގައި ދެކޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"އެ މަސައްކަތުގައި އިސްދައުރެއް އަދާކޮށް ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމަށް މަސައްކަތް ކުރެވުނީތީ ފަހުވެރިވަމެވެ. އަދި ހެލްތްގެ އެހެން މުވައްޒަފުންނާއި ސިއްހީ ހިދުމަތްތެރިންގެ ބުރަ މަސައްކަތައް ތާއަބަދު ޝުކުރު ހައްގު ކަމުގައި ދެކެމެވެ،" އަމީން ވިދާޅުވި އެވެ.
އަމީން މަގާމުން ވަކިކުރަން އެމްޑީޕީގެ ބައެއް މެމްބަރުން މަސައްކަތް ކުރީ، ކޮވީޑް19އާ ގުޅިގެން ރާއްޖެއިން ބޭރުން ގެނައި ވެންޓިލޭތަރުތަކުގެ ކަންކަމުގައި ކޮރަޕްޝަންގައި ހީލަތް ހެދުމުގައި އޭނާ ބައިވެރިވާ ކަމަށް ތުހުމަތު ކުރެވުމުންނެވެ.
އަމީން މަގާމުން ވަކިކުރުމަށްޓަކައި އިއްޔެ އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕަށްވެސް އެ މައްސަލަ ހުށަހެޅި އެވެ. އެހެން ނަމަވެސް ތިން ވޯޓުގެ ތަފާތަކުން އޭނާ މަގާމުން ވަކިކުރަން ފާހެއް ނުވި އެވެ.
އެކަމާ ގުޅިގެން އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ މެދުގައި ހޫނު ބަހުސްތަކެއް ހިނގިއެވެ. ބައެއް މެމްބަރުން ތުހުމަތު ކުރަނީ އަމީން ހުރީ "ވެންޓިލޭތަރުން ވައްކަން ކޮށްގެން" ކަމަށާއި އެ ކޮރަޕްޝަންގެ ފުރިހަމަ ޒިންމާ އަމީން ނަގަންވަން ޖެހޭ ކަމަށެވެ. އެހެން ކަމުން އޭނާއަށް އޮތް އިތުރުބާރު ގެއްލިފައިވާ ކަމަށް އެ މެމްބަރުން ވިދާޅުވިއެވެ. އެހެން ނަމަވެސް ރައީސް ސޯލިހަށް ވަފާތެރި މެމްބަރުން ވިދާޅުވަމުން ދިޔައީ އަމީން މަގާމުން ވަކިކުރުމަކީ އެމަނިކުފާނު ނިންމަވަން ޖެހޭ ނިންމުމެއް ކަމަށާއި ރައީސަށް ފުރިހަމަ އިތުބާރު އޮތް ކަމަށެވެ.
އެ ހޫނު ބަހުސްގައި އެމްޑީޕީގެ ރައީސް އަދި މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވާހަކަ ދެއްކެވީ އަމީން ވަކިކުރަން ޖެހޭ ކަމަށެވެ. އަދި އެމްޑީޕީ ޕީޖީން ކޮންމެ ގޮތަކަށް ނިންމި ނަމަވެސް އަމީން މަގާމުން ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދަވާނެ ކަމަށް އޭރު އެމަނިކުފާނު ވިދާޅުވި އެވެ. ރައީސް ނަޝީދު އެގޮތަށް ވިދާޅުވީި އަމީން މަގާމުން ވަކިކުރުމަށް ބޭއްވި ޕީޖީގެ ބައްދަލުވުމުގެ ކުރިން، ޕީޖީގެ ވެޓްސްއެޕް ގުރޫޕުގަ އެވެ.