ތުރުކީން ހައްޔަރު ކުރި "ޖާސޫސަކީ" ނޫސްވެރިއެއް

ތުރުކީން ވަނީ އެގައުމުގައި ހުރެ ޔޫއޭއީއަށް ޖާސޫސު ކޮށްދިނުމުގެ ތުހުމަތުގައި އުރުދުންގެ މީހަކު މިދިޔަ ހުކުރު ދުވަހު ހައްޔަރުކޮށްފަ -- ފޮޓޯ: އޭއެފްޕީ

އަންކާރާ (އޮކްޓޯބަރު 20): ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ޖާސޫސެއް ކަމަށް ބުނެ ތުރުކީން މިދިޔަ ހުކުރު ދުވަހު ހައްޔަރު ކުރި އުރުދުންގެ މީހާއަކީ ތުރުކީގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ މީހެއް ކަމަށް ވޮޝިންޓަން ޕޯސްޓުން ރިޕޯޓުކޮށްފި އެވެ.

ނަން ހާމަ ކޮށްފައި ނުވާ ތުރުކީގެ އޮފިޝަލަކާ ހަވާލާދީ ވޮޝިންޓަން ޕޯސްޓުގައިވާ ގޮތުން އެގައުމުން ހައްޔަރު ކުރި 45 އަހަރުގެ އަހުމަދުލް އަސްތަލް ވަނީ ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރަމުން، ޔޫއޭއީއަށް ޖާސޫސުކޮށްދިން ކަމަށް އިއުތިރާފު ވެފަ އެވެ. އަދި އޭނާއާ ޔޫއޭއީއާ ގުޅުން ހުރިކަން ސާބިތުކޮށްދޭ ގިނަ އަދަދެއްގެ ލިޔެކިޔުންތައް ތުރުކީއަށް ލިބިފައިވާ ކަމަށް ރޮއިޓާސް ނޫހުން ރިޕޯޓު ކުރި އެވެ.

ވޮޝިންޓަން ޕޯސްޓުގައިވާ ގޮތުން އެ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި އަސްތަލް ޔޫއޭއީއަށް ޖާސޫސުކޮށްދޭން ފެށީ މީގެ 10 އަހަރު ކުރިންނެވެ. އަދި އެގައުމަށް ޖާސޫސުކޮށްދޭން 2008 ވަނަ އަހަރު އަސްތަލްއަށް ފުރަތަމަ ފަހަރަށް ހުށަހެޅުމެއް ލިބުމުން އޭނާ އެކަމަށް ދެކޮޅު ހެދި އެވެ. ނަމަވެސް ފަހުން ވަޒީފާއެއް ނުލިބުމުން އޭނާ ޖާސޫސު ކުރަން އެއްބަސްވި އެވެ.

ވޮޝިންޓަން ޕޯސްޓުގެ ރިޕޯޓުގައިވާ ގޮތުން އަސްތަލް ތުރުކީގައި މަސައްކަތް ކުރަމުން ދިޔަ އިރު އިސްކަން ދިނީ އެގައުމާއި މުސްލިމު ދުނިޔެއާ އޮންނަ ގުޅުންތަކަށާއި ހާރިޖީ ސިޔާސަތުތަކަށާއި ސަރުކާރުގެ ދާހިލީ ކަންތައްތަކާ ބެހޭ މައުލޫމާތު ހޯދުމަށެވެ. އަދި 2016 ވަނަ އަހަރު ނާކާމިޔާބުވި ބަޣާވާތަށް ފަހު ތުރުކީގައި އިތުރު ބަޣާވާތެއް ކުރުމުގެ ފުރުސަތު އޮތްތޯ ބެލުމަށްވެސް އަސްތަލް ދިރާސާ ކުރި އެވެ.

މީގެ އިތުރުން ތުރުކީގައި ތިބި އަރަބި ނޫސްވެރިންނާއި އަރަބި ސަރުކާރުތަކަށް ފާޑު ކިޔާ މީހުންގެ މައުލޫމާތު އަސްތަލް ޔޫއޭއީއާ ހިއްސާ ކުރި ކަމަށް ވޮޝިންޓަން ޕޯސްޓުގައިވެ އެވެ. އަދި އެ މަސައްކަތްތަކަށް އޭނާއަށް ގާތްގަނޑަކަށް 400،000 ޑޮލަރު ލިބިފައިވާ ކަމަށް ލިޔެކިޔުންތަކުގައިވެ އެވެ.

އަސްތަލް އަކީ ޔޫއޭއީއަށް ޖާސޫސު ކޮށްދިނުމުގެ ތުހުމަތުގައި ތުރުކީން ފާއިތުވި ދެ އަހަރު ތެރޭ ހައްޔަރު ކުރި ތިން ވަނަ މީހާ އެވެ. އެގޮތުން މިދިޔަ އަހަރުގެ އޭޕްރިލް މަހު ތުރުކީން ދެ މީހަކު ހައްޔަރުކޮށް، އޭގެ ތެރެއިން އެކަކާ ސައުދީ އަރަބިއާގެ ނޫސްވެރިޔާ ޖަމާލް ހާޝުގްޖީގެ މަރާ ގުޅުން އޮތް ކަމަށް ތުހުމަތު ކުރި އެވެ. އޭގެ ފަހުން އެ ދެ މީހުންގެ ތެރެއިން އެކަކު ވަނީ ތުރުކީގެ ޖަލެއްގައި ހުއްޓާ އަމިއްލައަށް މަރުވެފައި ކަމަށް އެގައުމުގެ ސަރުކާރުން ބުންޏެވެ.

comment ކޮމެންޓް