އިޓާލިއަން ލީގުގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ، ކްރިސްޓިއާނޯ ރޮނާލްޑޯއަށް ވުރެން އެ ލީގުގައި ވިދުން ގަދައީ އޭސީ މިލާނުގެ ތަޖުރިބާކާރު ފޯވާޑް ޒްލަޓަން އިބްރަހިމޯވިޗް ކަމަށް ޔުވެންޓަސްގެ ކުރީގެ ކޯޗު އަލްބާޓޯ ޒެކަރޯނީ ބުނެފި އެވެ.
އުމުރުން 39 އަހަރުގެ އިބްރަހިމޯވިޗް އަހަރުތަކަކަށްފަހު އެނބުރި އޭސީ މިލާނާ ގުޅުނީ މި އަހަރުގެ ކުރީ ކޮޅު އެވެ. ސީޒަން ދެބައިވެފައި އޮއްވާ ކުލަބު ބަދަލު ކުރި އިބްރަހިމޯވިޗް ކުރީ ސީޒަނުގެ 20 މެޗު ކުޅުނު އިރު އޭނާ ވަނީ 11 ގޯލު ޖަހައި އޭސީ މިލާނަށް ބޮޑު ކުރިއެރުންތަކެއްް ހޯދައިދީފަ އެވެ. އަދި އެހެންމެ މި ސީޒަން ފަށައިގެން ވެސް އޭނާ އަންނަނީ ކުރީ ސީޒަނަށް ވުރެން ފޯމު ރަނގަޅުކޮށް ކުޅެމުންނެވެ.
ޔޫރޮޕުގެ ގިނަ ކުލަބުތަކަކަށް ކުރިން ކުޅުނު އިބްރަހިމޯވިޗް އަކީ މި ޖީލުގައި އުފެދުނު އެންމެ މޮޅު އެއް ސްޓްރައިކަރެވެ. ސްވިޑަންގެ މަލްމޯ އިން 1999 ގައި ކެރިއަރު ފެށި އޭނާ ވަނީ ނެދަލެންޑްސްގެ އަޔެކްސްއާއި އިޓަލީގެ ޔުވެންޓަސް އާއި އިންޓަ މިލާނާއި ސްޕެއިނުގެ ބާސެލޯނާ އާއި ފްރާންސްގެ ޕީއެސްޖީ އަދި އިންގްލެންޑުގެ މެންޗެސްޓާ ޔުނައިޓެޑަށް ވެސް މީގެ ކުރިން ކުޅެފަ އެވެ. ނަމަވެސް އޭނާއަށް މިހާތަނަށް އެއްވެސް ޓީމަކާ އެކު ޗެމްޕިއަންސް ލީގުގެ ތަށްޓެއް އުފުލާލެވިފައެއް ނުވެ އެވެ.
ކޮވިޑް-19ގެ ޝިކާރައަކަށް ވުމުން މަހެއް ވުރެން ގިނަ ދުވަސް ކުޅުމާ ދުރުގައި ހުރުމަށްފަހި އެނބުރި އައިސް އިބްރަހިމޯވިޗް ވަނީ އެންމެ ފަހު މެޗުގައި ވާދަވެރި އިންޓަ މިލާން ކޮޅަށް ތިން މިނަޓުތެރޭ ދެ ގޯލު ޖަހައިދީފަ އެވެ. މި ސީޒަނުގައި ސައްތައިން ސައްތަ ރެކޯޑް ދަމަހައްޓަމުން އަންނަ މިލާން އޮތީ ލީގުގެ އެއްވަނައިގަ އެވެ.
އަނެއް ކޮޅުން މީގެ ދެ ތިން އަހަރު ކުރިން ސްޕެއިނުގެ ރެއާލް މެޑްރިޑް ދޫކޮށް ޔުވެންޓަސްއަށް ބަދަލުވި ރޮނާލްޑޯ ވެސް ވަކި ދެރައެއް ނޫނެވެ. ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރެއްގެ މަތިން ހޯދާފައިވާ ރޮނާލްޑޯ ލީގުގައި މޮޅު ކުޅުމެއް ދައްކަމުން އައި އިރު ކުރީ ދެ ސީޒަނުގެ ލީގު ޗެމްޕިއަންކަން ޔުވެންޓަސް ހޯދުމުގައި އެންމެ މުހިއްމު ދައުރެއް އަދާ ކުރީ ރޮނާލްޑޯއޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. އޭނާ ވަނީ މިހާތަނަށް ޔުވެންޓަސްއަށް ކުޅުނު 91 މެޗުގައި 68 ގޯލު ޖަހައިފަ އެވެ.
އެހެން ނަމަވެސް އިޓާލިއަން ލީގުގެ ގިނަ ތަޖުރިބާތަކެއް ހުރި ޒެކަރޯނީ ބުނީ ލީގުގައި މިވަގުތު އެންމެ ވިދުން ގަދަ ތަރިއަކީ ކާކުކަން އެންމެނަށް ވެސް ސާފު ކަމަށެވެ.
"އަހަރެންގެ ކޯޗިންގް ކެރިއަރުގައި އެތައް ޗެމްޕިއަނުންނަކަށް އިރުޝާދު ދެވިއްޖެ. ޖޯޖް ވީހް އިން ފެށިގެން އެޑްރިއާނޯ އަދި އޮލިވާ ބިއާހޮފް ފަދަ މޮޅެތި ކުޅުންތެރިންނަށް ކޯޗުކަން ކޮށްދެވުން. އެކަމަކު އަހަރެން އެންމެ ދެރަވާކަމަކީ ކެރިއަރުގައި އިބްރަހިމޯވިޗްއާ އެއް ޓީމަކުން ދިމާނުވުން." ޒެކަރޯނީ ބުނެފައިވެ އެވެ.
ޒެކަރޯނީ ބުނީ އިބްރަހިމޯވިޗް އަކީ އަބަދަށްފެހި ކުޅުންތެރިއެއް ކަމަށެވެ. އަދި އޭނާގެ ކެރިއަރުގައި ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވާ ކުޅުންތެރިޔާއެއް ލިބޭ ބެލެންޑިއޯ ނުލިބުނީތީ ހައިރާންވާކަމަށް ޒެކަރޯނީ ވަނީ ބުނެފަ އެވެ.
"އިޓަލީގައި މިވަގުތު އެންމެ ވިދުން ގަދައީ އިބްރަހިމޯވިޗް. އޭނަގެ އެނބުރި އައުމާއެކު ޒުވާން ކުޅުންތެރިންނަށް އިތުރު ހިތްވަރެއް ލިބި، ނަމޫނާއަކަށް ބަލާނެ ކުޅުންތެރިއަކަށް އޭނާ ވެއްޖެ."