ކޮވިޑް-19 ގެ ޝިކާރައަކަށް ވުމަށްފަހު އެބަލިން ރަނގަޅުވެގެން އައިސް އިޓާލިއަން ލީގުގައި އެންމެ ވާދަވެރި އިންޓަ މިލާން ކޮޅަށް ދެ ގޯލު ޖަހައި ޒްލަޓަން އިބްރަހިމޯވިޗް އޭސީ މިލާން މޮޅުކޮށްދީފި އެވެ.
ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ އެ މެޗުން އޭސީ މިލާނުން ކާމިޔާބު ކުރީ 1-2ގެ ނަތީޖާއަކުންނެވެ. މިއީ ވޭތުވެ ދިޔަ ހަތަރު އަހަރުގެ ތެރޭގައި މިލާން ޑާބީގެ މޮޅެއް އޭސީ މިލާން ހޯދި ފުރަތަމަ ފަހަރުވެސްމެ އެވެ. އެ މޮޅާ އެކު މިލާނުން ތާވަލުގެ އެއްވަނައިގައި އޮތީ ހަތަރު މެޗުން 12 ޕޮއިންޓް ހޯދައިގެން ސައްތައިން ސައްތަ ރެކޯޑަކާ އެކު އެވެ. ރޭގެ މެޗުން ބަލިވި އިންޓަ އޮތީ ހަވަނައިގައި ހަތް ޕޮއިންޓާ އެކު އެވެ.
އޭސީ މިލާނުން އިޓަލީގެ އެއްވަނައަށް އެރި އިރު މިއީ އަށް އަހަރު ފަހުން ލީގު ތާވަލުގެ އެންމެ އުހަށް އެ ޓީމު އެރި ފުރަތަމަ ފަހަރެވެ.
ރޭގެ މެޗު ފަށައިގެން މާގިނައިރު ތަކެއް ނުވަނީސް މިލާނުން ވަނީ ގޯލު ޖަހައި ލީޑު ނަގައިފަ އެވެ. ކޮވިޑްގެ ސަބަބުން ކުރީ ދެ މެޗު ގެއްލުމަށް ފަހު އެނބުރި އައިސް އިބްރަހިމޯވިޗް އެ ގޯލު ޖެހީ 13 ވަނަ މިނެޓުގައި އޭނާ ފޮނުވާލި ޕެނަލްޓީއެއް އިންޓަގެ ގޯލްކީޕަރު ސާމިރު ހެންޑަނޮވިޗް މަތަކޮށް ފޮނުވާލުމުން ރީބައުންސުގައި ޖަހަ އެވެ. އޭގެ ތިން މިނެޓު ފަހުން އިބްރަހިމޮވިޗް ދެ ވަނަ ގޯލް ޖެހީ އަރިމަތިން ރަފައެލް ލީއޯ ނަގައިދިން ހުރަހަކުންނެވެ.
އިންޓަގެ ލަނޑު ރޮމެލޫ ލުކާކޫ ކާމިޔާބު ކުރީ މެޗުގެ 29 ވަނަ މިނެޓްގަ އެވެ. އެ ލަނޑަކީ މި ސީޒަންގެ ސެރީ އާ ގައި އޭސީ މިލާންގެ ކީޕަރު ޖިއާންލުއީޖީ ޑޮނަރުންމާ ކޮޅަށް ވަން ފުރަތަމަ ލަނޑެވެ.
ރޭގެ މެޗަށްފަހު އިބްރަހިމޯވިޗް ބުނީ އޭނާ މެޗަށް ނުކުތީ ހައިވެގެން ހުރެ ކަމަށެވެ. މަޖާޒީ މާނައެއްގައި އޭނާ އެހެން ބުނީ ކޮވިޑްގެ ސަބަބުން ގޭގައި މަޑުކުރަން ޖެހުމުން ފުޓުބޯޅައާ ދުރުގައި މަޑުކުރަން ޖެހުމުންނެވެ.
"އަހަރެން ހުރީ އިންތިހާއަށް ހައިވެފައި. ނުބައި ޖަނަވާރެއް ލޮކް ކޮށްފައި ގޭގައި އެމީހުން ބޭއްވީ. ގޭގައި އޮތް އިރު ވެސް އަބަދު ވެސް ސިކުނޑި އޮންނަނީ ދަނޑުމަތީގައި. ވަރަށް އުނދަގޫ ކުޅުމާ ދުރުގައި އެހެން ގޮސް ހުންނަން." އިބްރަހިމޯވިޗް ބުންޏެވެ.
ޔޫރޮޕުގެ ގިނަ ކުލަބުތަކަކަށް ކުރިން ކުޅުނު އިބްރަހިމޯވިޗް އަކީ މި ޖީލުގައި އުފެދުނު އެންމެ މޮޅު އެއް ސްޓްރައިކަރެވެ. ސްވިޑަންގެ މަލްމޯ އިން 1999 ގައި ކެރިއަރު ފެށި އޭނާ ވަނީ ނެދަލެންޑްސްގެ އަޔެކްސްއާއި އިޓަލީގެ ޔުވެންޓަސް އާއި އިންޓަ މިލާނާއި ސްޕެއިނުގެ ބާސެލޯނާ އާއި ފްރާންސްގެ ޕީއެސްޖީ އަދި އިންގްލެންޑުގެ މެންޗެސްޓާ ޔުނައިޓެޑަށް ވެސް މީގެ ކުރިން ކުޅެފަ އެވެ. ނަމަވެސް އޭނާއަށް މިހާތަނަށް އެއްވެސް ޓީމަކާ އެކު ޗެމްޕިއަންސް ލީގުގެ ތަށްޓެއް އުފުލާލެވިފައެއް ނުވެ އެވެ.