ބްރިޓިޝް އެއާވޭޒްގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށައިފި

ބްރިޓިޝް އެއާވޭޒްގެ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި --- ފޮޓޯ/ އެމްއޭސީއެލް

ކޮވިޑް-19 އާ ގުޅިގެން ހުއްޓާލި އިނގިރޭސިވިލާތުގެ ގައުމީ އެއާލައިން ބްރިޓިޝް އެއާވޭޒްގެ ދަތުރުތައް ރާއްޖެ އަށް އަލުން ފަށައިފި އެވެ.

ހަ މަހަށް ވުރެން ގިނަ ދުވަހުގެ މެދުކެނޑުމަކަށް ފަހު ބްރިޓިޝް އެއާވޭޒްގެ ފްލައިޓް ރާއްޖެ އައިސްފައިވަނީ މިއަދު މެންދުރު އެވެ.

އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަންއިން މާލެއަށް ކޮންމެ ހަފްތާއަކު ތިން ދަތުރު ކުރުމަށް ހަމަޖެހިފައިވާކަމަށް އެ އެއާލައިނުން ވަނީ މީގެ ކުރިން ވަނީ ހާމަކޮށްފަ އެވެ.

ބްރިޓިޝް އެއާވޭޒްގެ ވެބްސައިޓުގައިވާ ގޮތުންނަމަ މި ދަތުރުތައް އޮންނާނީ ކޮންމެ އާދީއްތަ، ބުދަ އަދި ހުކުރު ދުވަހަކު އެވެ. އަދި ކޮންމެ ހޯމަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހަކު މާލެ އާއި ލަންޑަނާއި ދެމެދު އެ އެއާލައިނުން ސީދާ ދަތުރުތައް ކުރާނެ އެވެ.

އެ އެއާލައިނުގެ ވެބްސައިޓުގައިވާ ގޮތުންނަމަ އޮކްޓޯބަރު މަހު ފަށާ ދަތުރުތަކުގައި އިކޮނޮމީ ކުލާހުގެ ޓިކެޓެއްގެ އަގު އުޅެނީ 100 ޔޫރޯ އާއި 935 ޔޫރޯއާއި ދެމެދުގަ އެވެ.

މިއީ ބްރިޓިޝް އެއާވޭޒް އިން ކޮންމެ އަހަރަކުވެސް ފިނި މޫސުމަށް އަމާޒުކޮށް ރާއްޖެއަށް ކުރާ ސީދާ ދަތުރުތަކެވެ. މި ދަތުރުތަކަކީ ފަތުރުވެރިކަމުގެ ޕީކް ސީޒަނާއި ދިމާކޮށް ކުރާ ސީދާ ދަތުރުތަކެކެވެ.

އަހަރުގެ ބާކީ އޮތް ދުވަސްތަކުގައި ބްރިޓިޝް އެއާވޭޒްގެ ޕާޓްނަރު އެއާލައިންކަމުގައިވާ ގަތަރު އެއާވޭޒް އިން ރާއްޖެ އާއި އިނގިރޭސިވިލާތާއި ދެމެދުގައި ޓްރާންސިޓް ދަތުރު ކުރެ އެވެ.

ދަތުރުތައް އަލުން ފަށާއިރު ބްރިޓިޝް އެއާވޭޒްއިން ދަނީ ރައްކާތެރިކަމުގެ އެތައް ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ދަތުރު މަތީގައި ފަސެންޖަރުން މާސްކް އަޅަން މަޖުބޫރުވާއިރު ދިގު ދަތުރުތަކުގައި ކޮންމެ ހަތަރު ގަޑިއިރަކުން ބަދަލުކުރެވޭވަރަށް މާސްކް ގެނައުމަށްވެސް އެ އެއާލައިނުން ވަނީ އިރުޝާދު ދީފަ އެވެ.

ބްރިޓިޝް އެއާވޭޒްއިން ބުނިގޮތުގައި ދަތުރުމަތީގައި ކެބިން ކުރޫއިންވެސް ތިބޭނީ ޕީޕީއީ އަޅައިގެންނެވެ. އަދި ކޮވިޑް-19ގެ އެއްވެސް ކަހަލަ އަލާމާތެއް ފެނިއްޖެނަމަ އެ ފަސެންޖަރަކަށް ދަތުރު ނުކުރުމަށް ނަސޭހަތްތެރިވާނޭކަމަށް ބްރިޓިޝް އެއާވޭޒްއިން ބުންޏެވެ.

ބްރިޓިޝް އެއާވޭޒްއަކީ އިނގިރޭސިވިލާތުގެ ގައުމީ އެއާލައިން އެވެ. އީޒީޖެޓް އެއާލައިނަށް ފަހު ބްރިޓިޝް އެއާވޭޒް އަކީ އިނގިރޭސިވިލާތުގެ އެންމެ ބޮޑު އެއާލައިނެވެ.

ކޮވިޑް-19ގެ ހާލަތާއިއެކު ރާއްޖެ ބަންދުކޮށްފައި އޮތުމަށް ފަހު ބޯޑަރުތައް ހުޅުވާލީ ޖުލައި 15 ވަނަ ދުވަހު އެވެ. އެއާއެކު އަނެއްކާވެސް ރާއްޖެއަށް އޮޕަރޭޓްކުރާ ފްލައިޓްތައް މަޑު މަޑުން އިތުރުވެ، އަންނަ ފަތުރުވެރިންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ.

comment ކޮމެންޓް