އަކްޝޭ ކުމާރުގެ "ސޫރިޔަވަންޝީ" އަޅުވާނީ އަންނަ އަހަރު

ފިލްމުން ފެނިގެންދާ ތަރިން---

ވަރުގަދަ ކާސްޓަކާއެކު މިއަހަރު ރިލީޒްކުރަން ނިންމު ފިލްމު "ސޫރިޔަވަންޝީ" އަންނަ އަހަރަށް ފަސްކޮށްފިއެވެ.

ކޮވިޑް19 އާ ގުޅިގެން އިންޑިއާ ސިނަމާތައް ބަންދުކުރުމާ ގުޅިގެން ސޫރިޔަވަންޝީ އެޅުވޭގޮތް ވަނީ ނުވެފައެވެ. އަކްޝޭ ކުމާރު ލީޑު ރޯލުން ފެނިގެންދާ އެ ފިލްމު އަންނަ އަހަރު ސިނަމާތަކަށް ގެންނަން ނިންމިއިރު ފިލްމު ރިލީޒްކުރާނެ ތާރީޚެއް އިއުލާންކޮށްފައެއްނުވެއެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުގައި އެ ފިލްމު އަޅުވާނީ އިންޑިއާގެ ރިބަޕްލިކް ދުވަހުކަމަށެވެ. އެއީ ޖަނަވަރީ މަހުގެ 26 ވަނަ ދުވަހެވެ.

ބޮލީވުޑްގެ އޭ ލިސްޓްގެ ތަރިން ކަމަށްވާ ރަންވީރު ސިންހް އާއި އަޖޭ ދޭވްގަންވެސް މި ފިލްމުން ފެނިގެންދާއިރު މި ފިލްމުގެ ބަތަލާގެ ރޯލު ކުޅޭނީ ބަތަލާ ކެޓްރީނާ ކެއިފް އެވެ. "ސޫރިޔަވަންޝީ" އަކީ"'ސިންގަމް" އަދި "ސިމްބާ" ގެ ސްޕިން-އޯފް އެކެވެ. އަދި އެއީ ވެސް "ސިންގަމް" ސީރީޒްގެ ފިލްމެއް ކަމަށް ރޯހިތު ވަނީ ބުނެފަ އެވެ. އެ ފިލްމުގައި އަކްޝޭ ފެނިގެންދާނީ "އޭޓީއެސް އޮފިސަރު ވީރް ސޫރިވަންޝީ" ކިޔާ ފުލުހެއްގެ ރޯލުންނެވެ.

އެކްޝަން ގިނަ މަންޒަރުތަކެއް ފެނިގެންދާ އެ ފިލްމުގައި ޓައިގާ ޝްރޮފްގެ ބައްޕަ ޖެކީ ޝްރޮފް ވެސް ފެނިގެންދާނެ އެވެ.

comment ކޮމެންޓް