ރިޔާސީ ބަހުސްގެ ތެރެއިން އެންމެ މަގުބޫލުވީ މެއްސެއް

ނައިބު ރައީސް މައިކް ޕެންސްގެ އިސްތަށިފުޅުގައި މެއްސެއް ޖައްސައި މެހި ސެލެބްރިޓީއަކަށް ---

އެމެރިކާގެ ރިޔާސީ އިންތިހާބު ގާތްވަމުންދާއިރު މިހާރު އެންމެ ބާރަށް ކުރިއަށް ދަނީ ރިޔާސީ ބަހުސްތަކެވެ. ދާދި ފަހުން ނައިބު ރައީސުންގެ ބަހުސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. މި ބަހުސް މިހާރު ވެފައިވަނީ މުޅި އިންޓަނެޓްގައިވެސް އެންމެ ވާހަކަ ދެކެވުނު ބަހުސް އަށެވެ. ނަމަވެސް އެއީ ހީކުރާ ކަހަލަ ސަބަބަކާ ހުރެއެއް ނޫނެވެ. ބަހުސް ކުރިއަށް ދިޔަ ވަގުތު ނައިބު ރައީސް މައިިކް ޕެންސްގެ އިސްތަށިފުޅުގައި އިން މެއްސެއްގެ ސަބަބުން އެ ވާހަކަ މިހާރު ވަނީ ވައިރަލް ވެފަ އެވެ.

ބަހުސް ފެށުނުތާ މާ ގިނަ އިރުތަކެއް ނުވެ މައިކް ޕެންސްގެ އިސްތަށިފުޅުގައި މެއްސެއް ޖެއްސުމުން ބަހުސަށް އޮތް ޝައުގުވެރިކަން ވަގުތުން އިތުރުވި އެވެ.

އެ މެހި ގާތްގަނޑަކަށް ދެ މިނެޓު އެގޮތަށް އިނދެ މިހާރު ވަނީ އިންޓަނެޓްގެ ބޮޑު ސެލެބްރިޓީއަކަށް ވެފަ އެވެ.

ބަހުސް ކުރިއަށް ދިޔައިރު މުޅި އިންޓަނެޓްގައި "ދަ ފްލައި" އެ ބަސް ވަގުތުން ވަނީ ޓްރެންޑް ވެފަ އެވެ.

އިންތިހާބުގައި މައިކް ޕެންސްއާ އެކު ރައީސް ކަމަށް ކުރިމަތިލައްވާ ޖޯ ބައިޑެންގެ ކެމްޕެއިން ޓީމުން ވަގުތުން އެ ޓްރެންޑުގެ ބޭނުން ހެޔޮ ގޮތުގައި ވަނީ ހިފާފަ އެވެ. އަދި "ފްލައި ވިލް ވޯޓް ޑޮޓް ކޮމް"ގެ ނަމުގައި ވަގުތުން ޑޮމެއިން އެއް ނަގައި ކެމްޕެއިންނަށް މަޖާކަމެއް ގެންނަން ހާއްސަ ވެބްސައިޓެއް ވަނީ ހަދައިފަ އެވެ.

އެ ކެމްޕެއިން ޕްރޮމޯޓުކުރުމަށްޓަކައި ބައިޑެން، މެހި ފައްސާ އެއްޗެއް ހިފައިގެން ހުއްޓާ ފެންނަ ހާއްސަ ޕޯސްޓެއް ޓްވީޓްކޮށްފަ އެވެ. އެ ޓްވީޓަށް އެއް މިލިއަން ލައިކް ލިބުމާ މިހާރު ވަނީ ގާތްވެފަ އެވެ.

މެރިއަމް ވެބްސްޓާ ވެބްސައިޓް އިން ބުނެފައިވަނީ މިއީ އިންޓަނެޓްގެ ޓްރެންޑުތަކަށް ބަލާއިރު "ފްލައި" އެ ބަސް ޓްރެންޑުވި ފުރަތަމަ ފަހަރު ކަމަށެވެ.

comment ކޮމެންޓް