ރާއްޖޭގެ ދަރަނި އިތުރުވަނީ، މިވަގުތަށް ބޭނުން ނުވާ ބޮޑެތި މަޝްރޫއުތައް ފަސްކޮށްލާ: ވޯލްޑް ބޭންކް

މާލެ-ތިލަފުށި ބްރިޖުގެ ސާވޭއަށް ބޭނުންވާ މެޝިންތަކެއް ގެނެއުން- ސަން ފޮޓޯ

ރާއްޖޭގެ އާމްދަނީ ދަށްވެ ދަރަނި އިތުރުވަމުންދާއިރު، ދަރަނި މެނޭޖު ކުރުމަށްޓަކައި ކޮންމެހެން ހިންގަން ޖެހޭ މަޝްރޫއުތައް ފިޔަވައި އުމްރާނީ ތަރައްގީގެ އެހެން މަޝްރޫއުތައް ފަސްކޮށްލުމަށް ވޯލްޑް ބޭންްކުން ލަފާދީފި އެވެ.

ދެކުނު އޭޝިއާގެ އިގްތިސާދީ ހާލަތާ ގުޅޭގޮތުން ވޯލްޑް ބޭންކުން ނެރުނު ރިޕޯޓުގައި ބުނީ ހަރަދުކުޑަ ކުރަން ސަރުކާރުން މިހާރު އަޅާފައިވާ ފިޔަވަޅުތަކުން ހަރަދުތައް ދެކޮޅު ނުޖެއްސޭ ކަމަށެވެ.

އެގޮތުން މާޗު މަހުގެ މެދުތެރޭގައި ރީކަރަންޓް އަދި ކަރަންޓް ހަރަދުތަކުން 65 މިލިއަން ޑޮލަރު ކުޑަކޮށްފައިވާއިރު، ކޮވިޑާ ގުޅިގެން ގޭބިސީތަކާއި 90 ކުންފުންޏަކަށް އެހީތެރިވާން އެއް މިލިއަން ޑޮލަރު ފޯރުކޮށްދިން ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

އެހެން ނަމަވެސް މި ޕެންޑެމިކްއާ ގުޅިގެން އާމްދަނީއަށް އައި ހީނަރުކަމާ އެއްވަރަށް، ހަރަދުތައް ކުޑަކުރެވިފައި ނުވާ ކަމަށް ވޯލްޑް ބޭންކުން ބުނެ އެވެ.

އެ ރިޕޯޓުގައި ބުނާ ގޮތުން މުޅި އަހަރަށް ހަރަދުކުރަން ކަނޑައެޅި އަދަދުގެ ދެބައިކުޅަ އެއްބައި، ޖެނުއަރީއިން ފެށިގެން އޮގަސްޓް މަހާ ހަމައަށް ހިނގި މުއްދަތުގައި ސަރުކާރުން ވަނީ ހޭދަކޮށްފަ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ކުރި ހަރަދުތަކާ އަޅާބަލާއިރު ދެ ޕަސެންޓު އިތުރު އަދަދެކެވެ. ހަމައެއާއެކު އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ބަޖެޓުކުރި އަދަދުގެ ތެރެއިން ލިބިފައިވަނީ ތިންބައިކުޅަ އެއްބައި ކަމަށާއި މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ހޯދުނު އާމްދަނީގެ 60 ޕަސެންޓު ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

މިހާރު އިގްތިސާދަށް އައިސްފައިވާ ޝޮކާއެކު ދައުލަތުގެ ދަރަނި 4.8 ބިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް ވޯލްޑް ބޭންކުން ބުނެ އެވެ. މިދިޔަ އަހަރު ނިމުނުއިރު ދައުލަތުގެ ދަރަނި ހުރީ 4.4 ބިލިއަން ޑޮލަރުގަ އެވެ.

ކޮވިޑް19ގެ ހާލަތު ދިގުދެމިގެންދިއުމާއި، ހާލަތަށް އަންނާނެ ބަދަލުތައް ލަފާކުރަން ދަތިވުމާއެކު ދަރަނި އަނބުރާ ދައްކަން މިހާރު ކުރިމަތިވާ ދަތިތަކުން އަރައިގަތުމަށްޓަކައި ދައުލަތުން ކުރާ ހަރަދުތަކަށް ބަދަލު ގެންނަން ޖެހޭ ކަމަށް ވޯލްޑް ބޭންކުން ވަނީ ލަފާދީފަ އެވެ.

ރާއްޖޭގެ އިގްތިސާދުގެ ބޮޑުބައެއް ހިއްސާކުރަނީ ޓޫރިޒަމުން ކަމަށްވާއިރު، ބޯޑަރު ބަންދުކުރުމުގެ ކުރިން ފަތުރުވެރިން އައި އަދަދާ ގާތަށް ވެސް ޖުލައި 15ގައި ބޯޑަރު އަލުން ހުޅުވާލި ފަހުން ފަތުރުވެރިން ރާއްޖެއަށް އައިސްފައިނުވެ އެވެ. އެގޮތުން ބޯޑަރު ހުޅުވާލައިގެން ސެޕްޓެމްބަރު 15ވަނަ ދުވަހާ ހަމައަށް އައީ 13،787 ފަތުރުވެރިން ކަމަށާއި މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 95 ޕަސެންޓު ދަށް އަދަދެއް ކަމަށް ވޯލްޑް ބޭންކުން ފާހަގަކުރެ އެވެ.

"މިދިޔަ އަހަރުގެ ފުރަތަމަ ހަ މަހާ އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ ހަ މަހުގެ ތެރޭގައި ކެޕިޓަލް ހަރަދުތައް 16.7 ޕަސެންޓު ވަނީ އިތުރުވެފައި. މީގެ މައިގަނޑު ސަބަބަކީ ބިން ހިއްކުމާއި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުތައް ހިންގުން. ކުރާ ހަރަދުތަކުން ބޮޑު އަދަދެއް، މިސާލަކަށް ކޮންމެހެން މިވަގުތަށް ބޭނުން ނުވާ އުމްރާނީ ބޮޑެތި މަޝްރޫއުތައް ފަސްކޮށްލުމަކީ އިތުރުވަމުންދާ ދަރަންޏާއި މާލީ ގޮންޖެހުންތައް މެނޭޖުކުރެވޭނެ ކަމެއް." ވޯލްޑް ބޭންކުގެ ރިޕޯޓުގައި ބުނެފައިވެ އެވެ.

comment ކޮމެންޓް