ހުޅުމާލެ ފިޔަވަތިން ނުވަ ކުއްޖަކާއި ފަސް މުވައްޒަފުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ، "ފިޔަވަތި": އެތަނުން 14 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައި -- ސަން ފައިލް ފޮޓޯ: ޝަފްނާ ހުސައިން

ހުޅުމާލޭގައި ހުންނަ ފިޔަވަތިން ނުވަ ކުޑަކުދިންނާއި އެކުދިން ބަލަހައްޓާ ފަސް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ކޮވިޑްގެ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާ ކުރުމަށް ސިލްސިލާ ކޮށް ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މިރޭ ބޭއްވި ބައްދަލުވުމުގައި ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ފިޔަވަތިން ކޮވިޑް-19 ގެ އަލާމާތްތައް ހުރި މީހަކު އެންމެ ފުރަތަމަ ފެނިފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ކަމަށެވެ.

ފިޔަވަތީގައި ކުޑަކުދިން ބަލަހައްޓާ މީހެއްގެ ފަރާތުން އަލާމާތްތައް ފެނުމުން އޭނަ ވަނީ ކޮވިޑަށް ޓެސްޓް ކޮށްފަ އެވެ. ޕޮޒިޓިވް ކަން އެނގުނީ ޖެހިގެން އައި ދުވަހު އެވެ.

ކުޑަކުދިން ބަލަހައްޓާ މީހަކު ކޮވިޑަށް ޕޮޒިޓިވްވުމުން 54 ކޮންޓެކްޓެއް އެކަހެރިކޮށް 19 ސާމްޕަލް ނެގި ކަން ޑރ. ނަޒްލާ ފާހަގަ ކުރެއްވި އެވެ. އަދި އޭގެ ތެރެއިން މިހާތަނަށް ނުވަ ކުދިންނާއި ފަސް މުވައްޒަފުންގެ ސާމްޕަލް ޕޮޒިޓިވްވެފައިވާކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

ޕޮޒިޓިވްވި އެންމެން ވެސް މިހާރު ވަނީ ކަރަންޓީނު ފެސިލިޓީތަކަށް ގެންގޮސްފަ އެވެ.

ފިޔަވަތިން ގިނަ ކުދިންތަކަކާއި ބައެއް މުވައްޒަފުން ކޮވިޑަށް ޕޮޒިޓިވްވި ނަމަވެސް އެތަނުގެ ހާލަތު ރަނގަޅު ކަން ޑރ. ނަޒްލާ ފާހަގަކުރެއްވި އެވެ. އަދި އެތަނުގެ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށް ވެސް ޑރ. ނަޒަލާ ފާހަގަކުރެއްވި އެވެ.

comment ކޮމެންޓް