މިދިޔަ މަހު އެންމެ ގިނައީ ޖިންސީ ގޯނާގެ މައްސަލަތަކާއި އިހުމާލުގެ މައްސަލަތައް

ޖިންސީ އަނިޔާއާ ދެކޮޅަށް މިއަދު ކުރި މުޒާހަރާ -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

މިނިސްޓްރީ އޮފް ޖެންޑާއަށް މިދިޔަ މަހު އެންމެ ގިނައިން ހުށަހަޅާފައި ވަނީ، ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކާއި އިހުމާލުގެ މައްސަލަތައް ކަމަށް ޖެންޑާ މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިތާބުތަކުން ދައްކައިފިއެވެ.

އެ މިނިސްޓްރީން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 92 މައްސަލަ ސެޕްޓެމްބަރު މަހު ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައި ވެއެވެ. އޭގެތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ 23 މައްސަލައަކާއި އިހުމާލުގެ 20 މައްސަލައެއް ހިމެނެއެވެ.

މީގެ އިތުރުން އެ މިނިސްޓްރީއަށް މިދިޔަ މަހު ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 16 މައްސަލަ އާއި ޖިސްމާނީ އަނިޔާގެ 15 މައްސަލަ އަދި ނަފްސާނީ އަނިޔާގެ ތިން މައްސަލަ ހިމެނެއެވެ.

އަދި ފުރައްސާރައިގެ ޝިކާރައަކަށް ވުމުގެ ހަ މައްސަލަ އާއި އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ ހަތަރު މައްސަލައިގެ އިތުރުން ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ ދެ މައްސަލަ ހިމެނެއެވެ.

ނަފްސާނީ އަނިޔާގެ މައްސަލަތަކަށް ބަލާއިރު، ނަފްސާނީ އަނިޔާ ކުރުން ނުވަތަ އަނގަ ބަހުން ކުރެވޭ އަނިޔާގެ 10 މައްސަލައެއް މިދިޔަ މަހު މިނިސްޓްރީއަށް ހުށަހަޅާފައި ވެއެވެ.

މިނިސްޓްރީން އާންމު ކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހު ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ އަދަދަކީ 164އެވެ. އޭގެ ތެރޭގައި ހިމެނެނީ 71 އަންހެން ކުދިންނާއި 93 ފިރިހެން ކުދިންނެވެ. މިދިޔަ މަހު އެއް ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ނަގާފައި ވާއިރު، ހަތަރު ކުއްޖަކު ވަނީ އާއިލާއާ ހަވާލުކޮށްފައެވެ. އަދި އެއް ކުއްޖަކު ވަނީ ފޯސްޓާ ކޮށްފައެވެ.

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކަކީ ރާއްޖޭގައި އެންމެ ގިނަ އެއް މައްސަލައެވެ. ކޮންމެ މަހަކު މިފަދަ މައްސަލަތައް މީޑިއާއަށް ވެސް ތިލަވެއެވެ.

comment ކޮމެންޓް