ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ގެނައުމަކީ، މައްސަލަތަކަށް އޮތް ހަަމައެކަނި ހައްލެއް ނޫން: ރައީސް

ރައީސް ޞާލިހު މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް

ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ގެނައުމަކީ، ކުޑަކުދިންނަށްދިމާވާ މައްސަލަތަކަށް އޮތް ހަމައެކަނި ހައްލު ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

"ޗައިލްޑް ރައިޓްސް ސިމްޕޯޒިއަމް" އިފްތިތާޙްކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، ކުޑަކުދިންގެ ހެދި ބޮޑުވުމަށާއި، އެކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށް ވެސް އެންމެ މުހިންމީ ޢާއިލީ ގުޅުމުގެ ބަދަހިކަން ކަމަށެވެ. އާއިލާގެ ތެރެއިން އެ ކުދިންނަށް ލޯތްބާއި އޯގާތެރިކަން އިހްސާސް ވާނީ، ގެވެށި ގުޅުން ބަދަހިވި ވަރަކުން ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ގެވެށި ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން، ސަރުކާރުން މިހާރުވެސް ގިނަ ޕްރޮގްރާމްތަކެއް ހިންގަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، ދައުލަތުން ކިތަންމެ އޯގާތެރިކަމާއެކު، ކިތަންމެ ހޭހަންކޮށްގެން ކުދިން ބެލެހެއްޓިޔަސް، މައިންބަފައިންގެ ލޯބިން މަހްރޫމުވުމުން ކުޑަކުދިންނަށް އެލިބޭ އުނިކަމާއި ހިތްދަތިކަން ފޫބެއްދޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.

"ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ގެނައުމަކީ، މައްސަލަތަކަށް އޮތް ހަމައެކަނި ޙައްލު ނޫން، އެކުދިންގެ ކުރިމަގަށް ވެސް އެންމެ ރަނގަޅު ގޮތަކީ، ގާތްތިމާގެ މީހުންނާ އެކުގައި މުޖްތަމަޢާ ލާމެހިގެން އުޅެވޭނެ ގޮތެއް ހޯދައިދިނުން،" ރައީސް ވިދާޅުވިއެވެ.

އެ ގޮތުން ކުޑަކުދިންގެ ހިޔާ އަދި ހުޅުމާލެ ފިޔަވަތީގައި ދައުލަތުގެ ފަރާތުން ބަލަހައްޓަމުން އައި ކުދިންނަށް އިޖްތިމާއީ އާއިލީ ވެއްޓެއް ހޯދައިދިނުމަށް، ހަ ރަށެއްގައި ޖެންޑާ މިނިސްޓްރީގެ ފަރާތުން އަމާން ވެށިތަކެއް ގާއިމުކޮށް، އެ ކުދިން މިހާރު ވާނީ އެ ތަންތަނަށް ބަދަލުކުރެވިފައިކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް އިތުރަށް ވިދާޅުވީ، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށްޓަކައި، ތަފާތު އެތައް ދާއިރާއަކުން އަޅުގަނޑުމެން މިއަދު މަސައްކަތް ކުރަންޖެހިފައިވާ ކަމަށެވެ. އެގޮތުން ކުޑަކުދިން މަސްތުވާތަކެތީގެ ނުރައްކަލުން ސަލާމަތް ކުރުމަކީ، މިއަދު އުފުލަންޖެހިފައިވާ އެންމެ ބޮޑުއެއް ޒިންމާކަން ރައީސް ފާހަގަކުރެއްވިއެވެ.

"ޗައިލްޑް ރައިޓްސް ސިމްޕޯޒިއަމް" އާއި ގުޅޭ ގޮތުން ރައީސް ވިދާޅުވީ، މި ސިމްޕޯޒިއަމް މި ބޭއްވީ އެކަމަށް ނުހަނު ބޭނުންވެފައިވާ ދަނޑިވަޅެއްގައި ކަމަށެވެ. މިގޮތުން، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގައި ހުރި ގޮންޖެހުންތަކަކީ ކޮބައިކަން، މަހާސިންތާގެ މަޝްވަރާތަކުން ދެނެގަނެވޭނެ ކަމަށް ވިދާޅުވިއެވެ.

މި ސިމްޕޯޒިއަމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވަނީ، ސިމްޕޯޒިއަމް އާއި ގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ ފޮތެއް ރައީސަށް ވެދުމަަށް އަރުވާފައެވެ. "ޗައިލްޑް ރައިޓްސް ސިމްޕޯޒިއަމް" ކުރިއަށްދާނީ، މިއަދާއި މާދަމާ، ކްރޮސް ރޯޑް މޯލްޑިވްސްގައެވެ.

comment ކޮމެންޓް