ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ވަގުތީ ގޮތުން ފޮސްޓާކުރަން ބޭނުންވާ މީހުންނަށް، އެ ފުރުސަތު ހުޅުވާލައިފި ކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
ވަގުތީ ގޮތުން ފޮސްޓާ ކުރުމަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކު ވަގުތީ ގޮތުން ބަލަހައްޓާނެ ފަރާތަކާ ހަވާލުކުރުމެވެ. މިގޮތަށް ހަވާލުކުރެވޭ އެންމެ ކުރު މުއްދަތަކީ ދެ އަހަރުކަމަށް ވުޒާރާއިން އެކުލަވައިލި ގަވާއިދުގައި ކަނޑައަޅާފައިވެއެވެ.
މިހާރު ވެސް ދާއިމީ ފޯސްޓަރިންގެ ތެރެއިން ކުއްޖާގެ އުމުރުން 18 އަހަރު ހަމަވުމާއި ހަމައަށް، ޤާނޫނީ ބެލެނިވެރިކަން ހަވާލުކުރެވެއެވެ.
ވަގުތީ ގޮތުން ފޮސްޓާކުރުމަށް ބޭނުންވާ ފަރާތްތަކަށް ވެސް، އެ ފުރުސަތު ލިބިގެންދާނެކަމަށް އެ ވުޒާރާއިން މިއަދު ވަނީ ބުނެފައެވެ
މުއްދަތެއް ކަނޑައަޅައި، ވަގުތީގޮތުން ކުއްޖާ ބަލަހައްޓާނެ ފަރާތަކާ ހަވާލުކުރުމުގެ ބޭނުމަކީ ކުއްޖާގެ އުފަން އާއިލާގެ ހާލަތު ރަނގަޅުކުރުމަށް ބާރުއަޅައި، ކުއްޖާ އަނބުރާ އާއިލާއާ ހަވާލުކުރެވެން ދެން ވެސް، އާއިލީ ލޯބާއި އަޅައިލުން ލިބި، އާއިލީ ވެއްޓެއްގައި ދިރިއުޅުމުގެ މަގު ފަހިކޮށްދިނުމެވެ.
އެގޮތުން، ވަގުތީ ގޮތުން ފޮސްޓާކުރާ މުއްދަތު ހަމަވާއިރު، އާއިލާގެ ހާލަތު ރަނގަޅުވެ ކުއްޖާ އަނބުރާ އާއިލާއަށް ނުގެންދެވޭ ހާލަތުގައި، ފޮސްޓާކުރާ މުއްދަތު ހަމަވިޔަސް، މުއްދަތު އިތުރުކޮށް އެ ކުއްޖާ ބަލަހައްޓަމުން ދާ ފޯސްޓާ ބެލެނިވެރިން ގާތުގައި ބެހެއްޓޭނެ މަގު ވަގުތީ ފޮސްޓަރިން ނިޒާމުގެ ތެރެއިން ހަމަޖެއްސޭނެކަމަށް އެ ވުޒާރާއިން ބުނެއެވެ.
ވަގުތީ ފޮސްޓަރިންގެ ތެރެއިން ގެންދާ ކުދިންގެ ދާއިމީ ޤާނޫނީ ބެލެނިވެރިކަމަށް އެދުމުގެ އިޚްތިޔާރު ވެސް ފޮސްޓާ އާއިލާއަށް ލިބިގެންދާނެއެވެ.
އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިހާރު ދައުލަތުގެ ބެލުމުގެ ދަށުގައި 18 އަހަރުން ދަށުގެ 169 ކުދިން މަރުކަޒު ކުރެވިފައި އެބަތިއްބެވެ.
މި ކުދިން އަނބުރާ އާއިލާއަށް ފޮނުވުމަށް ނުވަތަ އާއިލީ ދިރިއުޅުމެއް އެ ކުދިންނަށް ހޯދައިދިނުމަށް މިނިސްޓްރީން ކެނޑިނޭޅި މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި، ވަގުތީ ގޮތުން ފޮސްޓާކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ވެސް އެ ބޭނުމަށްޓަކައި ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
“ކޮންމެ ކުއްޖަކަށް އާއިލާއެއް” ޕްރޮގްރާމަކީ ސަރުކާރުގެ ހަފުތާ 14ގެ މަގުޗާޓުގައި ހިމަނާފައިވާ މުހިންމު ވައުދެކެވެ.