ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލެއްގެ ގޮތުގައި އިޝްތިހާރު ކުރަން އެމްއެމްޕީއާރުސީން އިނގިރޭސިވިލާތުގެ މައި ސިޓީ ލަންޑަންގައި އައުޓްޑޯ ކެމްޕޭނެއް ފަށައިފި އެވެ.
ދެ މަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ކެމްޕޭނުގައި ލަންޑަންގެ އެންމެ މަގުބޫލު އަދި ބާރުބޮޑު ސްޓޭޝަންތަކުގެ ޑިޖިޓަލް ސްކްރީންތަކުން ރާއްޖޭގެ ހިތްގައިމު މަންޒަރުތައް އިޝްތިހާރު ކުރާނެ އެވެ.
މިގޮތުން ރާއްޖެ އިޝްތިހާރުކުރާ ސްޓޭޝަންތަކުގެ ތެރޭގައި ކެންސިންގްޓަން ރޯޑްސައިޑް، ވެސްޓްފީލްޑް ލަންޑަން މޯލް، ލިވަޕޫލް ސްޓްރީޓް ސްޓޭޝަން، ބްލެކްފްރިއާސް ސްޓޭޝަން އަދި ކެނޮންޓް ސްޓްރީޓް ސްޓޭޝަންގެ އިތުރުން ތޭމްސްލިންކް ސްޓޭޝަނާއި ފެންޗްޗާޗް ސްޓޭޝަން ހިމެނެ އެވެ.
މީގެ އިތުރުން މުޅި ޔޫރަޕުގައި ވެސް އެންމެ ބޮޑު އިންޑޯ ޑިޖިޓަލް ސްކްރީން ހުންނަ ލަންޑަންގެ ވޯޓަލޫ ސްޓޭޝަންގައި ވެސް ރާއްޖެ އިޝްތިހާރު ކުރާނެ ކަމަށް އެމްއެމްޕީއާރުސީން ބުނެ އެވެ.
މި ކެމްޕޭންގެ ދަށުން ރާއްޖޭގެ ރަށްތައް ވަކިން އުފެދިފައި އޮތުމުގެ ސަބަބުން ފަތުރުވެރިން ބޭނުންވާ ރައްކާތެރިކަމާއި ސިއްހީ ސަލާމަތްތެރިކަން ރާއްޖެ ފަދަ ޖަޒީރާ ގައުމަކުން ނޫނީ ނުލިބޭނެކަން ބުނެދޭނެ އެވެ.
މީގެ އިތުރުން މި ކެމްޕޭނުގައި ބޭނުންކުރާ މެސެޖިން އަދި ފޮޓޯއަކީ ޗުއްޓީ ހޭދަކުރަން އާ މަންޒިލެއް ހޯދަމުން އަންނަ ފަރާތްތަކަށް އެންމެ އެކަށީގެންވާ މަންޒިލަކީ ރާއްޖެކަން ދައްކުވައިދޭ ފޮޓޯތަކެވެ. އެ ފޮޓޯތައް އަމާޒުކޮށްފައިވަނީ ރާއްޖޭގެ ޖަޒީރާވަންތަ ފޮޓޯއާއި ފަތުރުވެރިންނަށް ހަމައެކަނި ރާއްޖޭގައި ތަޖުރިބާ ކުރެވެން ހުރި ކަންކަން ދައްކާލައި، ރާއްޖެއަށް އަންނަން ފަތުރުވެރިން ހިތްޖެއްސުވުމަށެވެ.
ކޮވިޑް19އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމުގެ ކުރިން އިނގިރޭސިވިލާތަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ އެއް ގައުމެވެ. އެގޮތުން މާޗު މަހު ބޯޑަރު ބަންދުކުރުމާ ހަމައަށް އެގައުމުން 7،288 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެ އެވެ. އަދި ޖުލައި 15ގައި ބޯޑަރު އަލުން ހުޅުވާލި ފަހުން މިދިޔަ މަހުގެ ނިޔަލަށް އެގައުމުން 1،587 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށް، ދެވަނައަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތް ގައުމަށް ވަނީ ވެފަ އެވެ.
ބޯޑަރު އަލުން ހުޅުވާލުމާއެކު އެމްއެމްޕީއާރުސީން ވަނީ އިނގިރޭސިވިލާތުގައި ރާއްޖެ އިޝްތިހާރުކުރުން އިތުރުކޮށް، މިއަހަރުގެ ބާކީ ހުރި މަސްތަކުގައި ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދަން ރާވާފަ އެވެ. އޭގެ ތެރޭގައި އޮންލައިން އަދި ޑިޖިޓަލް ޓްރެވަލް ޓްރޭޑް މީޑިއާ އާއި އެންމެ ބޮޑެތިއޯޓީއޭތަކާ ގުޅިގެން ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދަން ވަނީ ރާވާފަ އެވެ.