ކޮންޓުރެކްޓަރެެއްގެ ގޮތުގައި އައިމާ އިން މަސައްކަތް ކުރަމުން އަންނަ ދެ ސައިޓެއްގައި އެކުންފުނީގެ ބިދޭސީ މުވައްޒަފުންތަކެއް ހަމަނުޖެހުން ހިންގި މައްސަލަ ކަމާ ބެހޭ ފަރާތްތަކަށް ހުށަހެޅީ ކުންފުނީގެ ބަހެއް ހޯދުމަކާ ނުލައި ކަމަށާއި މި މައްސަލައިގައި ކުންފުނީގެ އިހުމާލެއް ނެތް ކަމަށް އައިމާ އިން ބުނެފި އެވެ.
އައިމާގެ ދެ ސައިޓެއްގައި އެޕްރީލު މަހު ފަހުކޮޅު ހަމަނުޖެހުން ހިންގުމުން އެ މީހުން ފަހުން ބަދަލުކުރީ ތިލަފުށީގައި ހުންނަ އައިމާގެ ސައިޓަކަށެވެ. އަދި އެ ތަނުގައި ވެސް އެ މީހުން ވަނީ މުޒާހަރާކޮށް ހަމަނުޖެހުން ހިންގާފަ އެވެ.
އައިމާގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ އެކުންފުނިން ބަލަހައްޓަމުންދާ ބިދޭސީ މުވައްޒަފުންގެ ތެރެެއިން މަދު ބަޔަކު ތިލަފުށީގައި ހިންގި ހަމަނުޖެހުންތަކާ ގުޅޭ ހަބަރުތައް ބައެއް މީޑިއާތަކުން ގެނެސްދީފައިވަނީ އެކުންފުނީގެ ބަހެއް ހޯދުމަކާ ނުލައި، މައްސަލައިގެ ހަގީގަތް އޮޅޭ ގޮތަށް ކަމަށެވެ.
މި މައްސަލަ ކޮންމެވެސް ފަރާތަކުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ ވެސް ކުންފުނީގެ ފަރާތުން އެ މައްސަލަ ހިނގާދިޔަ ގޮތް ސާފުނުކޮށް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"މިކަމުގެ ސަބަބުން މުޖުތަމައުގައި މިކުންފުންޏާ މެދު ދެކޭ ގޮތަށް އަސަރުކުރި... ކޮންމެވެސް ފަރާތަކުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލައަކީ ވެސް ކަން ހިނގާދިޔަ ގޮތް މިކުންފުނީގެ ކިބައިން ސާފުކުރުމެއް ނެތި ހުށަހަޅާފައިވާ މައްސަލައެއް. މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމެޓީގައި އެ މައްސަލަ އެޖެންޑާކުރެވި، އެ ބައްދަލުވުމުގައި ކޮމެޓީގައި ދެކެވުނު ވާހަކަތަކުގެ ރިކޯޑިންއަކީ އެންމެންނަށް ވެސް ލިބޭގޮތަށް އަދި އަޑުއެހޭގޮތަށް އޮތް ރިކޯޑިންއެއް." އޮފިޝަލް ވިދާޅުވި އެވެ.
އައިމާއިން ބުނި ގޮތުގައި ކޮމެޓީގައި ހިޔާލީ ވިސްނުމެއްގެ މައްޗަށް ބިނާކޮށް އެކުންފުންޏާ މެދު ވަރަށް ގިނަ ތުހުމަތުތަކެއް ކޮށްފައިވާ ކަމަށާއި އެ ހަބަރުތައް އެކުންފުންޏާއެކު ވިޔަފާރިކުރާ ބޭރުގެ އިންވެސްޓަރުންނަށް ވެސް ވަނީ ލިބިފަ އެވެ. އަދި އެކަމުގެ ސަބަބުން ކުންފުންޏަށް ބޮޑެތި ގެއްލުންތަކެއް ލިބި، މިހާރު ވެސް ގެއްލުން ލިބެމުންދާ ކަމަށް ބުންޏެވެ.
ބިދޭސީންނާ ގުޅޭގޮތުން އާންމުންގެ މެދުގައި ދެކެވުނު ބައެއް ވާހަކަތަކާ ގުޅޭގޮތުން އައިމާގެ އޮފިޝަލް ވިދާޅުވީ އެކުންފުނީގެ ބެލުމުގެ ދަށުގައި ތިބޭ ދޭސީ އަދި ބިދޭސީ މުވައްޒަފުންނަށް ނިދުމާއި ކެއިންބުއިމުގެ އިންތިޒާމުތައް ހަމަޖައްސައިދެނީ އެކަށީގެންވާ ރަނގަޅު ފެންވަރެއްގައި ކަމަށެވެ.
"ތިލަފުށީގައި މިކުންފުނީގެ ބިދޭސީ މުވައްޒަފުންތަކެއް ހަޅުތާލުކުރި އިރު، އެމީހުންނަކީ ކޮވިޑާ ގުޅިގެން ގައުމަށް ލާރި ނުފޮނުވޭތީ އާއި މި ބަލިމަޑުގަމުގައި އާއިލާ ގާތަށް ދާން ބޭނުންވެގެން އުޅުނު ބައެއް. ހަދަމުން ދިޔަ ރިސޯޓްތަކެއްގައި އެމީހުން އިހްތިޖާއެއް ފުރަތަމަ ކުރީ އޭޕްރީލް މަހުގެ ފަހުކޮޅުގައި، ކެއުމުގެ ފެންވަރު ދަށްވެއްޖެ ކަމަށް ބުނެ. ޑޮކްޓަރަށް ނުދެއްކޭ ކަމަށް ބުނެ. ހަގީގަތަށް ވިސްނައިފިއްޔާ ލޮކްޑައުން ތެރޭގައި، މުދާ ސަޕްލައި ކުރުމާއި ޑޮކްޓަރަށް ދައްކަން މާލެއަށް އެމީހުން ގެނައުމަކީ އެހާ ފަސޭހަކަމެއް ނޫން. އެކަންކަން އެހެން އޮތްއިރު، އަޅުގަނޑަށް ގަބޫލުކުރެވެނީ އެމީހުންގެ އެ އިހުތިޖާޖުގެ މަގުސަދަކީ އެނބުރި ގައުމަށް ދިއުންހެން." އޮފިޝަލް ވިދާޅުވި އެވެ.
އިހުތިޖާޖު ކުރުމުގެ ނަމުގައި ބިދޭސީން ހިންގި އަމަލުތަކުގައި އައިމާގެ މުދަލަށާއި ތަކެއްޗަށް ގެއްލުންދިނުމުގެ އިތުރުން މާރާމާރީއާއި ޓެރަރިޒަމްގެ އަމަލުތަކެއް ހިންގާފައިވާ ކަމަށާއި މިވަރުގެ އިހުތިޖާޖެއް ކުރަން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށް އައިމާއިން ބުނެ އެވެ. އަދި އެމީހުންނަށް ދޭން ޖެހޭ މުސާރައެއް ވެސް ނުދީ ނޯންނާނެ ކަމަށް ބުންޏެވެ.
ފުރަތަމަ ހަމަނުޖެހުން ހިންގި މައްސަލަ ފުލުހުންނަށް ހުށަހެޅުމުން ފުލުހުން އެތަނަށް ގޮސް ބިދޭސީންނާ ވާހަކަ ދެއްކުމުން އައިމާގައި އިތުރަށް މަސައްކަތް ކުރަން ބޭނުންނުވާ ކަމަށާއި ގައުމަށް އެނބުރި ދާން ބޭނުންވާ ކަމަށް ބިދޭސީން ބުންޏެވެ. ނަމަވެސް މާލެއަށް އަދި ހުޅުމާލޭގައި ހުރި އައިމާގެ ސައިތްތަކަށް ވެސް އެދުވަސްވަރު އެމީހުން ގެންދެވޭނެ ގޮތެއް ނެތުމުން ތިލަފުށްޓަށް އެމީހުން ބަދަލުކުރީ ފުލުހުންގެ ލަފާގެ މަތިން ކަމަށް އައިމާގެ އޮފިޝަލް ވިދާޅުވި އެވެ.
"އެދުވަސްވަރު ދަތުރުފަތުރުކުރުމާއި ކަންކަން ރޭވިފައިވާ ދަތި އުނދަގޫ ހާލުގައިވެސް، އެ ރަށުގައި ]ތިލަފުށީގައި[ ހުންނަ މިކުންފުނީގެ ލޭބާ އެކޮމަޑޭޝަންގެ އިތުރުން އެމީހުންނަށް ވަގުތީ ގޮތުން އިތުރު އެކޮމަޑޭޝަންތަކެއް ވަރަށް އަވަހަށް ތައްޔާރުކޮށް، ކެއިން ބުއިމުގެ ކަންކަން، އެދުވަސްވަރު އެކަންކަން ކުރެވެން އޮތް އެންމެ ރަނގަޅަކަށް އިންތިޒާމްކޮށްދީފައިވާނީ. ޑޮކްޓަރަށް ދައްކަން ބޭނުންވި މީހުންނަށް އެރަށުގައި ހުންނަ ކްލިނިކަށް މިކުންފުނީގެ ހަރަދުގައި ދެއްކޭނެ ގޮތް ހަމަޖައްސައިދީފައިވާނީ،" އޮފިޝަލް ވިދާޅުވި އެވެ.
އަނބުރާ ގައުމަށް ދާން ބޭނުންވި މުވައްޒަފުން ފޮނުވާލުމުގައި އެކި ގައުމުތަކުގެ ސަރުކާރުތަކުން އެގައުމުތަކަށް ނިސްބަތްވާ މީހުން އެނބުރި ގައުމަށް ގެންދަން ބޭއްވި ފްލައިޓްތަކުން ޖާގަ ލިބުނު މިންވަރުން އެ ފުރުސަތު ވެސް ހޯދައިދީފައިވާނެ ކަމަށް އައިމާއިން ބުންޏެވެ. އަދި ކުންފުނީގެ އަމިއްލަ ހަރަދުގައި ފްލައިޓްތައް ޗާޓަރުކޮށްގެން ވެސް އަނބުރާ ގައުމަށް ފޮނުވައިދީފައިވާނެ ކަމަށް ބުންޏެވެ.
"އެއީ ގަވާއިދާ ހިލާފަށްކުރި ކަމެއް ނޫން. އެމީހުން ނިސްބަތްވާ ގައުމުތަކުގެ އެމްބަސީތަކާއި ފޮރިން މިނިސްޓްރީގެ ފަރާތުން އެކަމުގައި އިދާރީގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި. ނަގަންޖެހޭ ހުއްދަތައް ނަގައިގެން އެކަންކުރީ. އަޅުގަނޑުމެންގެ ހަރަދުގައި ފްލައިޓެއް ޗާޓަރުކޮށްފައި އެމީހުންނަށް ދޭންޖެހޭ ފައިސާއެއް އޮތްނަމަ، އެ ފައިސާއެއްވެސް ދީފައި އެމީހުން ފޮނުވާލަދިނީ." އައިމާއިން ބުނެ އެވެ.
އެ ކުންފުނީގެ އެކި ސައިޓްތަކުގައި މިވަގުތުވެސް 1600 އަށްވުރެ ގިނަ ބިދޭސީން މަސައްކަތްކުރަމުންދާއިރު، އޭގެ ތެރެއިން އެއްވެސް މީހަކަށް ދޭން ޖެހޭ މުސާރަ އާއި އިނާޔަތެއް ނުދީ ނޯންނާނެ ކަމަށާއި ހަމަނުޖެހުން ހިންގައިގެން އަނބުރާ ގައުމަށް ދާން ބޭނުންވީ ވަރަށް މަދު ބައެއް ކަމަށް އެކުންފުނިން ބުނެ އެވެ. އަދި ހަމަނުޖެހުން ހިންގައިގެން އަނބުރާ ގައުމަށް ފޮނުވާލި ބިދޭސީންގެ އަދަދާއި ފުރުވާލި ގޮތާ ގުޅޭ މައުލޫމާތު ވެސް އެކުންފުނިން ވަނީ ހިއްސާކޮށްފަ އެވެ.
ހަމަނުޖެހުން ހިންގި އިންޑިއާއަށް ނިސްބަތްވާ 178 މީހުން ފުރުވާލާފައިވަނީ ތިން ދުވަހެއް މަތިންނެވެ.
- 23 މެއި 2020ގައި ތިން މީހުން ފުރުވާލީ އެއާ އިންޑިއާ ފްލައިޓެއްގައި
- 4 ޖޫން 2020ގައި 168 މީހުން ފުރުވާލީ އިންޑިގޯ ފްލައިޓެއް ޗާޓަރުކޮށްގެން
- 20 ޖޫން 2020ގައި ހަތް މީހުން ފުރުވާލީ އިންޑިގޯ ފްލައިޓެއްގައި
ހަމަނުޖެހުން ހިންގި ބަންގްލަދޭޝްގެ 264 މީޙުން ފުރުވާލީ 6 ޖޫން 2020ގައި ބީމަން ބަންގްލަދޭޝް އެއާލައިންސްގެ ފްލައިޓެއް ޗާޓަރުކޮށްގެންނެވެ.
މި ހާދިސާއާ ގުޅޭގޮތުން ހަބަރުތައް ގެނެސްދީފައިވާ ގޮތުންނާއި ކުންފުނީގެ ފަރާތުން އެއްވެސް ކަމެއް އޮޅުން ފިލުވުމަކާ ނުލައި ބަޔަކު ތަންތަނަށް މައްސަލަ ހުށަހެޅުމާ ގުޅިގެން ކަން ހިނގައިދިޔަ ގޮތުން ކުންފުންޏަށް ލިބިފައިވާ ހުތުރު ނަން އަދިވެސް ފިލައިގެން ނުދާ ކަމަށް ވެސް އައިމާއިން ބުންޏެވެ. އަދި މި ހާދިސާ ތަހުގީގުކޮށް، އެކަން ބެލި އިދާރާތަކުގެ ތެރެއިން އަދިވެސް ގޮތެއް ނުނިންމާ ތަންތަން އެބަހުރި ކަމަށް ބުންޏެވެ.
"ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީއަކުންވެސް ވަކި ގޮތެއް ނިންމެވިކަން އެނގިފައެއް ނެތް. އަދި އެޗްއާރުސީއެމް ބައްލަވަމުން ގެންދަވާ މައްސަލަވެސް ނިމުނު ކަމެއް ނޭނގޭ. ވަކިގޮތަކަށް ނިމިފައިވާނަމަ، ނިމިފައިވާ ގޮތެއް އަންގަވައިދެއްވުމަށް ޖުލައި މަސް ތެރޭގައި އެޗްއާރުސީއެމްގައި ސިޓީއަކުން ދަންނަވާފައިވާއިރު، އަދިވެސް ވަކި ޖަވާބެއް ދެއްވާފައެއް ނުވޭ." އައިމާއިން ބުންޏެވެ.
ލޭބާ ރިލޭޝަންސް އޮތޯރިޓީގެ ފަރާތުން ބެލި މައްސަލަ ވަނީ ނިމިފައި ކަމަށް ވެސް އައިމާއިން ބުންޏެވެ. އެގޮތުން އެ އޮތޯރިޓީން ނިންމީ އައިމާއިން ފުރުވާލި މީހުން ފުރުވާލާފައި ވަނީ އެމީހުންގެ ހައްގުތައް ކަށަވަރުކޮށް، ދޭން ޖެހޭ ފައިސާއެއް އޮތްނަމަ އެ ފައިސާ ދިނުމަށް ފަހު ކަމަށް އައިމާއިން ބުނެ އެވެ.