ޓޫރިޒަމް ސީޒަން ފެށެނީ، ނަމްބަރުތަކުން ގެނެސްދެނީ އުންމީދު!

ޖުލައި 15، 2020: ކޮވިޑް19އާ ގުޅިގެން ތިން މަހަށްވުރެ ގިނަ ދުވަހަށް ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށް ފަހު އަލުން ހުޅުވާލުން-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއަށް މި ކުރިމަތިވަނީ، ޓޫރިޒަމްގެ އެންމެ ބާރު ބޮޑު ދުވަސްކޮޅެވެ. ނޫނީ ޓޫރިޒަމަށް ބާރު ބޮޑުވާ ޓޫރިޒަމް ސީޒަނެވެ. އެކަމަކު މިއަހަރު ހުރިހާ ކަމެއް މި ވަނީ އެފުށް މި ފުށަށް ޖެހިފަ އެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމާ ހުރެ ދަތުރު ކުރާ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވެ، ޓޫރިޒަމް އެކީހެން އޮތީ ހުއްޓިފަ އެވެ. އެއާ އެކު މިހާރު އެންމެންގެ ސުވާލަކީ މިއަހަރުގެ ޓޫރިޒަމް ސީޒަނަށް ވާނީ ކިހިނެއް ހެއްޔެވެ؟

ކޮވިޑް-19އާ ގުޅިގެން ބޯޑަރު ބަންދުރުމަށްފަހު އަލުން ބޯޑަރު ހުޅުވައިލި ފަހުން ކުރިއާ ގާތް ކުރާވަރަށް ވެސް ޓޫރިސްޓުންގެ ނަމްބަރުތައް ނާރާ ނަމަވެސް ދުވަހެއް ދުވަހަކަށް ފަތުރުވެރިންގެ ނަންބަރުތައް މި ދަނީ އިތުރުވަމުންނެވެ.

މިއަހަރުގެ އޮގަސްޓް މަހު 7،629 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާއިރު، ޖެހިގެން އައި ސެޕްޓެމްބަރު މަހު 9،538 ފަތުރުވެރިން ވަނީ އައިސްފަ އެވެ. މިއީ 25 ޕަސެންޓުގެ އިތުރުވުމެކެވެ. ޖުލައި 15ގައި ބޯޑަރު ހުޅުވާލި ފަހުން ސެޕްޓެމްބަރުގެ ނިޔަލަށް 18،867 ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފަ އެވެ.

މިއާއެކު ރާއްޖޭގެ ޓުއާ އޮޕަރޭޓަރުން ތިބީ މިއަހަރުގެ ޓޫރިޒަމް ސީޒަނާ މެދު ބޮޑު އުންމީދެއްގަ އެވެ. އެ މީހުން ބުނަނީ މިއީ ރާއްޖޭގެ ޓޫރިޒަމް ކުރިއެރުމުގެ ފެށުން ކަމަށެވެ.

އިނާ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު "ސަން"އަށް ވިދާޅުވީ ސީޒަން ދުވަސްވަރާ ދިމާކޮށް ރާއްޖޭގެ ފަތުރުވެރިކަމަށް ފާހަގަކޮށްލެވޭ ކުރިއެރުމެއް އަންނާނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.

"މިހާރު ހުރި ނަންބަރުތަކަށް ބަލާއިރު އަޅުގަނޑުމެންނަށް ލަފާކުރެވެނީ ނޮވެމްބަރު މަހު 30 ޕަސެންޓުގެ ކުރިއެރުމެއް [ފަތުރުވެރިންގެ އަދަދު] އަންނާނެ ކަމަށް. އަދި ޑިސެމްބަރު މަހު އަންނަ ފަތުރުވެރިންގެ އަދަދު ލައްކައަކާ ކައިރި ކުރާނެ. މިހާރު ހުރި ނަންބަރުތަކަށް ބަލާއިރު ކުރިއަށް އޮތް މަސްތަކުގައި ރަޝިއާ މާކެޓު ލީޑުކުރާނެ ކަމަށް ދައްކަނީ." ފިރާގު ވިދާޅުވި އެވެ.

މީގެ އިތުރުން ސީޒަން ދުވަސްވަރާ ދިމާކޮށް އިތުރު ފްލައިޓްތަކެއް ވެސް ފަށަން ތައްޔާރުވަމުން އަންނަ ކަމަށާއި މިހާރު ހުރި ބައެއް އެއާލައިންތަކުން ފްލައިޓް ޝެޑިއުލްކުރާ އަދަދު ވެސް އިތުރުކުރަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފްލައި ދުބާއީގެ ފްލައިޓެއް ރާއްޖެއަށް ޝެޑިއުލްކުރަން ތައްޔާރުވަމުން ދަނީ. އެ ފްލައިޓަކީ ދުނިޔޭގެ 40 ޑެސްޓިނޭޝަނަކަށް ކަނެކްޓިވިޓީ ފޯރުކޮށްދޭ ފްލައިޓެއް. އޭގެ ތެރޭގައި މެދުއިރުމައްޗާއި އިރުމަތީ ޔޫރަޕްގެ ގައުމުތައް ހިމެނޭ. އެމްއެމްޕީއާރުސީން މިހާރު ވެސް މާކެޓިންގެ ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން. އިރުމަތީ ޔޫރަޕާއި މެދުއިރުމައްޗަށް މާކެޓިން ފޯކަސްކޮށްފި ނަމަ ހެޔޮ ބަދަލެއް ފެންނާނެ." ފިރާގު ވިދާޅުވި އެވެ.

"މި މަހު ފަހު ހަފުތާގައި ރަޝިއާގެ އިތުރު ފްލައިޓެއް ވެސް އަންނާނެ. އަދި އެމިރޭޓްސްގެ ދަތުރުތައް ވެސް ހަފުތާއަކު ފަސް ފްލައިޓުން، ކޮންމެ ދުވަހަކު އެއް ފްލައިޓް ޝެޑިއުލްކުރާ ގޮތަށް އިތުރުކުރަން ވަނީ ނިންމާފައި."

ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އޭޖެންޓުންގެ މައި ޖަމިއްޔާ މަޓާޓޯގެ ރައީސް އަބްދުﷲ ސުއޫދު ވިދާޅުވީ ފާއިތުވެދިޔަ ދެ މަހެއްހާ ދުވަހުގެ ތެރޭގައި ފަތުރުވެރިކަމުން ހެޔޮ ބަދަލުތަކެއް ފެނިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ސީޒަން ދުވަސްވަރުގައި ފަތުރުވެރިން އަންނަ އަދަދު އިތުރުވެ، ރިސޯޓުތަކުގެ އޮކިއުޕެންސީ ރޭޓު ވެސް މައްޗަށް ޖެހިލާނެ ކަމަށް އޭނާ ލަފާކުރެއްވި އެވެ.

"އެރައިވަލް ސީޒަނުގައި ރިސޯޓުތަކުގެ އޮކިއުޕެންސީ ރޭޓް 40-50 ޕަސެންޓަށް އަރާނެ ކަމަށް ލަފާކުރެވެނީ. އެއީ މި ދުވަސްވަރާ އަޅާބަލާއިރު ވަރަށް ރަނގަޅު އަދަދެއް،" ސުއޫދު ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ ފަތުރުވެރިން އަންނަ އަދަދު މަދުވުމަށް ދިމާވާ އެއް ސަބަބަކީ އެޗްޕީއޭގެ ގައިޑްލައިންގައި ހުރި ބައެއް ކަންކަން ކުރަން އުނދަގޫވުމުން ކަމަށެވެ. އެހެން ނަމަވެސް ބޭރު ފަރާތްތަކުން ރާއްޖެއާ މެދު ގެންގުޅެނީ ވަރަށް ޕޮޒިޓިވް ވިސްނުމެއް ކަމަށް ސުއޫދު ވިދާޅުވި އެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ކޮވިޑާ އެކު ހާއްސަ ކަންކަން ޓޫރިސްޓުން ފުރިހަމަ ކުރަން ޖެހޭތީ ޓޫރިސްޓުން އައުން މަދުވުން އެއީ ވެދާނެ ކަމެކެވެ. އެހެން ނަމަވެސް ރާއްޖެ އުފެދިފައިވާ ގޮތުގެ ފައިދާ ނެގޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެޗްޕީއޭގެ ގައިޑްލައިންގައި ހުންނަ ބައެއް ކަންކަން، މިސާލަކަށް އަންނައިރު ޕީސީއާރު ޓެސްޓު ހެދުން، މިއީ ފަތުރުވެރިންނަށް ކުރަން އުނދަގޫވާ ކަމެއް. އަދި ޔޫރަޕުގެ ބައެއް ގައުމުތަކުން އަންނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްލުމަށްފަހު އަނބުރާ ގައުމަށް ގޮސް އެބަޖެހޭ 14 ދުވަސް ކަރަންޓީން ވާން. މިކަހަލަ ސަބަބުތަކާ ހުރެ ފަތުރުވެރިން އަންނަ އަދަދު މަދުވޭ. އެހެން ނަމަވެސް ރާއްޖެ ހެދިފައިވާ ގޮތުން [ވަކިވަކިން ރަށްތައް ހުންނާތީ] އަޅުގަނޑުމެންނަށް ބޭރު ފަރާތްތަކުގެ ކޮމެންޓްސް ލިބެނީ ވަރަށް ޕޮޒިޓިވްކޮށް. މި ހުރިހާ ކަންކަމާއެކު ވެސް ބޭރު މީހުން ބޭނުންވޭ ރާއްޖެއަށް އަންނަން." ސުއޫދު ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ސީޒަން ދުވަސްވަރު އައި ފަތުރުވެރިން ނަންބަރުތަކަށް ބަލާއިރު، މިދިޔަ އަހަރު ނޮވެމްބަރުގައި 137،921، ޑިސެމްބަރުގައި 171،348 އަދި މިއަހަރުގެ ޖެނުއަރީ މަހު 177،140 ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފަ އެވެ. އަދި އެ އަދަދާ ގާތަށް ފަތުރުވެރިން އަދި ރާއްޖެ ނައި ނަމަވެސް، އާ ސީޒަނާ ދިމާކޮށް އޮތީ އުންމީދެވެ. އެ މީހުން ތިބީ އުންމީދުގަ އެވެ.

comment ކޮމެންޓް