މިލާނުގެ ތަރި އިބްރަހިމޯވިޗް ކޮވިޑަށް ޕޮޒިޓިވްވެއްޖެ

އޭސީ މިލާނުގެ ސްޓްރައިކަރު ޒްލަޓަން އިބްރަހިމޯވިޗް --- ފޮޓޯ//ލައިވްސްކޯ

އިޓަލީގެ އިންޓަ މިލާނަށް ކުޅެމުން އަންނަ ސްވިޑަންގެ ތަޖުރިބާކާރު ސްޓަރައިކަރު ޒްލަޓަން އިބްރަހިމޯވިޗް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަން އެކުލަބުން ހާމަކޮށްފި އެވެ.

ޔޫރޮޕާ ލީގުގެ ކޮލިފައިންގް މެޗުތައް ކުޅުމުގެ ކުރިން ޔޫއެފާއިން ހުރިހާ ޓީމެއްގެ ކުޅުންތެރިން ވެސް ކޮވިޑަށް ޓެސްޓް ކުރާއިރު، އިބްރަހިމޯވިޗް ޕޮޒިޓިވްކަން އިނގުނީ މިއަދު ކުރި ޓެސްޓްތަކުންނެވެ. ކޮވިޑްގެ އެއްވެސް އަލާމަތެއް ގައިން ފެނިފައި ނުވާކަމަށް އިބްރަހިމޯވިޗް ބުނެފައިވާ އިރު، އޭނާ މިހާރު 14 ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަ ކުރުމަށް ވަނީ ޓީމުން އެކަހެރި ކޮށްފަ އެވެ.

މިލާނުން މިއަދު ނެރުނު ބަޔާނެއްގައި އިބްރަހިމޯވިޗް ކޮވިޑަށް ޕޮޒިޓިވްކަން ހާމަކުރި އިރު، އެކުލަބުގެ އިތުރުން އެހެން ކުޅުންތެރިއެއް ވެސް އަދި އޮފިޝަލެއް ވެސް ޕޮޒިޓިވް ނުވާކަމަށް ވަނީ ބުނެފަ އެވެ.

އިބްރަހިމޯވިޗް، 38، ކުރިއަށް އޮތް ސީޒަނުގައި ވެސް މިލާނުގައި މަޑުކުރާނެކަން ހާމަކޮށްފައިވާ އިރު، މި ފެށުނު އިޓާލިއަން ލީގުގެ ފުރަތަމަ މެޗުގައި ވެސް އޭނާ ވަނީ ބޮލޯނިއާ ކޮޅަށް ދެ ގޯލު ޖަހައިފަ އެވެ. މިދިޔަ ޖަނަވަރީގައި ހިލޭ ޓްރާންސްފާއެއްގައި މިލާނަށް އައި އިބްރަހިމޯވިޗް ވަނީ ކުރީ ސީޒަނުގައި ކުޅުނު 18 މެޗުގައި 10 ގޯލު ޖަހައިފަ އެވެ.

"އަހަރެން އިއްޔެ ކުރި ޓެސްޓްތައް ނެގެޓިވް. މިއަދު ކުރި ޓެސްޓް ޕޮޒިޓިވް. އެއްވެސް އަލާމާތެއް ނުފެނޭ. ކޮވިޑަށް އަހަރެންނާ ޗެލެންޖް ކުރަނީތަ؟ ތިއީ ގޯސް ހިޔާލެއް." އިބްރަހިމޯވިޗް ޓްވިޓާގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

comment ކޮމެންޓް