ނީނާއިން ޖުމައްޔިލުގެ ބައެއް ސީންތައް ކަނޑާލަނީ

ފިލްމީ ތަރި މުހައްމަދު ޖުމައްޔިލް ނިމާލް --

ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ނެރޭ ދެވަނަ ފިލްމު "ނީނާ"ގެ ސަޕޯޓިން ރޯލުން ފެނިގެންދާ ޖުމައްޔިލް ނިމާލްގެ ބައެއް ސީންތައް ފިލްމުން ކަނޑާލުމަށް ނިންމައިފި އެވެ.

މުހައްމަދު ޖުމައްޔިލް ނިމާލްގެ މައްޗަށް ތުހުމަތު ކުރެވޭ ޖިންސީ ގޯނާގެ މައްސަލައާ ގުޅިގެން އިއްލެގެ ޕްރޮޑަކްޝަން "އައި ފިލްމްސް" އާ އޭނާ އޮތް ގުޅުން ކަނޑާލުމަށް އެކުންފުނީން ވަނީ ދާދި ފަހުން ނިންމާފައެވެ.

އިއްލެ "ސަން"އަށް ބުނި ގޮތުގައި އެ މައްސަލައާ ގުޅިގެން ޖުމައްޔިލްގެ ބައެއް ސީންތައް ފިލްމުން ކަނޑާލުމަށް ވަނީ ނިންމާފައެވެ. އެހެންނަމަވެސް ކަނޑާލާފައި ނުވާނީ އެ ސީނެއްގެ ސަބަބުން ޕްލޮޓަށް ބުރޫ އަރާފާނެ ސީންތައް ކަމަށް އޭނާ ބުންޏެވެ.

ފިލުމުން ޖުމައްޔިލްގެ ބައިތައް މުޅިން ކަނޑާލުމަށްފަހު އަލުން ޝޫޓުކުރުމާ ގުޅޭގޮތުން ސުވާލުކުރުން އިއްލެ ބުނީ ފިލްމުގެ ޝޫޓިން އަލުން ނަގަން އުނދަގޫވާނެ ކަމަށެވެ. އެގޮތުން ފިލްމުގެ ލީޑުން ފެނިގެންދާ ނުޒުހަތު ޝުއައިބުގެ ބޯ ކޮށާލާއިރު އެ ސަބަބާހުރެ އެ ސީންތައް ބަދަލުކުރަން އުނދަގޫވާނެކަމަށް އޭނާ ބުންޏެވެ.

ފިލްމުގެ ބޮޑު ބައެއް ޝޫޓް ކޮށްފައިވަނީ ލ. އަތޮޅުގެ ގުޅިފައިވާ ރަށްތަކުގައެވެ. ކޮވިޑް-19ގެ ހާލަތާ ގުޅިގެން އެ މަންޒަރުތައް އަލުން ނަގަން އުނދަގޫ ވާނެ ކަމަށްވެސް އިއްލެ ވަނީ ބުނެފައެވެ.

އައިފިލްމްސް އިން އިތުރަށް ބުނީ މިހާރު ކުރިއަށްދާ ޕްރޮޖެކްޓްތަކުގައި އަދި ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގައިވެސް ޖުމައްޔިލް ބައިވެރިނުކުރާނެ އިރު، "ނީނާ"ގެ ޕްރޮމޯޝަނަލް މެޓީރިއަލްތަކުގައިވެސް ޖުމައްޔިލް ބޭނުން ނުކުރާނެ ކަމަށެވެ.

އައިފިލްމްސް އިން ބުނީ ޖިންސީ އަނިޔާ އަދި ރޭޕް ފަދަ ކަންތަކާ އަބަދުވެސް އެ ޕްރޮޑަކްޝަން ދެކޮޅުވާނެ ކަމަށެވެ. އަދި އެފަދަ މައްސަލައެއް ފެންމަތިވި ކަން އެނގުނު ނަމަވެސް ކަމާ ގުޅުން ހުރި ހުރިހާ ފަރާތްތަކަށް އެކަން އަންގާނެ ކަމަށް އެ ޕްރޮޑަކްޝަނުން ބުނެފައިވެ އެވެ.

ނީނާ ދެއްކުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގައެވެ.

comment ކޮމެންޓް