ޔައުގޫބުގެ ގޮނޑި ގެއްލިއްޖެކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅަނީ

ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ

ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲގެ ގޮނޑި ގެއްލިއްޖެކަމަށް ކަނޑައަޅައިދިނުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމަށް ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމް ނިންމަވައިފިއެވެ.

ޔައުގޫބުގެ މެމްބަރު ކަމާމެދު ސުވާލު އުފެދުނީ، ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފެއްދި އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (އައިސީއޭއެމް) ގެ ކައުންސިލަށް އޭނާ އައްޔަން ކުރުމާ ގުޅިގެންނެވެ.

ގާނޫނީ ދާއިރާގެ ބޭފުޅުން އެ ސުވާލު އުފެއްދެވުމުން އޭގެ އެއް ދުވަސް ފަހުން އިއްޔެ ޔައުގޫބު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

ހަލީމް މިރޭ "ސަން"އަށް ވިދާޅުވީ، އެ މައްސަލަ އަންނަ އާދިއްތަ ދުވަހު ސުޕްރީމް ކޯޓަށް ހުށަހަޅުއްވާނެ ކަމަށެވެ.

"ކައިވެނިކޮށް، ވަރިކޮށްފައި ކައިވެނި ރުޖޫއުކުރާ އުސޫލުން މަޖިލީސް މެމްބަރުކަމުން ވަކިވުމަށްފަހު، މެމްބަރުކަން ރުޖޫއައެއް ނުކުރެވޭނެ،" ހަލީމް ވިދާޅުވިއެވެ.

ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ރ) ގައި ބުނާ ގޮތުން، މަޖިލިހުގެ މެމްބަރުންނަށް މުސްތަގިއްލު ކޮމިޝަނެއްގެ މެމްބަރުކަން ނުވަތަ މުސްތަގިއްލު މަގާމެއް އަދާ ނުކުރެވޭނެ އެވެ.

ޔައުގޫބު އިއްޔެ "ސަން"އަށް ވިދާޅުވީ، އޭނާ އެ މަގާމުގައި އިނުމުގެ އެއްވެސް ގާނޫނީ މައްސަލައެއް އޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އެހެން ނަމަވެސް އެންމެ ރަނގަޅު ގޮތަކީ، ތަނާޒުލްވުން ކަމަށް ވާތީވެ، އެގޮތަށް ނިންމެވީ ކަމަށް ވެސް ޔައުގޫބު ވިދާޅުވި އެވެ.

"އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި އެ މަގާމުގައި ނީނދެވެންވީ އެއްވެސް ސަބަބެއް ނުއެއް ވިސްނޭ. ގާނޫނީ ގޮތުން ވަރަށް ގިނަ ވަކީލުންގެ ފަރާތުން ދެ ގޮތަށްވެސް ލަފާ ލިބުނު. އެހެން ނަމަވެސް ހިޔާލުތަފާތުވުންތައް އުޅޭތީވެ، އަޅުގަނޑު ނިންމީ، އެންމެ ބުއްދިވެރިކަމެއް ނޫން ކަމަށް ކުރިއަށް ދިއުމަށް،" ޔައުގޫބު ވިދާޅުވި އެވެ.

ޗާޓަޑް އެކައުންޓެންޓުންގެ އިންސްޓިޓިއުޓް އަކީ ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފެދިފައިވާ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ އަމިއްލަ ނަމުގައި މުއާމަލާތްކުރުމުގެ ހައިސިއްޔަތު ލިބިފައިވާ، ވަކި ސިއްކައެއް އޮންނަ ގާނޫނީ ގޮތުން އަމިއްލަ، މިނިވަން، މުސްތަގިއްލު ޝަހުސެކެވެ.

https://sun.mv/143080

comment ކޮމެންޓް