ގާނޫނީ ސުވާލުތަކެއް ކުރިމަތިވެ، ޔައުގޫބު އެކައުންޓެންޓުންގެ އިދާރާއިން ވަކި ވަނީ

އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ އިންތިގާލީ ކައުންސިލަށް މެމްބަރުން ައްޔަން ކުރުން: ޔައުގޫބު ވަނީ އެ އިދާރާއިން ވަކިވުމަށް އެދިފައި 000

ގާނޫނީ ގޮތުން ފުށުއެރުންތަކެއް ހުރި ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު، އިއްޔެ އުފެއްދި އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ އިންތިގާލީ ކައުންސިލުން ވަކިވާން ނިންމައިފި އެވެ.

ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފައްދާފައިވާ އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ އިންތިގާލީ ކައުންސިލަށް މެމްބަރުން އައްޔަންކޮށްފައިވަނީ އިއްޔެ އެވެ.

ޔައުގޫބު އެ ކައުންސިލަށް އައްޔަންކޮށްފައި ވަނީ، އެކައުންޓަންސީ ޕްރޮފެޝަންގެ ތެރެއިން ޕްރައިވެޓް ސެކްޓާގައި މަސައްކަތްކުރާ މީހުންގެ ތެރެއިން ހާއްސަކޮށްފައިވާ ހަތަރު މެމްބަރުންގެ ސްލޮޓަކަށެވެ.

ޔައުގޫބު މިއަދު "ސަން"އަށް ވިދާޅުވީ، އޭނާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށްވުމުން އެ އިންސްޓިއުޓުގެ ކައުންސިލްގައި އިނުމާ މެދު ގާނޫނީ ގޮތުން ފުށުއެރުންތަކެއް ހުރި ކަމަށް ފެންނަތީވެ، އެ ކައުންސިލުން ތަނާޒަލްވުމަށް ނިންމާފައިވާ ކަމަށެވެ. އަދި މިހާރު އެތަނުން ވަކިވުމަށްޓަކައި އޮޑިޓާ ޖެނެރަލްއަށް ސިޓީ ފޮނުވާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުވެސް ބެލިން އެކަމުގައި މައްސަލައެއް އޮތްތޯ، އޮޑިޓާޖެނަރަލްވެސް ހޯއްދަވަން ޖެހޭ ލަފާތައް ހޯއްދެވި ގާނޫނީ ގޮތުން. އެހެން ނަމަވެސް ބައެއް ވަކީލުން ފަހުން ދެއްވި ހިޔާލުތަކާއެކު ފުށުއެރުންތަކެއް އުޅޭތީ، ތަނާޒަލްވާން ނިންމީ،" ޔައުގޫބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެ މަގާމުގައި އިނުމުގެ އެއްވެސް ގާނޫނީ މައްސަލައެއް އޮތް ކަމަށް އޭނާ ދެކެވަޑައިނުގަންނަވާ ކަމަށެވެ. އެހެން ނަމަވެސް އެންމެ ރަނގަޅު ގޮތަކީ، ތަނާޒުލްވުން ކަމަށް ވާތީވެ، އެގޮތަށް ނިންމެވީ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި އެ މަގާމުގައި ނީދެވެންވީ އެއްވެސް ސަބަބެއް ނުއެއް ވިސްނޭ. ގާނޫނީ ގޮތުން ވަރަށް ގިނަ ވަކީލުންގެ ފަރާތުން ދެ ގޮތަށްވެސް ލަފާ ލިބުނު. އެހެން ނަމަވެސް ހިޔާލުތަފާތުވުންތައް އުޅޭތީވެ، އަޅުގަނޑު ނިންމީ، އެންމެ ބުއްދިވެރިކަމެއް ނޫން ކަމަށް ކުރިއަށް ދިއުމަށް،" ޔައުގޫބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ބޭނުމަކީ ކޮންމެ މީހަކު އެ މަގާމުގައި ހުރި ނަމަވެސް ކަންވުން ކަމަށެވެ. އަދި މިހާތަނަށް އެ އިންސްޓިއުއުޓްގެ އެއްވެސް ބައްދަލުވުމެއްވެސް ބާއްވާފައި ނުވާ ކަން އޭނާ ފާހަގަ ކުރެއްވި އެެވެ.

ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ރ) ގައި ބުނާ ގޮތުން، މަޖިލިހުގެ މެމްބަރުންނަށް މުސްތަގިއްލު ކޮމިޝަނެއްގެ މެމްބަރުކަން ނުވަތަ މުސްތަގިއްލު މަގާމެއް އަދާ ނުކުރެވޭނެ އެވެ.

ޗާޓަޑް އެކައުންޓެންޓުންގެ އިންސްޓިޓިއުޓް އަކީ ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފެދިފައިވާ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ އަމިއްލަ ނަމުގައި މުއާމަލާތްކުރުމުގެ ހައިސިއްޔަތު ލިބިފައިވާ، ވަކި ސިއްކައެއް އޮންނަ ގާނޫނީ ގޮތުން އަމިއްލަ، މިނިވަން، މުސްތަގިއްލު ޝަހުސެކެވެ.

އެ އިންސްޓިޓިއުޓްގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެނީ ރާއްޖޭގައި ޗާޓަޑް އެކައުންޓެންސީ ފަންނު ރެގިއުލޭޓްކޮށް ކުރިއެރުވުމާއި، އިންސްޓިޓިއުޓްގެ މެމްބަރުންނަށް ބޭނުންވާ ތައުލީމާއި ތަމްރީނާއި އެކަމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމަށް މަގުފަހިކުރުމާއި، އެކައުންޓެންސީ ދާއިރާގައި ޕްރައިވެޓް އަދި ޕަބްލިކް ސެކްޓާގައި މަސައްކަތް ކުރާ ފަރާތްތަކަކީ، އެކައުންޓެންސީގެ ދާއިރާއިން ފަންނީ ތައުލީމާއި ތަމްރީނު ލިބިފައިވާ ފަރާތްތަކެއް ކަމުގައި ހެދުމަށް މަސައްކަތް ކުރުމެވެ.

comment ކޮމެންޓް