ބޭލް ބޭނުންވަނީ އެނބުރި ޓޮޓެންހަމަށް ދާން: އެޖެންޓު

ބޭލްގެ ގޯލަށްފަހު އޭނާ އުފާފާޅުކުރަނީ --- ފޮޓޯ/ އޭޕީ

ރެއާލް މެޑްރިޑުގައި ފުރުސަތު މަދުވެ، ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާ ވޭލްސްގެ ފޯވާޑް ގެރެތު ބޭލް އެނބުރި ޓޮޓެންހަމަށް ބަދަލުވާން ބޭނުންވާ ކަމަށް އޭނާގެ އެޖެންޓު ޖޮނަތަން ބާނެޓް ބުނެފި އެވެ.

ޒައިނުއްދީން ޒިދާންގެ ކޯޗުކަމުގައި މެޑްރިޑުގެ ފުރަތަމަ އެގާރައިން ފުރުސަތު މަދުވެ، ޓީމުގެ ފޮޓޯތަކުން ވެސް ގެއްލޭ ހިސާބަށް ކަންތައްތައް ގޮސްފައިވާ ބޭލްގެ މުސްތަގުބަލާއި މެދު ސުވާލު އުފެދިފައި އޮންނަތާ މިހާރު ދުވަސްތަކެއް ވެއްޖެ އެވެ. ކުރީ ސީޒަނުގައިވެސް ޓީމު ދޫކޮށްލަން އަންގާފައިވާ ބޭލްގެ ވަކި މިސްރާބެއް ނެތި މިވަގުތު ހުރި ނަމަވެސް ރެއާލްގައި އޭނާއަށް ފުރުސަތެއް ދެން ނެތްކަން ވަނީ ސާފު ވެފަ އެވެ.

ބޭލް 31، ދުނިޔޭގެ ރެކޯޑް އަގަކަށް 2013 ވަނަ އަހަރު ޓޮޓެންހަމް ދޫކޮށް ރެއާލަށް ބަދަލުވީ 100 މިލިއަން ޕައުންޑްގެ އަގަކަށެވެ. ފުރަތަމަ ދެތިން ސީޒަން ޓީމުގެ ފުރަތަމަ އެގާރައިން ފުރުސަތު ހޯދައި، ބޮޑެތި ކާމިޔާބީތަކެއް ވެސް އޭނާ ހޯދި އިރު، އަނިޔާތަކާއި ފޯމުގެ މައްސަލަތަކަށްފަހު ބޭލްގެ އަލިގަދަ ތަރި އޮއްސެން ފެށީ 2017 ވަނަ އަހަރުގެ މެދުތެރޭގަ އެވެ.

ބެންޗުގައި ގިނަ ވަގުތުތައް ހޭދަކުރަން ޖެހުމުގެ ސަބަބުން ފޯމު އިތުރަށް ގޯސްވެ، ކޯޗު ޒިދާންއާ ދެމެދުވެސް މައްސަލަތަކެއް ވެސް ވަނީ އުފެދިފަ އެވެ. އެއާ އެކު މިހާރު ބޭލްގެ އުންމީދަކީ ފުޓުބޯޅައިގެ އުދަރެހުގައި އުހަށް ގެންގޮސްދިން ކުރީގެ ކުލަބު، ޓޮޓެންހަމަށް އެނބުރި ދިއުން ކަމަށް އޭނާގެ އެޖެންޓް ވަނީ ބުނެފަ އެވެ.

"ގެރެތު އަދިވެސް ސްޕާސް ދެކެ އިންތިހާއަށް ލޯބިވޭ. އޭނާ މިހާރު ބޭނުމީ އެކުލަބަށް އަނބުރާ ދާން،" ބޭލްގެ އެޖެންޓް ޖޮނަތަން ބާނެޓް ބުނެފައިވެއެވެ.

ބޭލްގެ އެދުމާ އެއްގޮތަށް ޓޮޓެންހަމުން ވެސް އާން ބަސް ކިޔާނެކަމުގެ އިޝާރާތެއް މިފަހަކުން ވަނީ ކޮށްފަ އެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި އެވަޓަން އަތުން ބަލިވި މެޗަށްފަހު ޓީމަށް އިތުރު ފޯވާޑް ބޭނުންވާ ކަމަށް ކޯޗު ހޯސޭ މޮރީނިއޯ ބުނެފައިވާ އިރު، އެކުޅުންތެރިއަކީ ބޭލް ކަމުގައި ވެދާނެ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް