ޔާމީން ރަޝީދުގެ މަރުގެ ދައުވާ ލިބޭ މީހަކަށް ދިން ކަމަށް ބުނާ އަނިޔާގެ ތަފްސީލް އޭނާގެ ދުލުން!

ޔާމީން ރަޝީދުގެ މަރުގެ ދައުވާ ލިބޭ އިސްމާއިލު ރަޝީދު: އޭނާ އަށް ޖަލުގައި ދިން ކަމަށް ބުނާ އަނިޔާގެ ތަފްސީލް މިއަދުގެ ކޯޓުގެ އަޑުއެހުމުގައި ވަނީ ކިޔާދީފައި --- ފައިލް ފޮޓޯ/ ފުލުހުން

ގައިގެ އެތައް ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީ އަނިޔާވެރިކޮށް މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ އިސްމާއިލް ރަޝީދަށް ޖަލުގައި ކުރިކަމަށް ބުނާ އަނިޔާގެ ތަފްސީލް މިއަދު ކުރިއަށް ގެންދިޔަ ޝަރީއަތުގެ މަޖިލީހުގައި އޭނާގެ ދުލުން ކިޔައިދީފި އެވެ.

ގިނަ ދުވަސްތަކެއް މެދު ކެނޑުމަށްފަހު އެ މައްސަލައިގެ އަޑުއެހުމެއް މިއަދު ބާއްވާފައިވާއިރު ގާޒީ އާދަމް މުހައްމަދު ވަނީ އޮންލައިންކޮށް ޝަރީއަތް ކުރިއަށް ގެންދިއުމާ މެދު އިއުތިރާޒެއް އޮތްތޯ ސުވާލު ކުރައްވާފަ އެވެ.

އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް އެއް ވަކީލަކު އިއުތިރާޒެއް ނެތް ކަން ފާހަގަކުރެއްވި ނަމަވެސް ދެން ތިބި އަނެއް ތިން ވަކީލުން ވަނީ އެ ފަރާތްތަކުގެ މުވައްކިލުންނާއި ބައްދަލުނުވާތާ އެއްތައް ދުވަހެއް ވެފައިވާތީ އެހެން ދުވަހަކަށް އަޑުއެހުން ތާވަލު ކުރުމަށް އެދިފައެވެ.

އެގޮތުން ވަކީލް ބައްދަލުވުމަށް ހަފްތާއެއް ދެއްވުމަށް ފަހު އަލުން މައްސަލަ ޝެޑިއުލް ކުރައްވާނެ ކަމަށް ގާޒީ ވަނީ ވިދާޅުވެފަ އެވެ.

އަޑުއެހުން ނިންމާލުމުގެ ކުރިން އިސްމާއިލް ރަޝީދުގެ ވަކީލް އަދި ބާ ކައުންސިލްގެ ރައީސް މައުމޫން ހަމީދު ވަނީ ޝަރީއަތުގެ ސަމާލުކަމަށް މުހިންމު ކަމެއް ގެންނަން ބޭނުންވާ ކަން ފާހަގަކޮށް ފުރުސަތަކަށް އެދިވަޑައިގެންފަ އެވެ.

ގާޒީ ފުރުސަތު ދެއްވުމުން، މައުމޫން ހަމީދު ވިދާޅުވީ އޭނާގެ މުވައްކިލަށް މާލޭ ޖަލުގައި ލާއިންސާނީ އަނިޔާތަކެއް ދީ މާފުށީ ޖަލަށް ބަދަލުކޮށް ޓޯޗާރ ކުރަމުން ދާ ކަމަށެވެ. އަދި އެކަމުގެ ތަފްސީލް މުވައްކިލުގެ ދުލުން ކިޔައިދޭން އޭނާ ބޭނުންވާތީ އެ ފުރުސަތު ދެއްވުމަށް އެދުނެވެ.

އެ ހާދިސާ ހިނގާފައިވަނީ މާޗް މަހުގެ 14 ވަނަ ދުވަހުގެ ރޭ މަޣްރިބް ނަމާދާއި އިޝާ ނަމާދާއި ދޭތެރޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މައުމޫން ހަމީދު ވިދާޅުވިގޮތުގައި އެ ގޮޅީގައި އޭރު ހުރީ އޭނާގެ އިތުރުން އެ މައްސަލައިގެ ދައުވާ ލިބޭ ހަ މީހުންގެ ތެރެއިން އެކަކާއި އަދި އިތުރު މީހެކެވެ.

ގޮޅިއަށް ވަނުމުގެ ކުރިން ޕެޕާރ ސުޕްރޭ ޖެހުމަށް ފަހު ވަން ނަމަވެސް އެ ގޮޅިން ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންނާ އެއްވެސް ކަހަލަ ކުރިމަތިލުމެއް ހިންގާފައި ނުވާނެ ކަން އިސްމާއިލް ރަޝީދު ފާހަގަކުރި އެވެ.

ގޮޅިއަށް ވަނުމުގެ ކުރިން ޑިއުޓީ އޮފިސަރުންގެ ތެރެއިން އިވުނު އަޑަކީ 'ކއތ ތައް މަރާލާ' އެހެން ބުނި އަޑު ކަމަށާއި އެއަށް ފަހު ބޮޑު ގުރޫޕެއް ގޮޅިއަށް ވަދެ މޫނުމައްޗަށް ޕެޕާރ ސްޕްރޭ ޖަހައި ބިންމައްޗަށް ވައްޓާލުމަށްފަހު ފަހަތަށް ދެ ބިޑި އަޅުވައި ފައިކުރުކޮށް ތަޅައި އަނިޔާ ކުރި ކަމަށް އިސްމާއިލް ރަޝީދު ބުންޏެވެ.

"މޫނު ގައި ދަށަށް ލައިގެން ނިވާކުރުމުން ވެސް މޫނަށް ޕެޕަރ ސްޕްރޭ ޖަހައިފި. ދެން އަޅުގަނޑަށް ލިބުނު ފުރުސަތެއްގައި ބުނިން ކަލޭމެންނަކީ ކޮންބައެކަން ނޭނގޭނެ ކަމަށް ހީ ނުކުރައްޗޭ. އެހެން ބުނީމަ އަނެއްކާ މޫނު ނަގައި ހިއްލާފައި ދެ ލޮލާއި އެކު ޕެޕާރ ސްޕްރޭ ޖަހައިފި،" އިސްމާއިލް ރަޝީދު ބުންޏެވެ.

އެގޮތަށް ގޮޅީ ތެރޭގައި ފައިކުރުކޮށް ތެޅުމަށްފަހު ދަމާފައި އެތަނުން ނެރެ މާލެ ޖަލުގެ ކޮމްޕައުންޑްތެރެއަށް ހޫރާލިކަން އިސްމާއިލް ރަޝީދު ފާހަގަކުރި އެވެ.

އެ ހިސާބުން ހޭވެރިކަން ގެއްލިފައި ދެން ހޭ އެރިއިރު އޭނާއާ އެކު އެ ގޮޅީގައި އޮތް ހުސައިން ޒިޔާދު ހަޅޭއްލަވާ އަޑު އިވޭ ކަމަށާއި ގޮވަމުން ދިޔައީ ނޭވާ ނުލެވޭ ކަމަށް ކަން އިސްމާއިލް ރަޝީދު ބުންޏެވެ.

"އޭރުވެސް އޮތީ ފަހަތަށް ދެ ބިޑި އަޅުވާފައި. ނޭންގެ ކިހާއިރެއް ހޭދަވި ކަމެއް. އަތުން ރަނގަޅަށް ލޭ ދައުރެއް ނުވޭ،" އިސްމާއިލް ރަޝީދު ކިޔައިދިނެވެ.

"އެތާ ކައިރީގައި ހުރި ޑިއުޓީ އޮފިސަރެއް އޭނާ ކައިރީގައި ބުނިން ދުނިޔެމަތީގައި އަދި އަހަރުމެނަށް އިންސާފު ނުލިބުނަސް އާޚިރަތުގައި ކަލޭމެން ތިކުރާ ކަމަށް ޖަވާބުދާރީ ވާން ޖެހޭނެ އޭ،"

އެހެން ބުނުމުން ދެން ތިބި ޑިއުޓީ އޮފިސަރުން އެތަނަށް އެއްކޮށް މަލާމާތާއި ފުރައްސާރަ ކުރި ކަމަށް އިސްމާއިލް ރަޝީދު ބުންޏެވެ.

އެތައް އިރަކު އެތަނުގައި ބެހެއްޓުމަށް ފަހު މާފުށީ ޖަލަށް ދިއުމަށް ތައްޔާރުވުމަށް އެންގުމަށްފަހު އެރޭ ލޯންޗެއްގައި މާފުށީ ޖަލަށް އެނާ ގެންދިޔަ ކަން އިސްމާއިލް ރަޝީދު ފާހަގަކުރެއްވި އެވެ.

މާފުށީ ޖަލަށް އޭނާ ގެންދިޔައިރު ލައިގެން ހުރި އަންނައުނުގެ އިތުރުން ދެން ގެންގޮސްފައިވަނީ މަދު އެއްޗެއް ކަމަށް އޭނާ ބުންޏެވެ. ދެން ހުރި އޭނާގެ ލިޔެކިޔުމާއި ތަކެތި އަދި އަދަށް ދާން ދެން ލިބިފައިނުވާ ކަމަށް ވެސް ބުންޏެވެ.

އެތަކެތި ނުލިބުމުގެ އިތުރުން ބޭސްފަރުވާއިން މަހްރޫމް ކޮށްފައިވާތީ މާޗް މަހުގެ 17 ވަނަ ދުވަހު ބަނޑުހައި ހޫނު ކަމުގެ ހަޅުތާލެއް ތިން ދުވަހާއި 12 ގަޑިއިރު ވަންދެން ކުރިއަށް ގެންދިޔަކަން އިސްމާއިލް ރަޝީދު ފާހަގަކުރެއްވި އެވެ. އަދި އެ ހަޅުތާލު ނިމުމަކަށް ގެނައި ކަރެކްޝަންގެ ފަރާތުން އޭނާއަށް ލިބެންޖެހޭ ހައްގުތައް ދޭނެ ކަމަށް ވައުދު ވުމުން ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ނަމަވެސް ހަ މަސް ވެގެން ދިޔައިރު މިއަދާއި ހަމައަށް ވެސް އެ މައްސަލަތަކަށް ހައްލު ލިބިފައިނުވާއިރު ހުށަހަޅާފައިވާ ޝަކުވާ ފޯމްތަކުގެ ތެރެއިން ޖަވާބު ލިބިފައިވަނީ އެންމެ ފޯމަކަށް ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ކަން އެހެން ހުރުމުން އިސްމާއިލް ރަޝީދުގެ ވަކީލު މައުމޫން ހަމީދު އެދިވަޑައިގެންފައިވަނީ އޭނާގެ މުވައްކިލުގެ ބަންދަށް ލުޔެއް ދިނުމަށެވެ.

ނަމަވެސް ބަންދަށް ލުޔެއް ދިނުމުގެ ކުރިން ކަމާގުޅުންހުރި ފަރާތްތައް ހާޒިރުކޮށް ޖަވާބުދާރީ ކުރުވާނެ ކަން ގާޒީ ވަނީ ވިދާޅުވެފަ އެވެ.

ޔާމީން ރަޝީދު މާރާލީ 2017 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 23 ވަނަ ދުވަހުގެ ރޭ ދަންވަރު އެވެ. އެ މައްސަލާގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި، މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ އިތުރުން މ. އިރާސްމިކުގެ، އަހުމަދު ޒިހާން އިސްމާއީލާއި، ގދ. ގައްދޫ ސިންދުބާދުގޭ، މުހައްމަދު ދިފްރާނާއި، މ. ކުދެހިގެ ހަސަން ޝިފާޒާއި، މ. ތާއިފް އިސްމާއިލް ރަޝީދުގެ މައްޗަށް ވަނީ ކޮށްފަ އެވެ.

comment ކޮމެންޓް