ޖަކާޓާގައި ކޮވިޑް-19 ގެ ކޭސްތައް ކުއްލިއަކަށް ގިނަވެގެން ލޮކްޑައުން ކުރަނީ

ޖަކާޓާ

ޖަކާޓާ (ސެޕްޓެމްބަރު 10): އިންޑޮނީޝިއާގެ ވެރިރަށް ޖަކާޓާގައި ކޮވިޑް-19 ފެތުރޭވަރު ކުއްލިއަކަށް ގިނަވުމުން އެސިޓީ ލޮކްޑައުން ކުރުމަށް އެގައުމުގެ ސިއްހަތާބެހޭ ވުޒާރާއިން ނިންމައިފިއެވެ.

އެ ވުޒާރާއިން ބުނީ ޖަކާޓާގައި ކޮވިޑް-19 ފެތުރޭ މިންވަރު ކުއްލިއަކަށް ގިނަވެ ކޮމިއުނިޓީ ސްޕްރެޑަކަށް ގޮސްފައިވާތީ މިހާލަތު ދިގުދެމިގެން ހިނގައްޖެނަމަ ސިއްހަތާބެހޭ ނިޒާމަށް ކެތްނުވާ މިންވަރަށް ކޭސްތައް އިތުރުވެ ފުރާނައަށް ނުރައްކާވާ ހާލަތަށް ދާ މީހުންގެ އަދަދު އާދަޔާ ޚިލާފަށް ގިނަވެދާނެކަމުގެ ބިރު އޮތުމުން ޖަކާޓާ ސިޓީ ލޮކްޑައުން ކުރުމަށް ނިންމީ ކަމުގައެވެ. މިކަން ހާމަކުރައްވަމުން ޖަކާޓާގެ ގަވަރުނަރު އަނީސް ބަސްވިދާން ވިދާޅުވީ އެސިޓީގެ ދެ އަވަށެއް ފިޔަވައި އެހެން ހުރިހާ އަވަށްތަކެއް ލޮކްޑައުން ކުރުމަށް ނިންމާފައިވާ ކަމުގައެވެ. ނަމަވެސް މި ނިންމުން ތަންފީޒުކުރަން ފަށާނީ އަންނަ ހޯމަ ދުވަހުން ފެށިގެންނެވެ.

ލޮކްޑައުންގެ ތެރޭގައި ސަރުކާރާއި ޕްރައިވެޓް ސެކްޓަރުގެ އޮފީސްތަކާއި ވިޔަފާރިތަކާއި ކެފޭ ރެސްޓޯރެންޓްތަކާއި ޖިމް ސެލޫން ފަދަ ތަންތަންތަން ބަންދުކޮށް މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ނުކުރެވޭނެ ކަމަށާއި އެއްވެސް ބާވަތެއްގެ އެއްވުމެއްވެސް ނުބޭއްވޭނެކަމަށް ގަވަރުނަރު ވިދާޅުވިއެވެ. ނަމަވެސް ލޮކްޑައުން ކުރާ އަވަށްތަކުގެ މުނިސިޕަލް އޮފީސްތަކުން ކަނޑައަޅާ ގޮތެއްގެ މަތިން ވަކިވަކިން މިސްކިތުގައި ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ބާރު އަވަށްތަކުގެ މުނިސިޕަލް އިދާރާތަކަށް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ދުނިޔޭގައި ހަތަރު ވަނައަށް އެންމެ އާބާދީ ބޮޑު ގައުމުކަމަށްވާ އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާގައި މިހާތަނަށް ކޮވިޑް-19 އޮތީ ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ކުރެވި އެއްވަރެއްގައި ހިފެހެއްޓިފައެވެ. 274 ހާސް މީހުންގެ އާބާދީއެއް އޮންނަ އިންޑޮނީޝިއާގައި ކޮވިޑް ޖެހުނުކަމަށް މިހާތަނަށް ރިޕޯޓްކޮށްފައިވާ މީހުންގެ އަދަދަކީ ގާތްގަނޑަކަށް ދެލައްކަ ހަތްދިހަ ހަތަރު ހާހެވެ.

ކޮވިޑް ޖެހިގެން އެގައުމުން މަރުވެފައިވަނީ 8،456 މީހުންނެވެ. ކޮވިޑްގެ ކޭސްތަކުގެ އަދަދަށް ބަލާއިރު އިންޑޮނީޝިއާ އުޅެނީ 23 ވަނައިގައި ކަމަށް ވިޔަސް ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކަށް ބަލާއިރު، ކޮވިޑް-19ގެ ކޭސްތައް އެންމެ ގިނައީ އިންޑޮނީޝިއާގައެވެ. ޖަކާޓާގައި މިހާރު ކޮވިޑް ފެތުރޭ ނިސްބަތް ކޮންޓްރޯލް ކުރުމަށްޓަކައި އެސިޓީ ލޮކްޑައުންކޮށް އަޅަންޖެހޭ އެންމެ ހަރުކަށި ފިޔަވަޅުތައް މަދުވެގެން ދެ ހަފްތާއަށް އެޅުމަށް އެގައުމުގެ އާންމު ސިއްހަތާބެހޭ އިދާރާއިންނާއި ކޮވިޑް ގެ ބަލިމަޑުކަން މެނޭޖްކުރާ އިސް ކޮމިޓީންވަނީ ސަރުކާރަށް ލަފާދީފައެވެ. ދެ ހަފްތާ ތެރޭގައި ހާލަތު ބެލުމަށްފަހު ލުއިދިނުމާމެދު އަލުން ގޮތެއް ނިންމާގޮތަށެވެ.

ޖަކާޓާ ލޮކްޑައުންކޮށް ހަރުކަށި ފިޔަވަޅުތަކެއް ނާޅައިފިނަމަ ކޮވިޑް ގެ ސަބަބުން ވެންޓިލޭޓަރަށް ލައިގެން ފަރުވާ ދޭންޖެހޭ މީހުންގެ އަދަދު ކުރިޔަށްއޮތް ދެހަފްތާއެއްހާ ދުވަހުގެ ތެރޭގައި އާދަޔާ ޚިލާފަށް ގިނަވެ ޖަކާޓާގެ ހޮސްޕިޓަލްތަކަށް ނުތަކާވަރަށް ކަންތައްތައް ގޯސްވެގެންދާނެކަމަށް ޕްރޮޖެކްޝަން ތަކުން ދައްކާ ކަމުގެ އިންޒާރު އެގައުމުގެ ސިއްހަތާބެހޭ ތަޖްރިބާކާރުން ވަނީ ދެއްވާފައެވެ.

(ނޫސްއެޖެންސީތައް)

comment ކޮމެންޓް