އިންޑޮނޭޝިއާގެ ޖާވާ އައިލެންޑަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

2022 ވަނަ އަހަރު އިންޑޮނޭޝިއާގެ ޖާވާއަށް އައި ބިންހެލުމުގައި ހަލާކުވެފައިވާ ސްކޫލެއް. ފޮޓޯ/ބީބީސީ

އިންޑޮނޭޝިއާގެ ޖާވާ އައިލެންޑަށް 6.3 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނީ މި ބިންހެލުން އައިސްފައިވަނީ ބަންޖާރު ސިޓީގެ ދެކުނުން 102 ކިލޯމީޓަރު ދުރުން 68.3 ކިލޯމީޓަރު އަޑިން ކަމަށެވެ. ބިންހެލުމާ ގުޅިގެން ސުނާމީގެ އިންޒާރެއް ނެރެފައެއްނުވެއެވެ.

ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ މި ބިންހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާ ކަމަށެވެ.

ވެރިރަށް ޖަކާޓާގެ އުސް އިމާރާތްތައް ގާތްގަނޑަކަށް މިނިޓެއްހާއިރަށް ބިންހެލުމުގެ އަސަރުކޮށްފައިވެއެވެ. ހުޅަނގު ޖާވާ ޕްރޮވިންސްގެ ވެރިރަށް ބަންޑަންގް އާއި ޖަކާޓާގެ ސެޓެލައިޓް ސިޓީތައް ކަމަށްވާ ޑެޕޮކް، ޓަންގަރަންގް، ބޮގޯ އަދި ބެކާސީގައި އުސް އިމާރާތްތަކަށްވެސް ބިންހެލުމުގެ އަސަރު ވަރަށް ބޮޑަށް ކުރިއެވެ.

އެ ހާދިސާއާ ގުޅިގެން ކުދި ބިންހެލުންތައް އަތުވެދާނެ ކަމުގެ އިންޒާރު ޖިއޮލޮޖިކަލް ސާވިސްއިން ވަނީ ދީފައެވެ.

ހުޅަނގު ޖާވާގެ ސިއަންޖޫރު ސިޓީއަށް 2022 ވަނަ އަހަރު އައި 5.6 މެގްނިޓިއުޑްގެ ބިންހެލުމުގައި 602 މީހުން މަރުވެފައިވެއެވެ. އެއީ 2018 ވަނަ އަހަރު ސުލަވޭސީއަށް އައި ބިންހެލުމާއި ސުނާމީގައި 4،300 އަށް ވުރެ ގިނަ މީހުން މަރުވި ފަހުން އިންޑޮނޭޝިއާގައި އެންމެ ގިނަ މީހުން މަރުވި ހާދިސާއެވެ.

ދެހާސް ހަތަރު ވަނަ އަހަރު އިންޑިއާ ކަނޑުގެ ސަރަހައްދަށް އައި ބާރުގަދަ ބިންހެލުމެއްގައި ސުނާމީއެއް އުފެދި އެކި ގައުމުތަކުން 230،000 އަށް ވުރެ ގިނަ މީހުން މަރުވިއިރު، އޭގެ ތެރެއިން ގިނައީ އިންޑޮނޭޝިއާގެ އާޗޭ ޕްރޮވިންސްގެ މީހުންނެވެ. އެ ސުނާމީގެ އަސަރު ރާއްޖެއަށް ވެސް ވަރަށް ބޮޑަށް ކުރިއެވެ.

comment ކޮމެންޓް