އިންޑޮނީޝިއާގެ އެއާލައިނެއް ކަމަށްވާ ބަޓިކް އެއާގެ ދެ ޕައިލެޓަކު ދަތުރެއްގެ މަތީގައި ނިދި މައްސަލަ ތަހުގީގުކުރަން ފަށައިފިއެވެ.
ޖެނުއަރީ މަހުގެ 25 ވަނަ ދުވަހު އިންޑޮނީޝިއާގެ ސުލަވޭސީން ވެރިރަށް ޖާކާޓާއަށް ދަތުރުކުރި އެ ބޯޓުގައި ތިބި ދެ ޕައިލެޓުން ވަނީ 28 މިނެޓު ވަންދެން ނިދައިފައެވެ. އެ މައްސަލައިގައި އެ ދެ ޕައިލެޓުންވެސް މިހާރު ވަނީ ސަސްޕެންޑުކޮށްފައެވެ. އެއީ، 29 އަހަރާއި 28 އަހަރުގެ ދެ ޕައިލެޓުންނެވެ.
ޖުމްލަ 153 މީހުން އެ ބޯޓުން ދަތުރުކުރިއިރު، އެ ދެ މީހުން ސަސްޕެންޑުކޮށްފައިވަނީ ދަތުރުވެރިންގެ ފުރާނައަށް ނުރައްކާވާ ވެދާނެ ފަދަ ގޮތަކަށް މަސައްކަތުގެ ތެރޭގައި އިހުމާލުވި މައްސަލައިގައެވެ.
އެ ކަމާ ގުޅިގެން ބޯޓު ދަތުރުކުރި މިސްރާބަށް ކޮންމެ ވެސް ވަރެއްގެ ބަދަލެއް އައި ނަމަވެސް، ބޯޓު ފަހުން ވަނީ ރައްކާތެރިކަމާ އެކު ޖަކާޓާއަށް ޖައްސައިފައެވެ. އެ ކަމާ ގުޅިގެން ނުރައްކާތެރި އެއްވެސް ހާދިސާއެއް ހިނގައިފައެއްނުވެއެވެ.
ކޮކްޕިޓްގައި ނިދި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަމުން އަންނައިރު، އެ މީހުން ނިދިކަން އެނގުނީ ޖަކާޓާ އެއާ ޓްރެފިކް ކޮންޓްރޯލުން ކުރި މުއާމަލާތްތަކައް ވެސް އެއްވެސް އިޖާބައެއް ނުދިނުމުންނެވެ.
ދަތުރުގެ ކެޕްޓަނަކަށް ހުރި ޕައިލެޓް ބުނީ އޭނާ ނިދީ ވަރަށް ބޮޑަށް ނިދި އަންނަން ފެށުމުން، ކޯ ޕައިލެޓާ މަސައްކަތް ހަވާލުކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭނާއަށް ނިދިފައި ހޭލެވުނު ކޯ-ޕައިލެޓް ވެސް އިނީ ނިދާފައި ކަމަށް ބުންޏެވެ. އަދި، ކޯ ޕައިލެޓަށް ނިދި ޖެހުނީ އެއް މަސް ފުރުނު އޭނާގެ އެއްމާބަނޑު ދެ ކުދިން ބެލުމުގައި އަންހެނުންނަށް އެހީތެރިވުމަށް ނުނިދާ ހުރުމުން ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ހާދިސާއާ ގުޅިގެން އިންޑޮނީޝިއާގެ އެއާ ޓްރާންސްޕޯޓްގެ ވެރިޔާ އެމް ކްރިސްޓީ އެންޑާ މުރްނީ ވަނީ ބަޓިކް އެއާގެ ސަމާލުކަން މިކަމަށް ގެނެސް، އެއާލައިނުން މިފަދަ ކަންކަމަށް މިހާރަށް ވުރެ ބޮޑަށް ފަރުވާތެރިވުމަށް އަންގައިފައެވެ.
ޕައިލެޓް ހޭނެތިގެން 2019 ވަނަ އަހަރު ވެސް ހަމަ އެ އެއާލައިނުގެ ބޯޓެއް ވަނީ ކުއްލި ގޮތަކަށް ޖައްސައިފައެވެ.