ދިވެހި ރާއްޖޭގައި ހުންނަވާ މޮރޮކޯގެ އޮނަރަރީ ކޮންސުލްގެ މަގާމަށް ވިޔަފާރިވެރިޔާ އަދި އޭޑީކޭ ގްރޫޕުގެ ޗެއާމަން އަހްމަދު ނާޝިދު ހަމަޖައްސައިފިއެވެ.
މޮރޮކޯގެ ސަރުކާރުން ކަނޑައެޅި، ރާއްޖޭގައި ހުންނަވާ އެގައުމުގެ އޮނަރަރީ ކޮންސުލް އަހްމަދު ނާޝިދަށް މިއަދު ވަނީ މަގާމު މަސްއޫލިއްޔަތު އަދާކުރުމުގެ ރަސްމީ ހުއްދައިގެ ލިޔުން (އެގްޒެކުއޭޓާ) އަރުވާފައެވެ. އެ ލިޔުން އޭނާއާ ހަވާލުކޮށްދެއްވީ މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.
ނާޝިދަށް އެގްޒެކެޓާ އެރުވުމަށްފަހު، މިނިސްޓަރު ޝާހިދު ވަނީ ދެގައުމުގެ ގުޅުން ބަދަހިކުރުމުގައި އޮނަރަރީ ކޮންސުލްގެ ދައުރުގެ މުހިންމު ކަމާ ބެހޭ ގޮތުން ވާހަކަ ދައްކަވައިފައެވެ.
އެހެން ގައުމުތަކުން ރާއްޖެއަށް ކަނޑައަޅާ އޮނަރަރީ ކޮންސުލް އިންނަކީ އެގައުމުތަކުގެ ސަރުކާރުތަކުން ކަނޑައަޅާ ބޭފުޅުންނެވެ.
އޮނަރަރީ ކޮންސުލުން އައްޔަންކުރުމުގައި ދިވެހި ސަރުކާރުގެ ދައުރަކީ އޮނަރަރީ ކޮންސުލްގެ ގޮތުގައި އެގައުމަކުން ކަނޑައަޅާ ބޭފުޅަކު، ރާއްޖޭގައި އޮނަރަރީ ކޮންސުލްގެ ގޮތުގައި މަސައްކަތްކުރުމުގެ ހުއްދަ ދިނުން ކަމަށް ފޮރިން މިނިސްޓްރީ އިން ބުންޏެވެ.
އޮނަރަރީ ކޮންސުލް ކަނޑައެޅުމުގައި ސަރުކާރުގެ އަދި ފޮރިން މިނިސްޓްރީގެ އެއްވެސް ދައުރެއް ނޯވެއެވެ. މިކަން ހިނގަނީ ވިއެނާ ކޮންވެންޝަންގެ ދަށުންނެވެ.