މާލޭގެ ކުރީގެ ޑެޕިއުޓީ މޭޔަރު ސުޖާއުގެ މައްޗަށް ދައުވާކޮށްފި

މާލޭ ސިޓީ ކައުންސިލުގެ ކުރީގެ ޑެޕިއުޓީ މޭޖަރު އިބްރާހިމް ޝުޖާއު --

މާލޭ ސިޓީ ކައުންސިލުގެ ކުރީގެ ޑެޕިއުޓީ މޭޔަރު އިބްރާހިމް ޝުޖާއުގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ ކޮށްފި އެވެ.

މާލޭ ސިޓީގެ ގޯއްޗަކުން އަމިއްލަ ފަރާތަކަށް ލިބިފައިވާ 250 އަކަފޫޓުގެ ބިމެއްގައި، މާލޭ ޕްލޭނިން ގަވާއިދުގައިވާ މިނަށްވުރެ އުސްކޮށް އިމާރާތްކުރުމަށް ހުއްދަ ދިން މައްސަލަ ތަހުގީގުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ މިދިޔަ އަންގާރަ ދުވަހު ޝުޖާއުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފަ އެވެ.

ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަދި މީޑިއާ އޮފިޝަލު އަހުމަދު ޝަފީއު މިއަދު ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުގެ މަގާމުގައި ހުންނަވައި، މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން، މާލޭ ޕްލޭނިން ގަވާއިދުގައި ހުއްދަކޮށްފައިވާ މިންވަރަށްވުރެ އުސްކޮށް ގެއެއް އިމާރާތްކުރުމަށް ހުއްދަދިން މައްސަލާގައި ޝުޖާއުގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދައުވާކޮށް އެ މައްސަލަ ކްރިމިނަލް ކޯޓަށް މިއަދު ފޮނުވާފައިވާ ކަމަށެވެ.

އެ ދައުވާ ކުރީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނު ގެ 12 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެމާއްދާގެ (ށ) ގެ ދަށުން ކަމަށް ޝަފީއު ވިދާޅުވި އެވެ.

ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނު ގެ 12 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ ސަރުކާރުގެ ނުވަތަ ސަރުކާރު ބައިވެރިވާ ފަރާތެއްގެ މުވައްޒަފަކު އޭނާ ވަޒީފާ އަދާކުރާ އޮފީހަކުން ނުވަތަ ތަނަކުން ކުރާ ކަމަކާއި ގުޅިގެން ނުވަތަ އެ މުވައްޒަފެއްގެ ވަޒީފާ ބޭނުންކޮށްގެން ނުވަތަ އެ މުވައްޒަފެއްގެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދުމާއި ހޯދައިދިނުމަކީ ކުށެއް ކަމަށެވެ.

އެމާއްދާގެ (ށ) ގައި ބުނެފައިވަނީ އެކުށް ކުރާ މީހެއްގެ އަދަބަކީ ތިން އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުން ކަމަށެވެ.

އޭސީސީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ މައްސަލައިގައި ހިމެނޭ ބިމުގެ ބޮޑުމިނަކީ 250 އަކަފޫޓުކަމަށާއި އެ ބިމުގައި، މާލޭ ޕްލޭނިން ގަވާއިދާ އެއްގޮތަށް އިމާރާތް ކުރުމުގެ ހުއްދަ ދެވޭނީ 6.27 މީޓަރަށް ކަން މައްސަލައިގެ ލިޔުންތަކުން އެނގޭ ކަމަށެވެ.

ނަމަވެސް އެ ބިމުގައި މާލޭ ޕްލޭނިން ގަވާއިދާ ހިލާފަށް 12 މީޓަރަށް އިމާރާތް ކުރުމުގެ ހުއްދަދީ 15 ޖެނުއަރީ 2014 ގައި މާލޭ ސިޓީ ކައުންސިލްގެ އިދާރާއިން "އިމާރާތުގެ ކުރެހުން ފާސްކުރިކަމުގެ ލިޔުން" އަދި "އިމާރާތް ކުރުމުގެ ހުއްދަ" ދޫކޮށްފައިވާ ކަމަށް އޭސީސީގެ ބަޔާނުގައިވެ އެވެ. އަދި އެ ހުއްދަތަކަކީ ސުޖާއު ސޮއިކޮށް ދޫކޮށްފައިވާ ހުއްދަތަކެއް ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ހަމައެއާއެކު އެ ބިމުގައި އިމާރާތް ކުރުމުގެ ހުއްދަ ދޫކޮށްފައިވަނީ، އެ ބިމުގައި ހަތަރު ބުރިއަށް އިމާރާތް ކުރުމަށް މާލޭ ސިޓީ ކައުންސިލްގެ އިދާރާއިން 1995 ވަނަ އަހަރު ހުއްދަ ދީފައިވާކަމަށް، ސުޖާއު ސޮއިކޮށްފައިވާ ލިޔުމަކަށް ބިނާކޮށް ކަމަށް ވެސް ތަހުގީގަށް ފާހަގަވެފައިވާ ކަމަށް އޭސީސީން ބުންޏެވެ.

comment ކޮމެންޓް