ވައިގަދަވެ، އިމާރާތްކުރާ ތަންތަނުގެ ސަލާމަތް ކަށަވަރުކުރަން މިނިސްޓްރީން އެދެފި

މޫސުން ގޯސްވެ، ހުޅުމާލޭ ކޮންސްޓްރަކްޝަން ސައިޓެއްގެ ފެންސެއް ވެއްޓިފައި --

މި ދުވަސްވަރު މުޅި ރާއްޖެއަށް ވެސް ވައިގަދައިރު، އިމާރާތްކުރާ ތަންތަނުގެ ސަލާމަތީ ކަންކަން ހަރުދަނާކުރަން އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން މިއަދު އިލްތިމާސްކޮށްފިއެވެ.

ވިއްސާރައިގައި ވައިގަދަވެ، ހުކުރު ދުވަހު ވެސް އިމާރާތެއްގެ ވަށައިގެން ޖަހާފައި ހުރި ފެންސު ވެއްޓިފައެވެ.

މި ކަމާ ގުޅިގެން އެ މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ، ކުރިއަށް އޮތީ ހުޅަނގު މޫސުމުގެ ދުވަސްވަރަށްވުމުން މޫސުން ގޯސްވެ، ވައި ވެސް ގަދަވާނެ ކަމަށެވެ. އަދި، އެކަމުގެ ސަބަބުން މަސައްކަތުގެ ސައިޓުގައި ހަރުކޮށްފައި ހުންނަ ނުވަތަ ބޭނުންކުރާ ތަކެތި ވިއްސައިގެން ގޮސް ހިތާމަވެރި ހާދިސާއެއް ހިނގައިފާނެ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

އެހެންވެ، އެކަން އެގޮތަށް ވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ހުރިހާ ސަލާމަތީ ފިޔަވަޅެއް އަޅައި ސަލާމަތީ މިންގަނޑުތައް ކަށަވަރުކުރަން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން، މިހާރު އިމާރާތުގެ މަސައްކަތް މަޑުޖެހިފައިވާ ސައިޓުތަކުގައިވާ ތަކެތި ވެސް ވަޔާ އެކު ނުދާނެ ގޮތަށް ރައްކާތެރިކޮށް ބަހައްޓަން މިނިސްޓްރީން ވަނީ އަންގައިފައެވެ.

ސަލާމަތީ ފިޔަވަޅު ނާޅައި މަސައްކަތް ކުރާ މީހުންގެ މައްސަލައަކީ މިހާރު އާންމުވެފައިވާ މައްސަލައެކެވެ. ފާހަގަކޮށްލެވޭ ގޮތުގައި ރައްކާތެރިކަމުގެ ފިޔަވަޅު ނާޅައި މަސައްކަތްކުރި ބަޔަކު އިއްޔެ މާލޭ ސިޓީ ކައުންސިލުން ވެސް ވަނީ 500 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.

މީގެ އިތުރުން، މި ދުވަސްވަރަކީ ހުޅަނގު މޫސުމަށްވެފައި މި ދުވަސްވަރު އަބަދު ވެސް މަދިރީގެ ސަބަބުން ފެތުރޭ ބަލިތައް ގިނަވާ ދުވަސްވަރަކަށްވުމުން އެ ކަމަށް ރައްކާތެރިވުމަށް ވެސް އެ މިނިސްޓްރީން ވަނީ އެދިފައެވެ.

އެގޮތުން، އިމާރާތްކުރާ ސައިޓުތަކަކީ މަދިރި އާލާވާފަދަ ފެން ހަރުލާފައި ހުންނަ ތަންތަނަށްވުމުން އެފަދަ ތަންތަން ސާފުކޮށް މަދިރި އާލާވާނޭ ފަދަ ތަންތަން ނައްތާލުމަކީ މަދިރިން ފެތުރޭ ބަލިތައް ކޮންޓްރޯލްކުރަން މުހިންމު ކަމެއްކަން ވެސް އެ މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

comment ކޮމެންޓް