ތެލަސީމިއާ ކުދިންނަށް ހުރި ގޮންޖެހުންތަކުގެ ރިޕޯޓް ނިމިއްޖެ

އިޖުތިމާއީ ކޮމިޓީގެ ބައްދަލުވުން-- ފޮޓޯ:މަޖިލިސް ޓްވިޓާ

ތެލަސީމިއާ ކުދިންނަށް މިހާރު ދިމާވެފައިވާ މައްސަލަތައް ހައްލު ކުރެވޭނެ ގޮތްތައް ދެނެގަތުމަށް ރައްޔިތުންގެ މަޖިލީހުން ތެލަސީމިއާ ސޮސައިޓީއާ ހަވާލުކުރި ރިޕޯޓުގެ މަސައްކަތް ނިންމާލެވިފައިވާކަމަށް އެ ޖަމިއްޔާއިން ބުނެފި އެވެ.

އެ ރިޕޯޓް ތައްޔާރު ކުރުމަށް އެ ޖަމްއިއްޔާއާ ހަވާލުކުރީ ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީންނެވެ.

ތެލަސީމިއާ ސޮސައިޓީގެ ޗެއާ ޕާސަން ޖީހާން ސަލީމް "ސަން"އަށް ވިދާޅުވީ ކޮމިޓީއިން ހަވާލުކުރި ރިޕޯޓުގެ މަސައްކަތް މިހާރު ނިންމާލެވިފައިވާ ކަމަަށާއި ކުރިއަށް އޮތީ ކަމާ ގުޅޭ އެކި ދާއިރާތަކުގެ ބޭފުޅުންނާއި އެކު ކުރިއަށްގެންދަން ހަމަޖެހިފައިވާ ވޯކްޝޮޕެއް ކަމަށެވެ.

https://sun.mv/139661

ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް މި މައްސަލަ ތެލަސީމިއާ ސޮސައިޓީއިން ހުށަހެޅީ އެކުދިންގެ ފަރުވާ އާއި އެނޫންވެސް ކަންކަމާއި ގުޅޭގޮތުން ބޮޑެތި ފާޑުކިޔުންތަކެއް މޯލްޑިވްސް ބްލަޑް ސާވިސަސް އާއި ސަރުކާރަށްވެސް އަމާޒުވެފައިވަނިކޮށެވެ.

މިގޮތުން ބްލަޑް ސާވިސަސް އިން ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ދަށްވުމާއި، ބޭސްފަރުވާގެ ކަންކަމުގައި އެކަށީގެންވާ ޒަމާނީ ކުރިއެރުންތަކެއް ލިބިފައި ނުވުމާއި، ސަރުކާރުން ތެލަސީމިއާ ކުދިންގެ ފަރުވާއަށް ކުރާ ހޭދައާ އެއްވަރަށް ނަތީޖާ ފެންނަމުން ނުދިއުމަކީ ތެލަސީމިއާ ކުދިންނާއި އަދި ތެލަސީމިއާ ސޮސައިޓީއިންވެސް ފާހަގަކޮށްފައިވާ ކަންބޮޑުވުންތަކެކެވެ.

https://sun.mv/139441

ޖުލައި މަހުގެ ހަވަނަ ދުވަހު ބޭއްވި މަޖިލީހުގެ ކޮމިޓީ ބައްދަލުވުމުގައި ނިންމީ ތެލަސީމިއާ ކުދިންނަށް ފަރުވާކުރުމުގައި މިިހާރު ހުރި ވަސީލަތްތައް ގުޅިގެން ބޭނުންކުރާނެ ގޮތަކާއި، ނެތް ވަސީލަތްތައް އިތުރަށް ގާއިމްކޮށް ކުރަންޖެހިފައިވާ ކަންކަން ސާފުވާ ރިޕޯޓެއް އެކުލަވާލުމަށް ތެލަސީމިއާ ސޮސައިޓީއާ ހަވާލުކުރުމަށެވެ.

އެއަށްފަހު އަނެއްކާވެސް ކޮމިޓީގައި މި ރިޕޯޓް ދިރާސާ ކުރެވޭނެކަމަށް މުގައްރިރު ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ ވަނީ ވިދާޅުވެފަ އެވެ.

މި މަސައްކަތް ނިންމުމަށް އެއްމަސް ދުވަސް ދެވުނު ނަމަވެސް، ދެމަސް ފާއިތުވީއިރުވެސް މަސައްކަތް އެއްކޮށް ނިންމާލެވިފައެއް ނުވެއެވެ.

މިވަގުތު ހޯމް އައިސޮލޭޝަންގައި ހުންނެވި، ޖީހާން ވީދާޅުވީ މަސައްކަތް ލަސްވަމުންދަނީ، ކޮވިޑް19ގެ މި ހާލަތުގައި ސަރުކާރާއި ކަމާއި ގުޅޭ އެކި ދާއިރާތަކުގެ އިސްވެރިންނަށް އެކި ދަތިތަކާއި ހުރެ ބައްދަލު ނުވެވޭތީ އެވެ. އެހެން ނަމަވެސް މި މަހުގެ ތެރޭގައި މި ބައްދަލުވުން ބޭއްވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ތެލަސީމީއާގެ ސަބަބުން ދިމާވާ އެކި މައްސަލަތަކުގައި ފަރުވާ ނުކުރެވި ގިނަ އަދަދެއްގެ ކުދިންތަކެއްގެ ފުރާނަ ގެއްލިފައިވާއިރު، މި ހޮނިހިރު ދުވަހުވެސް ތެލަސީމިއާ ޕޭޝަންޓެއް ވަނީ ހާޓް އެޓޭކެއްގައި މަރުވެފަ އެވެ.

comment ކޮމެންޓް