ތެލަސީމިއާ ކުދިންނަށް ދިމާވެފައިވާ މައްސަލަތައް ދިރާސާކޮށް ހައްލު ހޯދުމަށް ހާއްސަ ރިޕޯޓެއް އެކުލަވާލަނީ

އިޖުތިމާއީ ކޮމިޓީގެ ބައްދަލުވުން-- ފޮޓޯ:މަޖިލިސް ޓްވިޓާ

ތެލަސީމިއާ ކުދިންނަށް މިހާރު ދިމާވެފައިވާ މައްސަލަތަކާ ގުޅިގެން، ކަމާ ގުޅޭ ދާއިރާތަކުން އެއްވެ ވޯކްޝޮޕްއެއް ރާވައި، ގުޅިގެން މަސައްކަތްކުރެވޭނެ ގޮތްތަކެއް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީ އިން ތެލަސީމިއާ ސޮސައިޓީއާ ހަވާލުކޮށްފިއެވެ.

ތެލަސީމިއާ ސޮސައިޓީއިން ހުށަހެޅި މައްސަލައަކާ ގުޅިގެން ކަމާބެހޭ އެކި މުވައްސަސާތަށް ހާޒިރުކޮށް އިޖްތިމާއީ ކޮމިޓީއިން ހޯމަދުވަހުގެ މެންދުރު ބޭއްވި ބައްދަލުވުމުގައި މި ރިޕޯޓު އެކުލަވާލުމަށް ދީފައިވަނީ އެއް މަސްދުވަހުގެ މުއްދަތެކެވެ.

ތެލަސީމިއާ ކުދިންގެ ފަރުވާ އާ ގުޅޭ އެކިއެކި މައްސަލަތައް ފެންމަތިވެ ބޮޑެތި ފާޑުކިޔުންތަކެއް މޯލްޑިވްސް ބްލަޑް ސާވިސަސް އަށާއި ސަރުކާރަށްވެސް ވަނީ އަމާޒުވެފައެވެ.

އިޖްތިމާއީ ކޮމިޓީގައި ތެލަސީމިއާ ސޮސައިޓީއިން ފާހަގަކުރެއްވި އެންމެ ބޮޑު އެއް މައްސަލައަކީ ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ތެލަސީމިއާ ކުދިންނަށް ކުރެވޭއިރުވެސް އޭގެ ނަތީޖާ އެދެވޭ ގޮތެއްގައި މިވީ އަހަރުތަކުގައި ފެންނަމުން ނުދިއުމެވެ.

މިގޮތުން ތެލެސީމިއާ ސޮސައިޓީގެ ފަރާތުން ޗެއާ ޕާސަން ޖީހާން ސަލީމް ވިދާޅުވީ، އެވްރެޖް ގޮތެއްގައި ތެލަސީމިއާ ކުއްޖެއްގެ ބޮލަކަށް ދައުލަތުން ކުރާ ހަރަދު ސަރަހައްދީ ގައުމުތަކާ އަޅާބަލާއިރު ރަނގަޅުނަމަވެސް 2014 އާއި 2019 ގެ ދިރާސާތަކުގެ ނަތީޖާތަކުގައިވެސް ތަފާތެއް ނުފެންނަ ކަމަށެވެ.

މިގޮތުން 2014 ވަނަ އަހަރު 59 ކުދިން ބޭނުންކޮށްގެން ހެދި ދިރާސާއެއްގެ ނަތީޖާ ދައްކާގޮތުން ހަށިގަނޑުގައި ދަގަނޑުގެ މިންވަރު އެއްހާހަށްވުރެ ދަށްކޮށް ފެނުނީ އެންމެ ހަތަރު ކުދިންގެ ކަމަށާއި 2017 ގައި މި ދިރާސާ ހެދުނުއިރުވެސް މެޖޯރިޓީ ކުދިންގެ ހަށިގަނޑުގައި ދަގަނޑުގެ މިންވަރު ހުރީ ކަންބޮޑުވާންޖެހޭ މިންވަރެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ.

"ކޮމްޕްލައިންސްގައި މައްސަލަ އެބަހުރި. އެއްހާހަށްވުރެ މަތީގައި ދަނގަޑުގެ ބައި ހުރުމުން އެ ބުނަނީ އެކުދިންގެ ފުރާނައަށް ގެއްލުންއެބަވެއޭ. އަޔަން ކީލޭޝަން އަކީ ވަރަށް ޚަރަދު ބޮޑު ޓްރީޓްމަންޓެއް. މިއީ ބަލާލަން ހިތްދަތިވާ މަންޒަރުތަކެއް،" އޭނާ ވިދާޅުވިއެވެ.

އެހެންނަމަވެސް ތެލެސީމިއާ ކުދިންތަކެއް އަމިއްލައަށް އިސްނަގައިގެން ހެދި ދިރާސާއެއް ދައްކާގޮތުން އެކުދިންނަށް ދޭންޖެހޭ ފަރުވާ އުމުރާ އެއްގޮތަށް ދެވި، ރަނގަޅަށް މައުލޫމާތު ހިއްސާކުރެވި މޮނިޓާކުރެވޭނަމަ ތިން މަސް ދުވަހުގެ ތެރޭގައި ދަގަނޑުގެ ބައި ކޮންޓްރޯލް ކުރެވިދާނެއެވެ.

މި މައްސަލަތަކާ ގުޅިގެން ތެލަސީމިއާ ކުދިންގެ ކަންކަން އިންތިޒާމްކޮށް ބަލަހައްޓަމުންދާ މޯލްޑިވްސް ބްލަޑް ސާވިސަސްގެ ކްލިނިކަލް ނާސްގެ ފަރާތުން ގުލިސްތާން އީސާ ވިދާޅުވީ ކުދިންގެ ފަރުވާގެ ކަންކަން ވީއެންމެ ރަނގަޅަށް ކޮށްދެވޭތޯ މަސައްކަތްކުރާ ކަމަށެވެ. އަދި 2019ގައި ކައިރިކައިރިން ގިނަ ކުދިންތަކެއް ނިޔާވުމާއިއެކު، އެ މަރުތަކުގެ ރިވިއު އެއް ތައްޔާރުކުރެވި، ފަރުވާއަށް ބަދަލެއް ގެންނަން ޖެހިއްޖެނަމަ އެކަން ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޕޭޝަންޓުންގެ ފަރުވާ މޮނިޓާކުރުމުގެ ގޮތުން ކުރިން ބޭނުންކުރި ފޮތް ސިސްޓަމް އުވާލައި ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތްކުރެވެމުން އަންނައިރު، ޑޮކްޓަރަށް ދެއްކުމުގެ ކަންކަން ފަހިކޮށްދިނުމުގެ މަސައްކަތްވެސް ކުރަމުން ދާކަމަށް އޭނާ ވިދާޅުވިއެވެ.

އިޖުތިމާއީ ކޮމިޓީގެ ބައްދަލުވުން-- ފޮޓޯ:މަޖިލިސް ޓްވިޓާ

އައިޖީއެމްއެޗްގެ ފަރާތުން ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު ނިޔާޝާ އިބްރާހިމް ވިދާޅުވިގޮތުގައި އަތޮޅުތަކުގައި ތިބި ތެލަސީމިއާ ކުދިންނަށް އަޔަން ކީލޭޝަންއަށް ބޭނުންވާ ބައެއް ތަކެތި ލިބުމުގައިވެސް އުނދަގޫތަކެއް ކުރިމަތިވެއެވެ. އަދި މިހާރު ތެލަސީމިއާ ކުދިންގެ އާބާދީއަށް ބަލައި، އުމުރުން ބޮޑެތި ކުދިންނަށް ހާއްސަ ކްލިނިކްތަކެއް ހެދުމަށް އިސްކަމެއް ދޭންޖެހެއެވެ.

މީގެއިތުރުން މި ބައްދަލުވުމުގައި އޭޑީކޭގެ ޗީފް މެޑިކަލް އޮފިސާރ އަދި ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަބްދުﷲ ނިޔާފް ވެސް ބައިވެރިވެވަޑައިގެންނެވިއިރު، އޭނާވަނީ މިހާރު ތެލަސީމިއާ ކުދިންނަށް ދެވޭ ފަރުވާއާ ބެހޭގޮތުން ބޮޑެތި ކަންބޮޮޑުވުންތަކެއް ހިއްސާކުރައްވާފައެވެ. މިގޮތުން ރާއްޖޭގައިވެސް ދެވެނީ ބޭރުގެ އެހެން ގައުމުތަކުގައިވެސް ދެވޭ ފަރުވާތަކެއް ނަމަވެސް ޚިދުމަތުގެ ފެންވަރާމެދު ގިނަ ސުވާލުތަކެއް އޭނާ ކުރެއްވިއެވެ.

މިގޮތުން އޭޑީކޭގައި އެމްއާރްއައި T2 ޓެސްޓް ހެދުމުގެ ވަސީލަތްތައް ގާއިމްވެފައި ހުރިނަމަވެސް އެކަށައަޅަންޖެހޭ ގަވާއިދުތައް ނެތުމުގެ ސަބަބުން އެ ޚިދުމަތް ނުދެވި ފަސް އަހަރު ފާއިތުވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ތެލަސީމީއާ ކުދިންނަށް ހާޢްސަ ޕެކޭޖެއް ތައާރަފްކޮށްފައި ވީނަމަވެސް އެ ޚިދުމަތްވެސް ބޭނުންނުކުރާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ޑރ. ނިޔާފަކީ އޮސްޓްރޭލިއާގެ ތެލަސީމިއާ ސެންޓަރެއްގައި ގިނަ އަހަރުތަކެއްވަންދެން ޚިދުމަތްކުރެއްވި ބޭފުޅެއް ކަމުގައިވާއިރު، ރާއްޖޭގައި ބްލަޑް ޓްރާންސްފިއުޝަންގައިވެސް ރަނގަޅުކުރެވިދާނެ ގިނަކަންކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ތެލަސީމިއާ ކުދިން އެންމެ ބޮޑަށް މާޔޫސްވާން ދިމާވާއެއް ސަބަބަކީ އެކުދިންގެ ޑިފޯމިޓީސް ހުރުމުންކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އެއީވެސް ޚިދުމަތުގެ ފެންވަރު ރަނގަޅު ކޮށްފިނަމަ ހައްލުކުރެވިދާނެކަމެއްކަމަށެވެ.

"ބޭނުންކުރެވިދާނެ ބައިވަރު ރިސޯސަސް އެބަހުރި. ދުނިޔޭގެ ގައުމުތަކުގައި 90 އަހަރުވީ ތެލަސީމިއާ މީހުންނާއި، ދަރިން ލިބިފައިވާ މީހުންނާއި، ޕީއެޗްޑީ ނަގައިން ތިބި މީހުންވެސް އެބަތިބި. ލިބެންހުރި ހުރިހާ ވަސީލަތަކާއި ދުރުދުރުން މާ އެކަހެރިވެގެން މިކަން ކުރަން އުޅޭތީ ނުކުރެވިގެން މިއުޅެނީ" ޑރ. ނިޔާފް ވިދާޅުވިއެވެ.

އެއާއެކު ކޮމިޓީގައި ދެން ވާހަކަދެކެވުނު އެއް މައްސަަލައަކީ ހޭލުންތެރިކަމުގެ ޕްރޮގްރާމުތަކުގެވެސް ނަތީޖާ ނުފެނުމުގެ މައްސަލައެވެ. މިގޮތުން މިފަހުންވެސް އަހަރެއްގެ މައްޗަށް ވިއްސަކަށް ތެލަސީމިއާ ކުދިން އުފަންވާ ކަމުގައި ސޮސައިޓީ ފޯ ހެލްތް އެޑިއުކޭޝަން (ޝީ)ގެ ސީއީއޯ އަހުމަދު ޝަފީއު ވިދާޅުވިއެވެ. އަދި ޕްރީނޭޓަލް ސްކްރީނިން ރާޢްޖޭގައި ހެދެން ނެތުމަކީވެސް އިތުރު ދަތިތަކެއް ދިމާވާ ސަބަބެއް ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.

އިޖުތިމާއީ ކޮމިޓީގެ ބައްދަލުވުން-- ފޮޓޯ: މަޖިލިސް

ކޮމިޓީގެ މެންބަރުންގެ ފަރާތުންވެސް މިކަންކަމަށް ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރިއިރު، މޯލްޑިވްސް ބްލަޑް ސާވިސަސްއަށްވަނީ ގިނަ ސުވާލުތަކެއް އަމާޒުވެފައެވެ. މިގޮތުން ތެލަސީމިއާ ގާނޫނުގައި ލާޒިމްކުރާ ޑިރެކްޓާ ޖެނެރަލަކު ނެތްތޯ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ކުރެއްވި ސުވާލަށް އެމްބީއެސް އިން ވިދާޅުވީ ޑީޖީއަކު ނެތި ދެތިން އަހަރު ފާއިތުވެއްޖެކަމަށާއި ނަމަވެސް މަގާމުގެ ޝަރުތުތައް އާކޮށް ސިވިލް ސާވިސް ކޮމިޝަނަށް މިހާރު ފޮނުވާފައިވާކަމަށެވެ.

މީގެއިތުރުން ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދުވެސް ވަނީ އެމްބީއެސް އިން ދެމުންގެންދާ ޚިދުމަތްތަކާ ގުޅިގެން ގިނަ ސުވާލުތަކެއް އަމާޒުކުރައްވާފައެވެ.

ކޮމިޓީ ބައްދަލުވުމުގައި ނިންމުނީ ދުވާފަރު ދާއިރާގެ މެންބަރު އިސްމާއިލް އަހުމަދުގެ ހުށަހެޅުއްވުން ކަމުގައިވާ ތެލަސީމިއާ ކުދިންނަށް ފަރުވާކުރުމުގައި މިިހާރު ހުރި ވަސީލަތްތައް ގުޅިގެން ބޭނުންކުރާނެ ގޮތަކާއި ނެތް ވަސީލަތްތައް އިތުރަށް ގާއިމްކޮށް ކުރަންޖެހިފައިވާ ކަންކަން ސާފުވާ ރިޕޯޓެއް އެކުލަވާލުމަށް ތެލަސީމިއާ ސޮސައިޓީއާއި ހަވާލުކުރުމަށެވެ. އެއަށްފަހު އަނެއްކާވެސް ކޮމިޓީގައި މި ރިޕޯޓް ދިރާސާ ކުރެވޭނެކަމަށް މުގައްރިރު ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ ވިދާޅުވިއެވެ.

comment ކޮމެންޓް